މައުމޫން ޕީޕީއެމްގެ ރައީސްކަމުން ދުރުކުރާކަށް ނޫޅެން: ނިހާން

ޕީޕީއެމްގެ ރައީސްކަމުން މައުމޫން އަބްދުލް ގައްޔޫމް ބޭރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. "ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު އަޅުގަނޑަށް މިހާތަނަށް އެނގިގެން އެއްވެސް ހިސާބަކުން އެއްވެސް ޚިޔާލެއް ގެންގުޅެފައިވާކަން އަޅުގަނޑަށް އެނގިފައެއް ނެތް. އެހެންވީމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމުގައި ދަންނަވަން،" ނިހާން ވިދާޅުވިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ޕީޕީއެމް މިހާރު ހިނގަމުންދަނީ އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށާއި އަސާސީ ގަވާއިދުގައި ބުނާ އެތައް ކަމެއް ޕާޓީއަށް ނުކުރެވޭ ކަމަށެވެ. "ހިތާމަޔަކީ އަޅުގަނޑުމެންގެ މިއޮއްބޮޑު ޕާޓީގައި ބޮޑު ސިންގާ އަޣުލަބިއްޔަތަކުން ޕާޓީގެ ރައީސަށް މިދަންނަވަނީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައިދެއްވާށޭ. އަޅުގަނޑުމެން ބޮޑު އިންތިޚާބަކަށް ބޯމަތިވެފައި އޮތް ދަނޑިވަޅެއްގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނުކުންނަންޖެހޭ ވަގުތު އަޅުގަނޑުމެންނަށް މިފެންނަނީ މަދު ބޭފުޅުންކޮޅެއް ޕާޓީގެ ކަންކަން ނިންމާތަން. މިއީ ހިތާމަހުރި ކަމެއް،" އާރިފް ވިދާޅުވިއެވެ. މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓްރު މޫސާ ޒަމީރާއި، ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެބޭފުޅުން މަސައްކަތް ކުރަމުންދަނީ މަޝްވަރާކޮށްގެން ޕާޓީގެ ތެރޭގައި ހުރި ކަންކަން ހައްލުކުރުމަށް ކަމަށާއި ކަންކަން ހައްލު ކުރުމަށްޓަކައި ކައުންސިލް ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށެވެ. ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޕީޕީއެމްގެ އިދާރީ ކަންތައްތައް ބަލަހައްޓަންޖެހޭނީ ސެކްރެޓަރީ ޖެނެރަލް ކަމަށް އަސާސީ ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް މުހައްމަދު ތޮލާލް އެ މަގާމުން އިސްތިއުފާދެއްވިފަހުން މިއަދާ ހަމަށް ވެސް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކޮށްފައިނުވާ ކަމަށެވެ. މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހައްމަދު ހުސައިން ޝަރީފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި މުންދު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަންޏާ ރައީސް ޔާމީންގެ ތާއީދު ލިބެންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މިހާތަނަށް ކޮށްދެއްވި ކަންތައްތަކުގެ މެސެޖު ހިފައިގެން ނޫން ގޮތަކަށް ކައުންސިލް އިންތިޚާބު ޕީޕީއެމްއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ