މި އަހަރުގެ ހެލްތު ރިސާޗް ބުލެޓިން ނެރެފި
ހެލްތް މިނިސްޓްރީން މި އަހަރުގެ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން ވޮލިއުމް 10" މިއަދު ނެރެފިއެވެ. މިއީ ދިވެހިރާއްޖޭގައި ކުރެވިފައިވާ ސިއްޙީ ދިރާސާތަކުގެ ނަތީޖާތަކާއި ތަފާސްހިސާބު ހިމެނޭހެން އެ ވުޒާރާގެ ފަރާތުން ކޮންމެ އަހަރަކު އާއްމު ކުރާ ބުލެޓިންއެކެވެ. މި އަހަރުގެ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން ވޮލިއުމް" ނެރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ "މޯލްޑިވްސް ހެލްތް ރިސާޗް ބުލެޓިން" ޝާއިރުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ހަދާ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތަކުން ހޯދުނު މައުލޫމާތުތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގައި ސިއްޙީ ދިރާސާ ކުރުމުގެ ރޫހު އާލާކޮށް ދިރާސާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އަގުވަޒަންކުރުމެވެ. ހެލްތް މިނިސްޓްރީން ބުނީ، މި އަހަރު އާންމުކުރި ރިސާޗް ބުލެޓިންގައި ރާއްޖޭގައި ހަދާފައިވާ ސިއްޙީ ދިރާސާތަކުގެ ހަތް އެބްސްޓްރެކްޓެއް ހިމަނާފައި ވާނެ ކަމަށެވެ. މި އަހަރުގެ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން ވޮލިއުމް" ނެރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ މީގެ ތެރޭގައި ހިމެނެނީ މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމާއި، ނަފްސާނީ ސިއްޙަތުގެ އިތުރުން، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި އާންމު ސިއްޙަތާ ގުޅުން ހުރި މަޢުލޫމާތެވެ. މީގެ އިތުރުން، ނެޝަނަލް ހެލްތު ރިސާޗް ކައުންސިލާ ގުޅުން ހުރި މައުލޫމާތާއި ސިއްޙީ ދިރާސާކުރުމުށް ހުއްދަ ދިނުމުގެ މަރުހަލާތަކާއި 2022-2025 އަށް ރާއްޖޭގައި ސިއްޙީ ދިރާސާކުރުމަށް އެންމެ އިސްކަންދެވޭ ދާއިރާތައް ވެސް މި ބުލެޓިންގައި ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި މި ބުލެޓިން އާންމުކުރުމަކީ ރާއްޖޭގައި ސިއްޙީ ދާއިރާ ދިރާސާކުރުން އިތުރަށް ހަރުދަނާކޮށް، ސިއްޙީ ދިރާސާކުރުމުށް މަގުފަހިވާފަދަ ވެއްޓެއް ގާއިމްކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ