އަވަސް އިންތިހާބަކަށް ޖާގައެއް ނެތް: މައުމޫން

އަވަސް އިންތިޚާބަކަށް ޖާގައެއް ނެތްކަމަށާއި، މި ދައުރު ނިމެންދެން ދެން ރައީސް ކަމުގައި ހުންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ޝަރީފްގެ ކެންޕޭން ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ އިންތިހާބު އޮންނާނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކަމަށާއި އިތުރަށް އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމް ހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު އެއްފަހަރާ ހުސްވުމުން ކަމަށާއި އެނޫން ގޮތަކަށް ރިޔާސީ އިންތިޚާބު ބޭއްވުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ގާނޫނު އަސާސީގައި ބުނާ ގޮތުން ނާއިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާކުރައްވާފައިވާ ކަމަށާއި ގާނޫނު އަސާސީ ބުނާ ގޮތުން ނޮވެމްބަރު، 10، 2013 ވަނަ ދުވަހާއި ހަމަޔަށް ރައީސް ވަހީދު އެ މަގާމުގައި ހުންނަވާނެ ކަމަށެވެ. އެހެންކަމުން އަވަސް އިންތިޚާބަކަށް ގާނޫނީ ގޮތުން ޖާގަ ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކު އިސްތިއުފާދެއްވުމުން ގާނޫނު އަސާސީގައި ބުނާގޮތުން ނައިބް ރައީސް ކަމުގައި ހުނެންވި ބޭފުޅާ އެހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފަ. އަދި ގާނޫނު އަސާސީ ބުނާ ގޮތުން އެ މަނިކުފާނު ހުންނަވާނެ މިދައުރު ނިމެންދެން. އޭގެ މާނައަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ މަހުގެ ނިޔަލަށް ހުންނަވާނީ ރައީސްގެ މަގާމުގައި. މިއީ ގާނޫނު އަސާސީ ބުނާގޮތް އެހެންވީމާ ދެން ކޮން އަވަސް އިންތިޚާބެއްތޯ؟ އަވަސް އިންތިޚާބަކަށް ގާނޫނީ ގޮތުން ޖާގައެއް ނެތް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދޭތެރެއިން ރާއްޖެ ވަޑައިގެންނެވި ބޭރުގެ މުހައްނިކަކު އެމަނިކުފާނާއި ބައްދަލު ކުރައްވައި ރާއްޖޭގައި އަވަސް އިންތިޚާބެއް ބާއްވަން ގާނޫނު އަސާސީ ވެސް ތަން ނުދޭ ކަމަށް ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން ބޭފުޅެއް ކަމެއް މައުމޫން ވިދާޅެއް ނުވެއެވެ.
"މިދޭތެރެއިން ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ މުހައްނިކަކު އަޅުގަނޑާއި ބައްދަލުކުރައްވާފަ ދެއްކެވި ވާހަކަ ފުޅެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި އަވަސް އިންތިޚާބެއް ބާއްވަން ޖާގައެއް ނެތޭ. ގާނޫނު އަސާސީ ވެސް ތަނެއް ނުދޭ. އެބުނާ އަވަސް އިންތިޚާބެއް ބޭއްވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެންނޭ. އެހެންނަމަވެސް އެއީ ކުރެވޭނެ ކަމެއްކަމަށް ތިމަންނައަކަށް ފެނިވަޑައެއް ނުގަންނަވައޭ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެބުނާ އަވަސް އިންތިޚާބެއް ބޭއްވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށާއި އެހެންނަމަވެސް އެއީ ކުރެވޭނެ ކަމެއްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް އެ ބޭފުޅާ އެމަނިކުފާނު އަރިހު ދެންނެވި ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް މަދުވެގެން 10 އަހަރު ދުވަހު އޮންނަން ޖެހޭނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވެފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ގޮނޑިއާއި ކާށިދޫ ދާއިރާގެ ގޮނޑި ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ލިބޭނެ ކުރި އެރުމެއް ކަމަށެވެ. އަދި އެ ދެ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ސިޔާސީ ކަންތައްތައް ހަމަޖެހުމަކަށް އެޅުމަށް އެކަމުގެ ސަބަބުން މަގުފަހި ވެގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ސަރުކާރު ދެމެހެއްޓުމަށް އަދި ރައްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ނުވަތަ އިއްތިހާދުގެ މެންބަރުން ގިނަވުން މުހިންމު ކަމަށެވެ.
"އެމަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނީ ވަރަށް ހަލަބޮލި ދުވަސްވަރަކާ. ވަރަށް ގިނަ ތަފާތު ގޮންޖެހުންތަކާ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރު މިވަގުތު މި ވަނީ ކުރިމަތިލާންޖެހިފައި. އެމަނިކުފާނުގެ ސަރުކާރުގައި ޕީޕީއެމްގެ މެންބަރުން ވެސް ހިމެނޭ. މިހާރު އުފެދިފައި މި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް. އެހެންވީމާ މި ސަރުކާރު ދެމެހެއްޓުމަށާއި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ޕީޕީއެމްގެ މެންބަރުން ނުވަތަ މި އިއްތިހާދުގެ މެންބަރުން ގިނަވުމަކީ ވަރަށް މުހިންމު ކަމެއް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ