ދިވެހި ފިލްމު "ހައްދު" ފިލްމީ ދާއިރާގެ ރިކޯޑްތައް މުގުރާލާނެ: ފައްތާހު

ދިވެހި ފިލްމު ދާއިރާގެ ރިކޯޑުތައް މުގުރާލާނެ ފިލްމަކަށް ދިވެހި ފިލްމު "ހައްދު" ވެގެންދާނެ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
މި ފިލްމުގެ ފޭސްބުކް ޕޭޖުގައި ފިލްމު ޕްރޮމޯޓު ކުރުމަށް ކުރާ ކޮންމެ ޕޯސްޓެއްގައި "ހޭޝްޓެގް ރެކޯޑް ބްރޭކިން މޫވީ" މިހެން ޖަހާތީ މިކަމާ ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެމުން މި ފިލްމުގެ ޕްރޮޑަކްޝަން ޓީމްގައި ހިމެނޭ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނީ "ހައްދު" ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ފައްތާހް ބުނީ ގިނަ އެވޯޑުތައްވެސް މިފިލްމުން ހާސިލް ކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ބުނީ މިހާތަނަށް ދިވެހި ފިލްމަކަށް ނުލިބޭ ވަރަށް އާމްދަނީ މި ފިލްމުން ހޯދާނެ ކަމަށެވެ.
ފައްތާހު ބުނީ ހައްދުގެ ނަމުން ފިލްމަށް ނަން ދެވުނީ ތަފާތު ނަމެއް ދިނުމަށް ކަމަށެވެ. އަދި މި ފިލްމު ބަލާލުމުން ހައްދު ފަހަނަ އެޅުމުން ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މިފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ. މި ފިލްމުގެ ޝޫޓިންތައް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ. ކެލާ އާއި ރ. ވާދޫގެ އިތުރުން މާލެ ކައިރި ރަށްތައް ހިމެނެ އެވެ.
މިފިލްމު ޕްރޮޑިއުސް ކުރަނީ ފައްތާހްގެ އިތުރުން މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދެވެ. މި ފިލްމަށް ހަރަދު ކުރުމަށް ނިންމާފައިވަނީ ނިއުމާ އާއި ފާއްތާހް ދެމީހުން އެއްވަރަކަށް ކަމަށްވެސް ފައްތާހު ބުންޏެެވެ.
ހައްދު ފިލްމަކީ މީގެ ލީޑް ރޯލުން ފެނިގެންދާ މަރިޔަމް އައްޒަގެ އެންމެ އަގު ބޮޑު ފިލްމެވެ. އައްޒަ ބުނީ މި ފިލްމަށް އެހާ ބޮޑު އަގެއް ކިޔަން ޖެހުނީ މި ފިލްމަށް ކުރަން ޖެހޭ މަސައްކަތް ބުރަވެފައި، އެއަށް ދޭން ޖެހޭ ވަގުތު ވެސް ގިނަކަމުން ކަމަށެވެ. އަދި މިއީ މާލެއިން ބޭރުގައި ބޮޑު ބައި ޝޫޓް ކުރަން ޖެހޭ ފިލްމެއްކަން އޭނާ ފާހަގަކުރި އެވެ.
ފައްތާހް ބުނީ ރެޑް ޕްރޮޑަކްޝަނުން އުފައްދާ ހައްދު ފިލްމުގައި ބައިވެރިވާ ހުރިހާ ކާސްޓުންވެސް އަގު ބޮޑުވާނެ ކަމަށެވެ.
"އަޅުގަނޑު ކައިރީގައި މަސައްކަތް ނުކުރާނެ ކުޑަ އަގަކަށް. އަޅުގަނޑު އެ ކާސްޓުންނަށް ހަރަދު ކުރަނީ ކުރާ މަސައްކަތާ ހޭދަވާ ވަގުތައް ވަރަށް ބޮޑަށް ބަލާފައި. އަޅުގަނޑު ކައިރީގައި މަސައްކަތް ކޮށްފަ ދާ އެކަކުވެސް ނުދާނެ ހިތްހަމަ ނުޖެހިގެން ނޫނީ ދޭ އަގު ކުޑަވެގެނެއް. އެގޮތުން އަޅުގަނޑުގެ މިފިލްމުގެ ހުރިހާ ކާސްޓުންނަށްވެސް ހުންނާނީ ބޮޑު އަގެއްދީފައި. ފިލްމުގެ ހުރިހާ ކާސްޓުންވެސް އަގު ބޮޑުވާނެ،" އޭނާ ބުންޏެވެ.
މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނެ އެކްޓަރަކީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފް ވެގެންދާ ޝިބާން އަހްމަދެވެ. އޭނާއާއި އައްޒަގެ އިތުރުން މިފިލްމުގެ ތަރިންގެ ތެރޭގައި ރިޝްފާ ވެސް ހިމެނެ އެވެެ.
ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފްވެގެންދާ ޝިބާންއާ ގުޅޭގޮތުން ފައްތާހް ބުނީ އޭނާގެ ފަރާތުން ބެލުންތެރިން ބޭނުންވާ ފަދަ އެކްޓެއް ފެނިގެންދާނެ ކަމާމެދު ޝައްކު ނުކުރާ ކަަމަށެވެ. އަދި ބުނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އޭނާ އަށް އެކްޓިން ކްލާސްތަކާއި ވޯކްޝޮޕްތައް ނަގައިދޭނެ ކަމަށެވެ.
ފައްތާހު ބުނަނީ މިއީ ވަކި ހައްދެއް ނުވަތަ ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.
މި ފިލްމުގެ ލަވަތަކުގެ ޅެން ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވަ ފިޔަވާ ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ. މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ