ޕީޕީއެމްގެ ސަރުކާރާ ދެކޮޅަށް ތެދުވަން ޖެހުނީ ނަޒާހަތްތެރިކަމާއި އަދުލުވެރިކަން އެއްކޮށް ގެއްލިގެން ދިއުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ ފާހަގަކުރުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަން މަސައްކަތް ކުރެއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިސަރުކާރުގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު އަމަލު ހިންގާފައިވަނީ މިސަރުކާރުގައި ކަމަށާއި އެހިޔާނާތުގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ދައުލަތުން ގެއްލިފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ ހިޔާނާތުގެ އެ އަމަލު ހިންގަމުން ދިޔައީ ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ އަމަލުތަކެއް ހިންގަމުން ގެންދާކަން ރައީސް މައުމޫން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިންނަށް ދަންވަމުން ގެންދަވަނިކޮށް ކަމަށެވެ. އުމަރު ވަނީ މިސަރުކާރަށް ތާއީދުކުރާ ބައެއް ބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައާއި ނުބައްދަލު ތަނަވަސްކަމުގައި ބައެއް ބޭފުޅުން އުޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
"މިއަދު އަޅުގަނޑުމެންނާ ހިޔާލުތަފާތުވެފައިވާ އަހުން ނިކުމެ ޓީވީ ތަކުގައި ވާހަކަދައްކަވާ މަންޒަރު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ބައްލަވާ ކޮންމެ ބޭފުޅެއްގެ ބެކްގުރައުންޑަށް ބައްލަވާ. ކޮންކަހަަލަ ވިޔަފާރިއެއްތޯ ނާޖާއިޒު ގޮތުގައި އެބޭބޭފުޅުންގެ އަތުގައި އޮތީ. ކޮންކަހަލަ ގޮތަކަށްތޯ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތީ އެބޭބޭފުޅުންގެ އަތުގައި. އެބޭފުޅުން އެ އުޅުއްވަނީ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ މުސާރައިގައިތޯ އެ އުޅުއްވަނީ ބައްލަވާލައްވާ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގައި ނަޒާހަތްތެރިކަން ގެއްލިގެން ދިޔަ މިންވަރު،" ސަރުކާރުގެ ބައެއް ވެރިން މުއްސަނދިވީ ގޮތާއީ ދޭތެރޭ އެތައް ސުވާލެއް އުފައްވަމުން އުމަރު ވިދާޅުވި އެވެ.
އަދުލުވެރިކަމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ރާއްޖެއަކީ މުސްލިމު ދައުލަތަކަށް ވާއިރު އަދަުލުވެރިކަމަށް ވުރެ ވަކިން މުހިއްމު އެއްޗެއް އިސްލާމީ ދައުލަތަކަށް ނޯންނާނެ ކަމަށެވެ. ކީރިތި ޤުރުއާންގައި ވެސް އަންގަވާފައިވަނީ އަދުލުވެރިވުމަށާއި އިންސާފުވެރިވުމަށް ކަމަށްވެސް ވިދާޅުވި އެވެ.
މިސަރުކާރުގެ އަދުލުވެރިކަން ގެއްލިފައިވާ ކަން އާންމު ރައްޔިތުންނަށް ޔަގީންކޮށްދެއްވުމަށް އުމަރު ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްއާއި، އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމްތަކާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަދައްކަވާފަ އެވެ.
އެގޮތުން އުމަރު ވިދާޅުވީ ކާނަލް ނާޒިމުގެ ގެއިން ފެނުނު ފިސްތޯލައިގައި އޭނާގެ ފިންގާ ޕްރިންޓެއް އަދި ޑީއެންއޭ ވެސް ނެތް ކަމަށެވެ. އެކަމަކު އެ ފިސްތޯލައިން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޑިއެންއޭ ފެނިފައިވާ ކަމަށާއި އެކަން އެނގިގެން ދިޔައީވެސް ދިވެހި ފުލުހުން ކުރި މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ. އަދި އެހޯދުންތަކުގެ މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނަރަލްއާ ހަމައަށް ފޮނުވުމުން އަދިވެސް އެމައްސަލާގައި އަދުލުވެރި ނިންމުމެއް ނިންމައިދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝައިހް އިމްރާންގެ މައްސަލާގައި އުމަރު ވިދާޅުވީ އަދުލުވެރި ވެރިކަމެއްގައި ނަމަ ޝައިހް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ނުލާނެ ކަމަށެވެ. އިމްރާނަށް ކުރަނީ އެއްވުމެއްގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ތުހުމަތު ކަމަށާއި މިމައްސަލާގައި ގިނަވެގެން އެމަނިކުފާނުގެ މައްޗަށް ކުރެވޭނީ ހަމަހުގެ ހުކުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ޖަލު ހުކުމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކުރި ކަމަކަށެވެ. އެކަމަކު އެމައްސަލަ އާއި ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ނަޝީދު ކުރެއްވި ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މީހަކު ހިފާ ހައްޔަރުކުރުން ކަމަށާއި އެމައްސަލާގައި ގިނަވެގެން އެމަނިކުފާނަށް އިއްވޭނީ ތިން އަހަރުގެ ހުކުމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މިވަކާލާާތު ކުރަނީ އަދުލުވެރި ވެރިކަމަކަށް. ޕީޕީއެމް އޮތީ އަދުލުވެރި ވެރިކަން ކުރާ ޕާޓީއަކަށް ވުމަށް. ނަޒާހަތްތެރި ވެރިކަން ކުރާ ޕާޓީއަކަށް ވުމަށް. މިއީ އަޅުގަނޑުމެން ވަކާލާތު ކުރާ އެއްޗަކީ. އެެހެންވީމާ މިކަންކަން އަޅުގަނޑުމެން ފަރާތުން ގެއްލިގެން ދިޔައީމާ މިޕާޓީގެ އެންމެ އިސް ފަރާތް ކަމުގައިވާ ޕާޓީގެ ރައީސް އަދި އެންމެ އިސްގުނަން ކަމުގައިވާ ކައުންސިލަކަށް މަޑުކޮށްގެން ނުއެއް އޮވެވޭނެ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަޑުއިއްވަންޖެހޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެބޭފުޅުންގެ ދަށުން އަދި އެބޭފުޅުންގެ އާއިލާގެ ތެރެއިން ނަޒާހަތްތެރިކަމެއް ނެތް އަދި އަދުލުވެރިކަމެއް ނެތް ވެރިކަމެއް ދެން ނާންނާނެ ކަމަށެވެ. އަދި ޕީޕީއެމްއަކީ "މާލޫދު ޕާޓީއެއް ނޫން" ކަމަށްވާތީ ގޯސްކޮށް ހިނގާ ކަންކަމުގައި ބަސް އިއްވަންޖެހޭނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރާ ދެކޮޅަށް ތެދުވީ ނަޒާހަތްތެރިކަމާއި އަދުލުވެރިކަން އެއްކޮށް ގެއްލުމުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ