އެއްބައިވަންތަކަން ދެމެހެއްޓުމަށް މިނިވަންކަން ދަމަހައްޓަންޖެހޭ - އުމަރު

ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމަކީ ވަރަށް ބޮޑަށް ގުޅިގައިވާ ދެކަންތައް ކަމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުން ކަމުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން، ހޯމް މިނިސްޓަރ އުމަރު ވިދާޅުވީ ދިވެހި ރާއްޖޭގެ ތާރީހުގައި ހިތާމަ ކުރަން ޖެހޭ އެއް ކަމަކީ ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނީ، އެއްބައިވަންތަކަމުގެ ސަފުތައް ރޫޅި ބަޔަކު ބޭރުގައުމުގެ މީހުން ގައުމަށް ގެނައުމުގެ ސަބަބުންކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އުމަރު އިތުރަށް ވިދާޅުވީ  ރާއްޖޭގައި މިހާރު ފެންނަމުންދާ މަންޒަރަކީ ދިވެހިންގެ އަމިއްލަ ގަލަމުންނާއި ދުލުން އަދި ސޯޝަލް މީޑިއާގެ ޒަރައްޔާއިން ގައުމުތެރޭގައި ހުރި ބައެއް މައްސަލަތައް ބޭރު ގައުމުތަކަށް ފޮނުވާ އެމީހުންގެ ނުފޫޒާއި އަދި އެމީހުންގެ ސިޔާސަތު ރާއްޖެ ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާތަން ކަމަށެވެ.
މީގެ އިތުރުން ބައެއް އިސްލާމީ ގައުމުތަކަށް ޑިމޮކްރަސީގެ ނަމުގައި ގެނެސް ވެއްދި ކަންތައްތަކުގެ ސަބަބުން ޑިމޮކްރަސީ ވެސް ނުލިބި އޮތް ހަމަޖެހުން ވެސް ގެއްލިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބޭރު ގައުމުތަކުން އަބަދުވެސް ތިބޭނީ އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތަކާއި ހިލާފަށް އެމީހުންގެ އަމިއްލަ އުސޫލުތަށް މިގައުމަށް ގެނެވޭތޯ ފަރަލައިގެން. އެދަނޑިވަޅުގައި އަޅުގަނޑޫމެންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކާއި ހެދި އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ ސަފުތަކުން ނިކުމެ، އަސްދަނޑިން ބޭރުވެ ބޭރުގައުމުތަކުގެ މީހުންނަށް ދައުވަތުދޭ ކަމަކަށް ވެއްޖެ ނަމަ ވަރަށް ފަސޭހައިން އެކި ދޮރު ތަކުން ވަދެ ދިވެހި ރާއްޖޭގެ ދާހިލީ ކަން ކަމާއި ދީނަށް އަދި ހުރިހާ ކަމަކަށް ވަދެ އަޅުގަނޑުމެންގެ މިނިވަން ކަންވެސް ނިގުޅާ ގަންނާނެ،" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ