ބަޣާވާތޭ ކިޔައިގެން ވާހަކަ ދައްކަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ: ގާސިމް

ބަޣާވަތް ކުރުމުގެ ރެކޯޑް އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި ބަޣާވާތޭ ކިޔައިގެން ވާހަކަ ދެއްކުމަށް އެމްޑީޕީ މީހުން ލަދުގަންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ ވެސް ހިމެނޭ ކޯލިޝަނަކުން ކަމަށާއި ފިންގާ ޕްރިންޓް ޖަހާފައިވާ އެގްރީމަންޓްގެ ދަށުން އެ ޕާޓީ އަށް ސަރުކާރުގެ 30 ޕެސެންޓް ދިނުމަށް ދެ ފަރާތުން އެއްބަސްވި ކަމަށެވެ. ނަމަވެސް އެއްބަސްވުމާ ހިލާފަށް ފަހުން ސަރުކާރުން "ބޭރުކޮށްލި" ކަމަށާއި އެ އަށްވުރެ "ބޮޑު ބަޣާވާތަކީ" ކޮބައިތޯ ގާސިމު ސުވާލު ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ފުރަތަމަ ބުރުން ލިބުނީ ރައްޔިތުންގެ ހަތަރުބައި ކުޅައެއްބައި ނޫނީ 25 ޕަސެންޓް ތާއީދު ކަމަށާއި ދެ ވަނަ ބުރުގައި 54 ޕަސެންޓް ވޯޓު އިއްތިހާދަށް ލިބުނީ، ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާއި އޭނާ ކޯލިޝަނާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ކަމަށެވެ.
"މިހުރިހާ މީހުން ބޭރުކޮށްލާފައި އަމިއްލަ އަށް ވެރިކޮށްލައިގެން މަސައްކަތް ކުރަން ފެށުނީމާ ކޮބައިތޯ ތިމަންނާގެ ވޯޓޭ ތިމަންނަމެންގެ ވޯޓޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގު. މި އަށް ވުރެ ބޮޑު ބަޣާވާތެއް ކޮބައިތޯ؟" ގާސިމު ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ބަޔަކު ބޭނުންކޮށްގެން ހިންގި ތަހުގީގުން މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޔަކު ބަޣާވަތްކޮށްގެން ނޫން ކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ބަޣާވާތޭ ބަޣާވާތޭ ކިޔައިގެން އެމްޑީޕީ މީހުން ވާހަކަ ދައްކަނީ ހަގީގަތް އޮޅުވާލުމަށް އަދި އަމިއްލަ އަށް ކޮށްގެން ތިބި "ބަޣާވާތުގެ" މަތިއަޅަން ކަމަށެވެ.
ގާސިމް ވިދާޅުވީ އެއްފަރާތުން ޓޫރިސްޓް ގެސްޓްހައުސްތައް ހެދުމުގެ ވާހަކަ އެމްޑީޕީން ދައްކާ އިރު، އަނެއް ފަރާތުން ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވުމުން އެ ދައްކާ ވާހަކައިގެ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި އެ ފަދަ "ދަންތުރާގައި" ދިވެހިން ޖެއްސޭ ވަރަށް ވުރެ މިއަދު ދިވެހީން ހޭލާ ތިބި ކަމަށާއި އެމްޑީޕީގެ އެ ދަޅާފައި މިއަދު ދިވެހިން ނުޖެއްސޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި 2500 ވަރަކަށް މީހުން ދިރިއުޅޭ މާމިގިލީގައި ނަރުދަމާއާއި ފެންހޮޅި ނުލެވި އޮތް މައްސަލައާ ބެހޭ ގޮތުން ވެސް ގާސިމް ވާހަކަ ދެއްކެވި އެވެ. ގާސިމު އެ ވާހަކަ ދެއްކެވީ ގާސިމަށް އިޝާރާތްކޮށް ކުރީ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެންބަރަކު މާމިގިލީ މީހުން ތަޣަޔަރުވެފައިވާ ފެނުން ފެންވަރައި ފާހާނާ ހޮޅި އެ ރަށުގައި ނޭޅި އޮތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
ގާސިމު މިއަދު ވިދާޅުވީ އެ ރަށުގައި ހޮޅި ނޭޅި އޮތް މައްސަލައަކީ ތިން އަހަރެއްގެ މަތީން ބަޖެޓްގައި ޖަހައި ބަޔަކު "ހިޔާނާތްވުމަކީ" އޭނާ ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ ވެސް ގާސިމު އިޝާރާތް ކުރެއްވީ އެމްޑީޕީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ