ވަގުތުގެ މަސްއޫލުވެރިޔާ މުޝައްރަފު ހަސަން ދީދީގެ މައްޗަށް ވަގުތު މީޑިއާ ހައުސް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުވާ ކުރި މައްސަލަ ޝަރީއަތަށް ފޮނުވަން ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމާފައި ވަނީ ވަގުތު މީޑިއާ ހައުސް ނަމަކަށް ކިޔާ ކުންފުނީގެ ގާނޫނީ ވަކީލުންނާއި ވަގުތުގެ މަސްއޫލުވެރިޔާ މުޝައްރަފް ހަސަން ދީދީ އެ ކޯޓަށް ހާޒިރުކޮށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާގުތު މީޑިއާ ހައުސް ނަމަކަށް ކިޔާ ކުންފުނިން ހުށަހެޅި ހުށަހެޅުމަށް މުޝައްރަފް އެއްބަސް ނުވުމުންނެވެ.
އެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަގުތުގެ މަސްއޫލުވެރިޔާ މުޝައްރަފް ވިދާޅުވީ އެ މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަޙުޤީޤު ކުރަމުން އަންނަ މައްސަލައެއް ކަމުގައިވާތީ ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް ނުދެކޭކަމަށެވެ. އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް މުޝައްރަފު އެދިވަޑައިގަތެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައަކީ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލުކުރެވިދާނެ މައްސަލައެއް ކަމުގައި ނުފެންނާތީ ޝަރީއަތަށް މައްސަލަ ފޮނުވަން ނިންމެވީ ކަމަށެވެ.
ވަގުތު މީޑިއާ ހައުސް ނަމަކަށް ކިޔާ ކުންފުނިން ކުރި ދައުވާގައި ވަނީ "ވަގުތު" ކިޔާ ވިޔަފާރި ނަމާއި ވަގުތު މިނަން ހިމެނޭހެން އުފައްދާފައިވާ އެހެން ވިޔަފާރި ނަންތަކާކީ އެކުންފުނީގެ ނަންމައްޗަށް ރަޖިސްޓްރީކޮށްފައިވާ ނަތްތަކެއް ކަމަށެވެ. އެހެންކަމުން އެނަންތައް މުޝައްރަފަށް ބޭނުންނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އެކުންފުނިން އެހެން ބުނާއިރު، ވަގުތު މީޑިއާ ހައުސް ނަމަކަށް ކިޔާ ކުންފުނި ހެދި މައްސަލައާއި އެކުންފުނީގެ ނަންމައްޗަށް ވަގުތުގެ ލޯގޯތަކާއި ވިޔަފާރި ނަންތައް ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އެކުންފުނީގެ ބައެއް ހިއްސާދާރުން ދިރިއުޅޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، އެމީހުންގެ މޯބައިލް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ.
މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު "ވަގުތަށް" މައުލޫމާތު ދެއްވަމުން މުޝައްރަފް ވިދާޅުވީ އޭނާ މިއަދު ސިވިލް ކޯޓަށް ބަޔާނެއް ދެއްވާފައިވާނެ ކަމަށާއި އެ ބަޔާނުގައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރާ މައްސަލައެއް ކަމުގައިވާތީ އެ ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިދިނުމަށް އެދޭވާހަކަ ކަމަށެވެ.
ވަގުތު މައްސަލަ ޝަރީއަތަށް ފޮނުވަން ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ