މަސައްކަތްތަކަށް ފައިސާ ލިބޭނެ މަގެއް ތަނަވަސްކުރަން ޖެހިފައި

"ކުރިން އުންމީދުކުރި ގޮތަށް ކަންތައްތައް ނުދިއުމުގައި ތަފާތު ސަބަބުތައް އެބަހުރި. ފަސޭހައިން ލޯން ލިބޭނެ ގޮތްތައް ހަމަޖެހިފައި ނެތުމަކީ ވެސް ވަރަށް ބޮޑު ހުރަހެއް،" މަސް ބޭރުކުރާ ކުންފުންޏެއްގެ ވެރިއަކު މީގެ އަހަރުތަކެއް ކުރިން ވިދާޅުވެފައި ވެ އެވެ.
ނަމަވެސް މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރު ވެސް ދައްކަނީ އެއް ވާހަކައެކެވެ. މަސައްކަތް ފަށައިގަތުމަށާއި ތަރައްގީކުރުމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ނެތުމެވެ. ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ނޫނީ ލޯނު ލިބޭނެ މަގެއް ތަނަވަސްވެފައި ނެތް ވާހަކަ އެވެ.
"އިންވެސްޓްމެންޓަށް މަގުފަހިކުރާ ބޭންކެއް ރާއްޖެއަކު ނެތް. ކިރިޔާ ވެސް ލޯނެއް މި ލިބެނީ ސަރުކާރުން ހިންގާ މަޝްރޫއެއްގެ ދަށުން. ނަމަވެސް އެއީ ވެސް ފަސޭހައިން ލިބޭނެ ލޯނެއް ނޫން. ކޮމާޝަލް ބޭންކްތަކުން ލޯން ނަގައިގެން މަސައްކަތްކުރުމަކީ ވަރަށް ބޮޑު ރިސްކެއް. އެ ލޯންތައް އަމާޒުކޮށްފައި ހުންނާނީ އިންވެސްޓްމަންޓްތަކަށް މަގުފަހިވާ ގޮތަކަށް ނޫން،" އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން މިހާތަނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ލޯނު ދޫކުރައްވައިފަ އެވެ. މި ގޮތުން މަސްވެރިކަމަށް އަމާޒުކޮށްގެން މި އަހަރުގެ ކުރީކޮޅު ހަތް މިލިއަން ރުފިޔާގެ ލޯން މަޝްރޫއެއް ފިޝަރީޒް މިނިސްޓްރީން ހިންގަވާފައިވާ އިރު މަސްވެރިކަން ދަށްވެ ގިނަ ދުވަސްތަކެއްވެ، މަސްވެރިންނަށާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ގެއްލުންވަމުންދާތީ އިތުރު 15 މިލިއަން ރުފިޔާގެ ލޯނު ދެއްވުމަށް ސަރުކާރުން މި މަހުގެ ތެރޭގައި ވަނީ ނިންމަވައިފަ އެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މަސްވެރިންނާއި މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރައްވާ ލޯނު މަޝްރޫގެ ދަށުން 50،000ރ. އަށް ވުރެ މަތީ ލޯނު ނަގާ ފަރާތްތަކުން ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާ މިންވަރެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި 50،000ރ. އަށް ކުދި ލޯނު ހޯދާ ފަރާތްތަކުން ރަހުނެއްގެ ގޮތުގައި އެއްޗެއް ބަހައްޓަން ނުޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގައި ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަންބާ އެވެ؟ އެހެން މަސައްކަތެއް ކުރުމަށް ފުރުސަތު ނެތީބާ އެވެ؟ މި ތިން މަސައްކަތް ފިޔަވައި އިންވެސްޓެއް ކުރަން ބަލާއިރު ލޯނު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކޮމާޝަލް ބޭންކްތަކުން ލޯން ހޯދަން ބަލާއިރު އެތައް ހުރަހެއް ހުރި އިރު ލޯން ދޫކުރާނެ އެހެން ފަރާތެއް ނެތެވެ. މޯލްޑިވްސް ފައިނޭންޝަލް ލީސިންގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވީ ނަމަވެސް އެއީ ވެސް ލޯން ހޯދުމަށް ފަސޭހަ މަގެއް ނޫނެވެ.
"ހުރިހާ ވެސް މައްސަލަ އަކީ އިންވެސްޓްމަންޓް ބޭންކެއް ނެތުން. އިގްތިސާދެއް ކުރިއެއް ނާރާނެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް ނުދީއެއް. އެފަދަ ބޭންކެއް ނެތް ނަމަ އަބަދުވެސް ޖެހެނީ ސަރުކާރުން ލޯން ސްކީމްތައް ހިންގަން. ކޮންމެ ކަމަކަށް ލޯން ސްކީމެއް ހަދައިގެން މަޝްރޫއުތައް ހިންގުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން،" ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯން ސްކީމްތަކެއް ހެދުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރުން ނުވަތަ ބޭރުގެ އެފަދަ ބޭންކަކަށް ފުރުސަތު ހުޅުވައިލުން މުހިންމު ކަމަށެވެ.
"އޭރުން ފައިސާ ލިބޭނެ މަގެއް ތަނަވަސްވާނެ. އަދި އޮޓަމެޓިކް ޕްރޮސެސްއެއްގެ ދަށުން ލޯންތައް ދޫކުރެވި އިންވެސްޓްމަންޓްތަކަށް މަގުފަހިވާނެ. މިއީ ތަރައްގީވަމުން އަންނަ ކޮންމެ އިގްތިސާދެއްގައި ވެސް ހުންނަންޖެހޭނެ ލާޒިމް ސިފައެއް،" އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް އަމާޒުކުރައްވައިގެން ސަރުކާރުން ވަރަށް ފަހުން ވަނީ 11 ފަޅުރަށެއް އަމިއްލަ ފަރާތްތަކަށް ދޫކުރެއްވުމަށް ބީލަމަށް ހުޅުވާލައްވައިފަ އެވެ. މިއިން ކޮންމެ ރަށެއްގައި ވެސް މަސައްކަތެއް ފަށައިގަތުމަށް ބޮޑު އިންވެސްޓެއް ކުރަންޖެހޭނެ ކަމަށް ބެލެވެ އެވެ. ސުވާލަކީ މި ކަމަށް ބޭނުންވާ ފައިސާ ހޯދާނީ ކޮންތާކުންބާ އެވެ؟ ރަށްތަކެއް ކުއްޔަށް ދޫކުރުމަކުން ނުފުދެ އެވެ. އެ ރަށްތަކުގައި އިންވެސްޓްކުރުމަށް ފައިސާ ލިބޭނެ މަގުތަކެއް ތަނަވަސްވެފައި ހުރުމަކީ ވެސް މުހިންމު ކަމެކެވެ.
މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ބޮޑުވަޒީރުކަމާ މަންމޯހަން ސިންގް ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް އަމާޒަކަށް ހެއްދެވީ ރަށްފުށު ހިސާބުތައް ތަރައްގީކުރެއްވުމަށެވެ. އެ ކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ރަށްފުށު ހިސާބުތަަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް ކުދި އަދި މެދުފަންތީގެ އިންވެސްޓްމަންޓްތަކަށް ފައިސާ ލިބޭނެ ގޮތްތައް ތަނަވަސްކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަރައްގީގެ ދުވެލީގައި ހަލުވި ފިޔަވަޅުތައް އަޅަމުން އަންނަ ގައުމުތަކުން މިސާލު ނަގައިގެން ރާއްޖޭގައި ވެސް މިފަދަ ކަންތައްތަކެއް ކުރުން މުހިންމެވެ. ކުދި އަދި މެދުފަންތީގެ މަސައްކަތްތަކަށް ފައިސާ ލިބޭނެ މަގުތަކެއް ތަނަވަސްކުރުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ