ރާއްޖޭގެ ރައްޔިތުން އެމްޑީޕީގެ ސަރުކާރަށް ސާފު ސާދާ އަގުލަބިއްޔަތެއް 2013ގައި ދޭނެ ކަމީ ކުޑަކޮށް ވެސް ޝައްކުކުރައްވާ ކަމެއް ނޫން ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި 60 ޕަސެންޓް ވޯޓު ފުރަތަމަ ބުރުން ހޯއްދަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް މެމްބަރުން އިތުރުކުރުމަށް "މެމްބަރަކު މެމްބަރެއް" ކެމްޕޭން އިފުތިތާހުކުރުމަށް ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއާ ވާދަކުރެވޭ ވަރު ބަޔަކު މިރާއްޖޭގައި އަދި ނެތް ކަމަށެވެ.
"އަޅުގަނޑުމެން 2008 ވަނަ އަހަރު ފުރަތަމަ ބުރަށް ދިޔައީ 28 ޕަސެންޓް ވޯޓާ އެކުގައި. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަޅުގަނޑުމެން ނިންމީ 38 ޕަސެންޓް ވޯޓާ އެކުގައި. ލޯކަލް ކައުންސިލްގެ އިންތިހާބު އަޅުގަނޑުމެން ނިންމީ ގާތްގަނޑަކަށް 50 އަށް ދާ މިންވަރުގައި 48 ]ޕަސެންޓް[ގައި. ދާދި މިދާކަށް ދުވަހު ބޭއްވި ތިން ބައި އިލެކްޝަން ނިމިގެން އެދިޔައީ އެމްޑީޕީ އަށް 53 ވޯޓު ލިބިގެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންނަށް މި ރާއްޖެ ބަދަލުކުރެވޭނެ" ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހިންގަނީ ވަރަށް ގާތުން ރައްޔިތުންގެ އަޑުއަހައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ އަޑު މިއަދު ވެސް އިވޭ. އަޅުގަނޑުމެންނަށް ރައްޔިތުންނާ އެކީގައި އަބަދުވެސް ތިބޭ. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ ފާޑުކިޔަމުން އެވަނި ވާހަކައެއް މިވެނި ވާހަކައެއް ކިއުއްވަމުން ވަޑައިގެންނެވިއަސް. ރާއްޖޭގެ ރައްޔިތުން އެއަށްވުރެ މާހޭލުންތެރި،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ ރިކަރަންޓް ހަރަދު ބޮޑުވަމުންދަނީ ސަރުކާރުން ބޭކާރު ހަރަދުތަކެއްކުރާތީ ނޫން ކަމަށެވެ. އަދި ސަރުކާރު ހިންގުން އަންނަނީ ހަރުދަނާވަމުން ކަމަށާއި ހަރަދުތައް ވެސް ދަނީ ކުޑަކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތު އާމްދަނީ ދަނީ މައްޗަށް. ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ދަނީ ބޮޑުވަމުން. އަޅުގަނޑުމެންގެ ރާއްޖެ މިހިރީ މިއެދޭ ފާލުގައި. އަޅުގަނޑުމެންގެ ތަރައްގީ އާއި ފުއްދުންތެރިކަން މައްޗަށް އަރައިގެންދާނެ ކަމީ ހަމަ ކަށަވަރުކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ އާމްދަނީ މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށާއި އެގޮތުން އާދައިގެ ގެއަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުންނާއި އެހެންވެސް ސަރުކާރުގެ ޕްރޮގްރާމްގެ ތެރެއިން މަހަކު 6،000ރ. ނުލިބޭ ގެއެއް މިހާރު ރާއްޖޭގައި މަދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދެންނެވި ރިކަރަންޓް ހަރަދު ބޮޑުކުރީ މިދެންނެވި ފައިސާ ގޭގެއަށް ދިނުމަށްޓަކައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދިޔަ 2000 އަހަރުގެ ތެރޭގައި ރާއްޖޭގައި ހެދިފައި އޮތީ ދެ ނަރުދަމާ ކަމަށާއި ކުރިޔަށް އޮތް ދެ އަހަރު 61 ނަރުދަމާ ރާއްޖޭގައި ހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެއާޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ތަރައްގީ އަށް ފޮރިން އިންވެސްޓަރުންގެ އިތުބާރު ބޭނުންވާ ކަމަށާއި "އެ ސަބަބަށްޓަކައި އަޅުގަނޑުމެން ޖީއެމްއާރުގެ ކޮންޓްރެކްޓާ ނުކުޅެންވީ" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖީއެމްއާރު އެއާޕޯޓާ ފުރަތަމަ ހަވާލީ 78 މިލިއަން ޑޮލަރު ކުރިޔަށް ދައްކާފައި ކަމަށާއި މި އަހަރުގެ މިހާތަނަށް 30 މިލިއަން ޑޮލަރަކާއި އަހަރު ނިމުމުން 33 މިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ.
"އެއާޕޯޓް ރަނގަޅު ބަޔަކު ހިންގީމާ އަޅުގަނޑުމެންނަށް ލިބޭ އޭގެ ފައިދާ މިރާއްޖޭގެ ރައްޔިތުންނަށް އެހެން ގޮތަކުން ހޯދަން ދަތިވާނޭ.އެއާޕޯޓް ތަރައްގީއަށްޓަކައި ކުއްލިއަކަށް ތިން ހަތަރު ސަތޭކަ މިލިއަން ޑޮލަރު. އަޅުގަނޑުމެންގެ މާލިއްޔަތަކު ނެތް އެ އަދަދަށް ފައިސާ ނަގައިގެން ކުރެވޭކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އަހަރަކު އެއް މިލިއަން ޕެސެންޖަރު އައިމާ ބޮލަކަށް 25 ޑޮލަރު ނެގުމުން އަހަރު ލިބޭނީ 25 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއާޕޯޓްގެ ހުރިހާ ވިޔަފާރިއާ އެކުގައި މިހާރު ވެސް އެ އާޕޯޓުން މިއިން ދުވަހަކު ނުލިބޭ ވަރަށް އާމްދަނީ ސަރުކާރަށް ދައްކާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 2014 ވަނަ އަހަރު މުޅި ދުނިޔޭ އުފާވާނެ ފެންވަރުގެ ޓާމިނަލެއް ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ އެ ދޫނީގެ ފިޔަކޮށާލައިފިއްޔާ ހަމަ ގެއްލުންވާނީ އަޅުގަނޑުމެން ރައްޔިތުންނަށޭ. އެއީ އޮޅު ދޫންޏެކޭ. އެފިޔަ ކޮށާކަން ނުޖެހެޔޭ،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ