ފޯނު ދެއްވި ނަމަ، މައުމޫން ހުންނަވާނީ ގޭގައި: ރައީސް ޔާމީން

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންގެ ތަހުގީގަށް ދެއްވި ނަމަ، އެމަނިކުފާނު މިހާރު ހުންނަވާނީ ގޭގައި ކަމަށް ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހައްޔަރުކުރީ ސިޔާސީ ލީޑަރުން މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެއީ މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އިދިކޮޅު އިސް ލީޑަރުންތަކެއް ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅުއްވައިގެން ނެރުނު އަމުރެއް ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލަގައި މައުމޫން، 85، ގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
މާފުށީ ޖަލުގައި އެމަނިކުފާނު ގެންދަވަނީ އެ ހުކުމް ތަންފީޒުކުރައްވަމުންނެވެ.
ހއ. އާއި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ގޮތަކަށް ބަޔަކު ވާހަކަ ހަދައިގެން ދައްކަމުންދިޔަ ނަމަވެސް އެމަނިކުފާނު އަދިވެސް އެންމެ އިހްތިރާމް ކުރައްވާ ބޭފުޅަކީ މައުމޫން ކަމަށެވެ. އެމަނިކުފާނު ޖަލުގައި ނުވަތަ އެކަހެރިކޮށް އިންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނާ ޚިލާފު އަމަލުތަކެއްގައި ބައިވެރިވެވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މައުމޫނަށް އުފުލި ދައުވާތަކާ ގުޅޭ ގޮތުން އެމަނިކުފާނު ގޭގައި ހުންނެވޭނެ ފުރުސަތު އެކި ފަހަރު މަތިން އެރުވި ކަމަށެވެ. އެހެން ބޭފުޅުންނެކޭ އެއްގޮތަށް އަމަލުކުރެއްވި ނަމަ އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު އެހެން ބޭފުޅުންނޭ ރައީސް ވިދާޅުވި ބޭފުޅުންގެ ތަފްސީލެއް ނުދެއްވަ އެވެ.
"އެ ފުރުސަތު ބޭނުން ހިއްޕަވާނެ ކަމަށް ފުރަތަމަ އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ އުއްމީދީ ވާހަކަތަކެއް އިވިފައި، އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީ. އެއީކީ [ޖަލު ބަންދުގައި ހުންނެވުމަކީ] ރައީސް ޔާމީން ކުރި ކަމެއް ނޫން،" ސިޔާސީ ބޭފުޅުން ޖަލަށް ލާ މައްސަލަ ދިފާއުކުރައްވަން ކޮންމެ ދަތުރުފުޅެއްގައިހެން ރައީސް ޔާމީން ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރެއްވި އެވެ.
"ތަހުގީގަކަށް، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން ތަހުގީގަކަށް މީހަކު ގެންދާ ކަމަށް ވަންޏާ އެންމެ ފުރަތަމަ ވެސް އެ ކުރެވޭ ތުހުމަތުގެ މައްޗަށް ބަލާއިރު އެ ތުހުމަތަކީ ފޯނުގެ ޒަރިއްޔާ އިން އިންޓަނެޓުގެ ޒަރިއްޔާ އިން ހިންގާފައި އޮތް މުއާމަލާތްތަކެއް ކަމަށް ވަންޏާ ފުލުހުން ބޭނުން ވާނެ ފޯނާއި އިންޓަނެޓުގެ ޒަރިއްޔާ ބޭނުންކުރި ސާމާނު ހޯދަން."
ފުލުހުންގެ ތަހުގީގުގައި އެކަން އެގޮތަށް ކުރަނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވަކި ފެންވަރެއްގެ މީހަކަށް ވާތީއެއް ނޫނެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަށް ވެސް ގާނޫނާ ޚިލާފު އަމަލުތަކެއްގެ ތުހުމަތުތަކެއް ކުރެވިގެން ފުލުހުން އެދިވަޑައިގަތީ ފޯނު ދެއްވަން ކަމަށާއި އެކަމަށް އޭނާ ވެސް ފުރަތަމަ އެއްބަސްވެވަޑައި ނުގަތް ކަމަށެވެ. އެކަމަކު ފަހުން ރިޔާޒަށް ވެސް ފޯނު ދެއްވަން މަޖުބޫރުވެވަޑައިގަތް ކަމަށާއި ނަމަވެސް އެފަހަރު ދެއްވީ ނުބައި ޕިން ކޯޑެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ރިޔާޒު ފޯނު ހުޅުވަން ޖެހިވަޑައިގަތީ ކޯޓުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ގާނޫނީ މަރުހަލާގައި އެއްބާރުލުން ދެއްވަން އިންކާރު ކުރެއްވުމުން، ރިޔާޒަށް ވެސް ހުކުމެއް އައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީވެސް ރައީސް ޔާމީން ކުރެއްވި ކަމެއް ނޫން ކަމަށާއި އެންމެ ފުރަތަމަ ފޯނު ދެއްވި ނަމަ ރިޔާޒަށް ވެސް އެފަދަ ހުކުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
"ހަމަ ރައީސް މައުމޫނަށް ވެސް އެ ފުރުސަތު ލިބިވަޑައިގެންނެވި. މި ހިނގާ ދިޔަ ކަންތައްތަކުގެ ތެރޭގައި ރައީސް މައުމޫނަށް ވެސް އެންމެ ފުރަތަމަ ފުލުހުން ދެންނެވީ އެމަނިކުފާނު މި މުއާމަލާތު ކުރައްވަން ގެންގުޅުއްވި ފޯނު ދެއްވާށޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މައުމޫން ޖަލަށް ލުމާ ގުޅޭ ގޮތުން ވެސް އެކި މީހުން ވާހަކަތައް އެކި ގޮތްގޮތަށް ހަދައިގެން ދެއްކި ނަމަވެސް އެމަނިކުފާނު އެ ވިދާޅުވެދެއްވީ ހަގީގަތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ