ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނޭ ވައްޑެ، ކްލެމެންސީ ބޯޑުން ވަކި ކުރަން ފެންނަ ކަމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ. ވައްޑެ ވަކި ކުރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
މައާފްކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނޭ އަލީ އާރިފެވެ. އެ މައްސަލަ ދިރާސާކުރި ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ އެ ބޯޑުން ވައްޑެ ވަކި ކުރުމަށް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ވައްޑެ އަކީ ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށް އަދި މެމްބަރުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ، އާރިފް ހުށަހެޅުއްވީ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ.
ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވައިލި ބޯޑެކެވެ.
ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.
އާރިފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ މަޖިލީހަށް އެކި އިސްލާހުތަކާއި ގަރާރުތައް ހުށަހަޅައިގެން ބާރުތައް ޖަމާ ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ވައްޑެ މަގާމުން ވަކި ކުރުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މަޖިލިސް ތަމްސީލް ކުރައްވަން ވައްޑެ ކުރައްވަނީ ބަލައިގަންނަން ޖެހޭ މަސައްކަތެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ ކްލެމެންސީ ބޯޑުން ވައްޑެ ވަކި ކުރަން އުޅެނީ ވައްޑެގެ ނާގާބިލްކަމުން ނޫން ކަމަށާއި އެއީ ޖަލްސާތަކުގެ ހާޒިރީއަށް ބަލާފައި ކުރަން ނިންމި ކަމެއް ކަމަށެވެ. އަދި ކްލެމެންސީ ބޯޑުގެ ޖަލްސާތަކަށް ވައްޑެ އަށް ވަގުތު ނުދެވޭ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް ވައްޑެ ވަނީ އެ ހުރިހާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.
ކްލެމެންސީ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ