ޓެރަރިޒަމާ ދެކޮޅު ނިންމުންތަކަށް ޢަމަލު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން ޓެރަރިޒަމާ ދެކޮޅަށް ބޭއްވެވި ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާ އިން ނިންމި ނިންމުންތަކަށް ހުރިހާ ގައުމުތަކުން ޢަމަލު ކުރެއްވުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރާބިޠާގެ ސުޕްރީމް ކައުންސިލްގެ މެމްބަރު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން ވިދާޅުވީ މަހުގެ 22 އިން 25 އަށް މައްކާގައި ބޭއްވި ބައިނަލްއަގްވާމީ ޖަލްސާގެ ނިންމުންތަކަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ޙަރަކާތްތަކުން އިސްލާމީ ދުނިޔެއާއި މުޅި ދުނިޔެ ސަލާމަތްވުމަށް މަގުދައްކައިދޭ ނިންމުންތަކެކެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ޓެރަރިޒަމަކީ ވަކި ދީނަކަށް ވަކި ގައުމަކަށް ނިސްބަތްކުރެވޭނެ ޙަރަކާތެއް ނޫން ކަމަށެވެ. އެއީ ތަފާތު ސިޔާސީ އަދި އިގްތިޞާދީ އަދި އިޖްތިމާޢީ އަދި ދީނީ މައްސަލަތަކަކާ ގުޅިގެން މުޅި ދުނިޔޭގައި ހިނގަމުންދާ ޙަރަކާތެކެވެ. އެއްވެސް ކުށެއްނެތް މަޢުޞޫމް ބަޔެއްގެ ލޭ އޮހޮރުވުމާއި ޝަރީއަތަކާނުލައި ހިތުހުރި ގޮތަކަށް މީހުން މެރުމާއި ގައުމުތަކުގެ އަމަން އަމާންކަން ނަގާލުމާއި މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެއްދުމާއި މަދަނީ އަދި އިގްތިޞާދީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތައް ދިނުމަކީ، އެއްވެސް ދީނެއް ހުއްދަކުރާ ކަންކަމެއް ނޫން ކަމަށެވެ. އަދި ތަހުޒީބުވެފައިވާ ދުނިޔޭގެ ހަމަބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ނުވަތަ ބަޔަކު ޤަބޫލު ކުރާނެކަމެއް ވެސް ނޫން ކަމަށެވެ. އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތަކުން ފާޅުގައި އަދި މީޑިއާގެ ކުރިމަތީގައި ހިންގަމުން އެގެންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކަކީ އިސްލާމް ދީނުގެ މަތިވެރި އުޞޫލުތަކާ އެއްވެސް ގުޅުމެއްހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
އިއްޔެ މައްކާގައި ނިމިގެން ދިޔަ ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާގެ ނިންމުންތަކުގެ ތެރޭގައި ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ ޢަމަލުތަކަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި ހުރިހާ ގައުމުތަކެއްގެ ސަރުކާރުންނާއި ބައިނަލްއަގްވާމީ މުޖްތަމަޢު ބައިވެރިވާ ފުރިހަމަ ސްޓްރެޓެޖީއެއް ގާއިމު ކުރުމަށް ވަނީ ގޮވާލާފަ އެވެ. އެފަދަ ސްޓްރެޓެޖީއެއްގެ ތެރޭގައި މުސްލިމުންނާއި ދެކޮޅަށް ބައެއް ޤައުވްމުތަކުގައި ހިނގަމުންދާ އދ. މަޖުލީހުގެ ޗާޓަރާއި ބައިނަލްއަގްވާމީ އުޞޫލުތަކާއި ޚިލާފު ބޭ އިންސާފު ޢަމަލުތައް ހުއްޓުވުމާއި އެކިއެކި ނަބީބޭކަލުންނަށާއި ދީންތަކަށް ފުރައްސާރަ ކުރުމުގެ ޢަމަލުތައް މަނާކުރުމާއި މިނިވަންކަމާއި އިންސާނީ ޙައްގުތަކުން މަޙްރޫމް ވެފައިވާ އެންމެނަށް އެބައިމީހުންގެ ސިޔާސީ އަދި އިންސާނީ އަދި ދީނީ ޙައްޤުތައް ލިބިދިނުން ވެސް، އެސްޓްރެޓެޖީގެ މުހިންމު ބަޔަކަށް ވާންޖެހޭނެ ކަމުގައި އެނިންމުމުގައިވެ އެވެ.
ޓެރަރިޒަމާ ދެކޮޅަށް ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ފަރާތުން މައްކާގައި ބޭއްވި ހަތަރު ދުވަހުގެ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި، މި ޖަލްސާގައި ބައިވެރިވި ހުރިހާ ވަފްދުތަކުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން، ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ސަޢޫދީ ސަރުކާރުން ޓެރަރިޒަމާއި ދެކޮޅަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ