ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުން ޒާހިދު ވަކި ކޮށްފި

ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު، އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކި ކޮށްފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ޒާހިދު ވަކިކޮށްފައިވާކަން ޒާހިދަށް އަންގާފައިވަނީ ރައީސް މައުމޫން ސޮއި ކުރައްވާ މިއަދު ފޮނުވާފައިވާ ސިޓީއެއްގަ އެވެ.
އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޒާހިދު އަކީ ރައީސް މައުމޫން، ޕީޕީއެމްގެ ކައުންސިލަށް އައްޔަން ކުރި ތިން މެމްބަރުންގެ ތެރެއިން އެއް މެމްބަރު ކަމަށްވާއިރު، ފަހަކަށް އައިސް އަމަލު ކުރައްވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ފިކުރާވެސް ހިލާފަށް ކަމަށެވެ.
“މަނިކުފާނު ސޯޝަލް މީޑިޔާގައި، މުއާމަލާތު ކުރައްވަމުން ތިޔަ ގެންދަވަބީ ވަރަށް ބޭއަދަބީކޮށް ދަށު ދަރަޖައިގެ ބަސްތައް ބޭނުން ކުރައްވައިގެންނެވެ، މިއީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ކިބައިން، ހާއްސަކޮށް އަޅުގަނޑު ކައުންސިލަށް އައްޔަން ކޮށްފައިވާ މެމްބަރެއްގެ ކިބައިން އަޅުގަނޑަށް ގަބޫލުކުރަން ދަތި ކަންކަމެވެ. އަދި މި ކަންކަމާ ހިތްހަމަ ނުޖެހިގެން ޕާޓީގެ ވަރަށް ގިނަ އާއްމު މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ޝަކުވާ ލިބެމުން އެބަދެ އެވެ” ޒާހިދަށް ރައީސް މައުމޫން ފޮނުވާފައިވާ ސިޓީގައި ވެ އެވެ.
އެ ސިޓީގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ މިއަދުން ފެށިގެން ޒާހިދު ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފައިވާކަމަށާއި ޕާޓީގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން ޕާޓީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރުދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ