ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގިނަ ބަޔަކު ރައީސް ވަހީދަށް ތާއީދުކުރޭ: ނާފިޒް

ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގިނަ ބަޔަކު ރައީސް ވަހީދަށް ތާއީދުކުރާ ކަމަށާއި "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ހެދި ސާވޭއިން ދައްކާގޮތުން އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނީ ރައީސް ވަހީދަށް ކަމަށް އެ ކޯލިޝަންގެ ސްޕޯކްސް ޕާސަން އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރާވެރިޔާ ރެސްޓޯރަންޓުގައި ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނާފިޒް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު އިންސައްތަ އަކީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ކަމަށެވެ. އިންތިހާބު ކާމިޔާބުކުރައްވާނެ ކެންޑިޑޭޓަކު ހޮވުމުގައި އެ ރައްޔިތުންގެ ހިއްސާ ބޮޑު ކަމަށާއި އޭގެ ތެރެއިން އިލްމީ ގާބިލް ގިނަ ބަޔަކު ރައީސް ވަހީދަށް ވޯޓުދެއްވާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
"އެންމެ ފަހު ވަގުތުގައި [އިންތިހާބުގެ] ނަތީޖާ ބަދަލުކޮށްލާނެ ބަޔަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވެ ތިބި މީހުން. އަޅުގަނޑުމެންގެ ޑޯ ޓު ޑޯ އާއި އެހެން ވެސް ސާވޭތައް ދައްކާގޮތުގައި ވަރަށް ބޮޑު ސައިލެންޓް މެޖޯރިޓީއެއް ޑރ. ވަހީދާއެކު އެބައޮތް،" ނާފިޒް ވިދާޅުވި އެވެ.
އިންތިހާބުގައި ރައްޔިތުން ވޯޓު ދޭއިރު، ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރައީސް ވަހީދު ކުރެއްވި ކަންކަމަށް ވިސްނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި އެ ކޯލިޝަނުން އެންމެ ފަހުން ހެދި ސާވޭގެ ނަތީޖާ އިން ދައްކާގޮތުގައި ރައީސް ވަހީދާއި ރަނިން މޭޓު އަހުމަދު ތަސްމީނަށް އިންތިހާބުގައި 42-43 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު އެމްޑީޕީ އަށް ލިބޭއިރު އެ ޕާޓީ އޮތީ ކޯލިޝަނަށް ވުރެ މަދުން 32 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީ އައިސްފައި އޮތީ ހަތަރު ވަނަ އަށް. ތިން ވަނަ އަށް އޮތީ ޕީޕީއެމް. ...އަޅުގަނޑުމެން މިހާރު ވެސް މިތިބީ އެއް ވަނާގައި، އެއް ބުރުން އިންތިހާބު ކާމިޔާބުކުރެވިދާނެ،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޯލިޝަނަށް ލިބޭ ތަރުހީބު ބޮޑުވެ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.
ނާފިޒް ވިދާޅުވީ އިންތިހާބަށް އެކި ޕާޓީތަކުން ފޯރީގައި ކެމްޕޭން ކުރަމުން އަންނައިރު އެ ކޯލިޝަނުން ކަންބޮޑުވާ ކަންތައްތަކެއް ވެސް ބައެއް ޕާޓީތަކުން ކުރަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އައްޑޫގައި ކޯލިޝަންގެ ކެމްޕޭނަށް ކުއްޔަށް ނަގާފައިވާ ޖަގަހައެއް ގޭގެ ވެރިފަރާތަށް ތިން ގުނަ ދީފައި އެހެން ޕާޓީއަކުން ކުއްޔަށް ނަގާފައިވާ ކަމަށެވެ. އެއީ ކޮން ޕާޓީއެއްކަން ވިދާޅު ނުވެ އޭނާ ވިދާޅުވީ ފައިސާ ހުރި ޕާޓީތަކަށް ބޮޑު އަގު ދީފައި އެކަން ކުރެވުނު ނަމަވެސް އެއީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށެވެ.
"ވާދަވެރި ސިޔާސީ މާހައުލެއްގައި އަޅުގަނޑުމެން ވާދަކުރަމުންދާއިރު އެއް ޕާޓީއަކުން އަނެއް ޕާޓީއަކަށް މި ކަހަލަ ދުއްތުރާނުކޮށް ވެސް ސިޔާސީ ކަންކަން ކުރިއަށް ގެންދެވިދާނެ. މި އިންތިހާބު ކާމިޔާބުކުރުމަށް އެއްވެސް ބަޔަކު ގަބޫލުކޮށްގެން ނުވާނެ ފައިސާ އަކީ ހުރިހާ އެއްޗެއް ކަމަކަށް،" ނާފިޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ