"ވަގުތު" އަހަރުގެ ޝަހްސިއްޔަތައް ވާދަކުރައްވާ ބޭފުޅުން : ދުންޔާ މައުމޫން

ރާއްޖޭގެ މިނިވަން ގައުމެއްގެ ގޮތުގައި 50 އަހަރު ހޭދަކޮށްފައި ވީނަމަވެސް ވަރަށް ފަހަކާއި ޖެހެދެން ހާރިޖީ ދާއިރާގައި ރާއްޖެ އަކީ މާބޮޑު ވާހަކައެއް ދައްކާ ގައުމެއް ނޫނެވެ. ވަކިފަރާތަކަށް ނުޖެހި ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި "ހިހޫ ތަނުން ކާލައިގެން" ރާއްޖެ އިން އޮތީ އެއީ ރާއްޖެއަށް އެންމެ ރަނގަަޅު އަދި އެންމެ ފަސޭހަ ގޮތް ކަމަށް ވާތީއެވެ.
ނަމަވެސް މިހާރު ރާއްޖޭގެ ހާރިޖީ ސިޔާސަތު މުޅިން ތަފާތު ވެއްޖެއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެ އާއި ބެހޭ ގޮތުން އެއްޗެއް ބުނި ނަމަވެސް އެގައުމުތަކާއި ދެކޮޅަށް ފާޅުގައި ވާހަކަދެއްކުމުގެ "ގަޓު" ރާއްޖޭގެ ފޮރިން މިނިސްޓަރާއި ދިވެހި ސަރުކާރުގެ ކިބައިގައި އެބަހުއްޓެވެ.
ރައީސް ޔާމީންގެ ދެއަހަރާއި ބައިގެ ވެރިކަމުގައި ހާރިޖީ ދާއިރާ އިން ރާއްޖެ އަށް ވަނަ ގިނަ ޕްރެޝަރު އައިސްފިއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުން ރާއްޖެ އާއި ދެކޮޅަށް ވާހަކަތައް ދައްކައިފިއެވެ. ބަޔާންތައް ނެރެފިއެވެ. ނުވިތާކަށް އިންޒާރުތައް ވެސް ދީފިއެވެ.
ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ހުންނެވީ ސާބިތުކަމާއި އެކުއެވެ. ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށާއި ގައުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ރާއްޖެ އަށް ވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެ ފާޅުގައި ދުންޔާ ދަނީ ވާހަކަދައްކަވަމުންނެވެ. މީގެ ކުރިން ރާއްޖޭގެ ހާރިޖީ ވަޒީރަކު ނުދައްކަވާހައި ވަރުގަދަ ކިތަންމެ ވާހަކަފުޅެއް ދުންޔާ ދައްކަވައިފިއެވެ.
އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ނިންމި ނިންމުމަކީ މިދިޔަ އަހަރު ދުންޔާ އަށް ކުރިމަތިވި ގޮންޖެހުމެކެވެ. އީޔޫގެ ޕާލަމެންޓުން ރާއްޖެ އާއި ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރުތަކާއި ރާއްޖެ އާއި ދެކޮޅަށް ދައްކަވާ ވާހަކަތަކަކީ އަދި އެއަށްވުރެ މާބޮޑު ގޮންޖެހުމެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ރާއްޖެ އާއި ދެކޮޅަށް ދައްކަވާ ވާހަކަތަކުގެ ތެދޮ ދޮގު ބައިނަލްއަޤްވާމީ ފަރާތްތަކަށް ސާފުކޮށްދިނުމަކީ ވެސް ދުންޔާ އަށް ކުރިމަތިވި ގޮންޖެހުމެކެވެ. ކޮމަންވެލްތުގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކަކީ ވެސް ވަކި ކުޑަ ގޮންޖެހުމެއް ނޫނެވެ.
ނަމަވެސް މިހުރިހާ ގޮންޖެހުންތަކާއި ކުރިމަތިލައްވާ ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ ޕްރެޝަރު ކުޑަކުރެއްވުމުގައި ދުންޔާ ވަނީ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.
ސަރުކާރަށް އަންނަ ޕްރެޝަރުތަކާއި ކުރިމަތިލުމުގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ދުންޔާގެ ފޮރިން މިނިސްޓަރުކަމުގައި ރާއްޖެއިން ތަކުރާރުކޮށް ދަނީ ފަލަސްތީންގެ މައްސަލައިގައި ވާހަކަދައްކަމުންނެވެ. ފަލަސްތީނަށް މިނިވަން ވަކިދައުލަތެއް ގާއިމު ކުރުމަށް ކޮންމެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ރާއްޖެއިން ދަނީ ގޮވާލަމުންނެވެ. އިސްރާއީލްގެ އަނިޔާވެރިކަން ހުއްޓާލާ ފަލަސްތީން ރައްޔިތުންނަށް ޙައްޤުތައް ހޯދައި ދިނުމަށް ރާއްޖެ އިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
މިއީ ވެސް މީގެ ކުރިން ރާއްޖޭގެ ސަރުކާރުތަކުން ކުރިކަމެއް ނޫނެވެ. ފަލަސްތީންގެ މިނިވަންކަމަށް މިހައި ފާޅުގައި ކޮންމެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ގޮވާލަން މީގެ ކުރިން ރާއްޖެއިން "ބިރުގަނެއެވެ." ނަމަވެސް މިހާރު ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ "ބިރު ފަހަނައަޅައި ގޮސްފައެވެ."
މިދިޔަ އަހަރު މިނިސްޓަރ ކުރައްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެކަމަނާ އަހަރުގެ ޝަހްސިއްޔަތުގެ މަޤާމު ކާމިޔާބު ކުރުމުގެ ފުރުސަތު އެބަައޮތެވެ. ރައީސް ޔާމީންގެ ވެރިކަން ދިފާޢު ކުރަން އެންމެ ގިނަ މަސައްކަތް ކުރެއް ވަޒީރެއްގެ ގޮތުގައި ފާހަގަ ކުރެވޭ މިނިސްޓަރ ދުންޔާ ދަނީ ދުނިޔެ އަށް މިސާލަކަށް ފުދޭ މިންވަރަށް ހާރިޖީ ވަޒީރެއްގެ ޒިންމާ އަދާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ