އަބްދުالله ރަޝީދުގެ މަންމަ ރޮމުން ކުރި އާދޭސް: މައްސަލައެއް ނުޖައްސާނަން, ހަށިގަނޑު ހަވާލުކޮށްދީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯނޑެއްދޫ/ ސްވެން, އަބްދުالله ރަޝީދުގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި އޭނާގެ މަންމަ ގަލޮޅު މޯޗަރީ ކައިރީގައި އާދޭސްކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަަރޭޝަނެއްގައި ހޯނޑެއްދޫން އަބްދުالله ރަޝީދު ހައްޔަރުކޮށްފައި ހުއްޓާ އޭނާ މަރުވީ ފުލުހުން ބުުނާ ގޮތުން މެއަށް ތަދެއް އަރައި, ސީޒާއެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމަށްފަހު އެވެ.
އަދި އޭނާ ހޯނޑެއްދޫން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުންޏެވެ.
އަބްދުالله ރަޝީދު މަރުވިތާ މިއަދަށް ތިން ދުވަސް ވެފައިވާއިރު, އޭނާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގަ އެވެ. ފުލުހުން ބުނާ ގޮތުން, އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާނެ އެވެ. ނަމަވެސް އެކަމާ އާއިލާއިން ދެކޮޅެވެ.
ގަލޮޅު މޯޗަރީ ކައިރީގައި ހުރެ މީޑިއާއަށް މައުލޫމާތު ދެމުން އަބްދުالله ރަޝީދުގެ މަންމަ މަރިޔަމް އަހުމަދު ބުނި ގޮތުގައި, އަބްދުالله ރަޝީދު އުޅޭ ގެ ބަލައި ފާސްކޮށް އެތަނުން އޭނާ ނެރެގެން ފުލުހުންގެ ލޯންޗަށް އެރުވި އިރުވެސް އޭނާގެ މެއަށް ތަދުވާ ވާހަކަ ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް އެކަމަށް ފުލުހުން އަޅާނުލި ކަމަށާއި ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރަކު ލޯންޗަށް ގެންނަން އެދުމުންވެސް އެކަމަށްވެސް އިންކާރު ކުރި ކަމަށް ބުންޏެވެ.
“އޭނާ މަރުވީމާ ގޮވައިގެން ގޮސް މަޑަވެއްޔަށް ނަގާ އެއްލާލާފައި އެމީހުން ރައްކާވީ. ދެންވެސް އަޅުގަނޑުމެންނަށް ނާންގައި ހުއްޓައި މަޑަވެލިން މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރި މަރުވެއްޖެއޭ،” އަބްދުالله ރަޝީދުގެ މަންމަ ގިސްލަމުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި, މަޑަވެލިން އަބްދުالله ރަޝީދުގެ ހަށިގަނޑު މާލެ ގެނައީ, މާލޭގައި ތިބި އޭނާގެ އަންހެނުންނާއި ދަރިންނަށް މޫނު ދައްކަން ކަމަށް ހީކުރި ނަމަވެސް އެ މީހުންނަށްވެސް މޫނު ނުދައްކާ ވެއްދީ މޯޗަރީއަށް ކަމަށެވެ. އެހެންވެ ވަޅުލަން ހަށިގަނޑު ހަވާލުކުރަން އެދުނު ކަމަށާއި ނަމަވެސް ޕޯސްޓްމޯޓަމް ހަދަންޖެހޭނެ ކަމަށް ފުލުހުން ބުނި ކަމަށް ބުންޏެވެ.
“އަޅުގަނޑު ކައިރީގައި އެކޮޅުގައިވެސް (މަޑަވެލިން) ބުނި ޕޯސްޓްމޯޓަމް ހަދަން. އަޅުގަނޑު ބުނިން އަޅުގަނޑު ދެނެއް ބޭނުމެއް ނޫނޭ ދަރިފުޅަށް އިތުރު އެއްވެސް އަނިޔާއެއް ދޭކަށް އަޅުގަނޑުމެން ބޭނުންވަނީ އޭނަ ހިނަވާފަ, ކަފުންކޮށްފަ, ވަޅުލަންށޭ. އެކަމަކު މިތަނަށް (މޯޗަރީ)އަށްވެސް ވަނަނުދޭން މިއުޅެނީ. ކޮން މަޔަކަށްތަ މަސްގަނޑު މިތަނުގައި ބާއްވާފައި ގޮސް ގޭގަ ނިދަން އޮވެވޭނީ. ކޮން މަޔަކަށްތަ?,” މަރިޔަމް އަހުމަދު ބުންޏެވެ.
“އަހަރެމެން ބުނެފިން އަހަރެމެންނަށް މަސްގަނޑު ދޭށޭ. އަހަރެމެން މައްސަލަ ޖައްސާކަށްވެސް ބޭނުމެއް ނޫނޭ. މައްސަލަ ޖެއްސިޔަސް އަޅުގަނޑުމެންނަކަށް މަސްގަނޑެއް އަނބުރާ ނުލިބޭނޭ. މައްސަލަ ޖައްސާކަށް ނޫނޭ. މަސްގަނޑު އަޅުގަނޑުމެންނާ ހަވާލުކޮށްދޭށޭ. އެއްވެސް ތަނެއްގަ މައްސަލަ ޖައްސާކަށް ބޭނުމެއް ނޫން,”
ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިހުމާލެއްވޭތޯ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. އެންއައިސީއަކީ މި މަރާ ގުޅިގެން ތަހުގީގުގެ ޕްރައިމަރީ އިންވެސްޓިގޭޓިން އެޖެންސީ އެވެ.
އެގޮތުން މި މައްސަލައާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ހިންގާނީވެސް އަދި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީވެސް އެ ކޮމިޝަނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ