ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅިގެން މީގެ ކުރިން ރާއްޖެއިން ވަކި ކޮޅެއް ނުނަގާ އޮތް ނަމަވެސް، ޔޫކްރެއިންއަށް ރާއްޖޭގެ ތާއީދު އޮތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރްްއާ ބައްދަލުކުރައްވައިފަ އެވެ.
ތަފްސީލް - އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީސް، 'ރިގިކޮގޫ'ގެ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ، ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން، އެ ބައްދަލުކުރެއްވުމުގައި، ސަލާމަތީ ގުޅުންތަކާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށާއި ޔޫކްރެއިންއަށް ތާއީދުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްގެންދެވި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"އދ.ގައި ޔޫކްރެއިންއަށް ތާއީދު ކުރަން ނިންމުމުން ރާއްޖެއަށް ޝުކުރިއްޔާ،" އެ ޕޯސްޓުގައިވެ އެވެ.
އެނގުން މުހިއްމު - ރައީސް މުއިއްޒު، އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ޝާއިއުކޮށްފައިވާ ހަބަރުގައި، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި ރާއްޖެއިން އެކަމުގައި ގެންގުޅޭ ސްޓޭންޑާ ގުޅޭ މަޝްވަރާތައް ނުވަތަ ވާހަކަތަކެއް ދެއްކެވި ކަމެއް ނެތެވެ.
އެ ހަބަރުގައި އޮތީ ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާ ގުޅޭ ގޮތުން ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތައް ފާހަގަކުރެއްވި ކަމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމަށް ދެ ބޭފުޅުން އަޒުމު އާކުރެއްވި ކަމަށެވެ.
ފާހަގަ ކުރެވޭ - ރަޝިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިއްމު މާކެޓެކެވެ. އެންމެ ގިނައިން ހަރަދު ކުރާ ފަތުރުވެރިން އަންނަ އެއް މާކެޓަކީ ވެސް ރަޝިއާ އެވެ.
އަގުބޮޑެތި ޔޮޓު ފަހަރާއި ޕްރައިވެޓު ޖެޓުތަކުގައި ރަޝިއާ އިން ރާއްޖެއަށް ފަތުރުވެރިން އަންނައިރު، އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ރަޝިއާ އިންނެވެ.
އަހަރުގެ ފުރަތަމަ ދެ ހަފްތާ ތެރޭ އެ ގައުމުން 12،920 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ރާއްޖެއިން ވަކި ކޮޅެއް ނުނަގައި އޮތުމަށް ފަހު، ޔޫކްރެއިންއަށް ތާއީދު ކުރަން ނިންމި ކަމަށް ދޭހަވާ ގޮތަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ 'އެކްސް' އެކައުންޓުން ޕޯސްޓެއް ކޮށްފައިވާތީ އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ބުނެ އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ވަކިކޮޅަކަށް ނުޖެހި އޮތް ރާއްޖޭން ޔޫކްރެއިނަށް ތާއީދު ކުރަނީ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ