ރައީސް މައުމޫން މިސްރުގެ ރައީސާއި ބައްދަލްކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، މިސުރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ އަރިހަށް އިއްޔެ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރައީސް އައްސީސީއާ ބައްދަލުކޮށްލެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މިސުރުގެ ސަރުކާރުން އެމަނިކުފާނަށް ދެއްވި މެހެމާންދާރީއަށްވެސް ޝުކުރު ދަންނަވާކަމުގައި ވިދާޅުވިއެވެ.
ފަތުވާ ދިނުމާބެހޭ މިފަދަ މުހިންމު ބައިނަލްއަޤްވާމީ ޖަލްސާއެއް ބޭއްވުމުން ދޭހަވަނީ މިސުރުގެ ރައީސްއާއި ސަރުކާރުން އިސްލާމީ ކަންތައްތަކަށް ދެއްވާ އަހަންމިއްޔަތު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މިސުރަކީ މުސްލިމުންގެ ވަޙްދަތު ރައްކާތެރި ކުރުމަށާއި އިސްލާމީ އުންމަތަށް ދިމާވާ ކޮންމެ ކަމެއްގައި އިސްލާމީ އުންމަތުގެ ދިފާޢުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެއްކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގެ މުފްތީންނާއި ޢިލްމުވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެން އެބޭފުޅުން ދެއްވި ޚިޔާލުތަކުގެ އަލީގައި މި ޖަލްސާއިން ނިންމި ކަންތައްތަކުގެ ސަބަބުން، ފަތުވާ ދިނުމުގައި ދިމާވެގެންއުޅޭ މައްސަލަތަކަށް ވަރަށް ބޮޑު ޙައްލެއް އަންނާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި، މީގެ ދެދުވަހެއް ކުރިން، ރައީސް އައްސީސީގެ މަންމާފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައިވާތީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ރައީސް އައްސީސީއަށް ތަޢުޒިޔާ ދެންނެވިއެވެ.
ރައީސް އައްސީސީގެ ވާހަކަފުޅުގައި ރައީސް މައުމޫނަށާއި ޖަލްސާގެ ބައިވެރިންނަށް މަރްޙަބާ ވިދާޅުވެ، އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ކާމިޔާބަށް އެދިވަޑައިގަތެވެ. އެކި ޖަމާޢަތްތަކުގެ ނަންނަމުގައި މުސްލިމުން ބައިބައިވުމަކީ މުޅި އުންމަތަށް ލިބޭ ނިކަމެތި ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
އަދި ރައީސް މައުމޫނާއި އެހެނިހެން ބޭބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރައީސް އައްސީސީގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގާ ހުރިހާ ބޭފުޅުން ފާޅުކުރެއްވި ތަޢްޒިޔާގެ ބަސްފުޅުތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ