ތިނަދުއަށް ދެ އިންޖީނު ގެނެސް ވަގުތީ ކަރަންޓް ދޭން މަސައްކަތް ފަށައިފި

އިންޖީނުގެ އަނދާ ހުލިވުމުން ކަރަންޓް ނެތި ހާލުގައި ޖެހިފައި އޮތް ތިނަދުއަށް ވަގުތީ ކަރަންޓް ދިނުމަށް ބޭނުންވާ ދެ އިންޖީނު މިއަދު އެ ރަށަށް ގެންގޮސް ކަރަންޓް ދޭން ކުރަން ޖެހޭ މަސައްކަތްތައް ފަށަައިގެންފި އެވެ.
ފެނަކައިގެ ފަރާތުން އެ ރަށަށް ގެންދިޔަ، 1.2 މެގަވޮޓްގެ ދެ އިންޖީނު ހިފައިގެން ދިޔަ އެސްޓީއޯގެ ކޮޅުވެއްޓި އެ ރަށަށް ބަނދަރު ކުރީ މިއަދުގެ އެންމެ ހެނދުނުގެ ވަގުތު އެވެ. އަދި އެ ދެ އިންޖީނު ރަށަށް ބާލައިގެން އިންޖީނު ގެއަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށައިގެންފަ އެވެ. ފެނަކަ ކޯޕަރޭޝަންްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޖީނު ބޭލޭނެ ކަމަށް ބެލެވެނީ މިއަދު ހަވީރުގެ ވަގުތުގައި ކަމަށެވެ. އަދި އިންޖީނު ރަށުގެ އިންޖީނުގެއަށް ގެންގޮސް ގޯތި ތެރޭގައި ބަހައްޓައިގެން މައި ޕެނަލް ބޯޑާ ގުޅާލުމުގެ މަސައްކަތް ފެށޭނީ މިރޭގެ ވަގުތެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އިން ހަދިޔާ ކުރި އެ ދެ އިންޖީނަކީ، ރަށަށް ކަރަންޓް ދިނުމަށް މިވަގުތަށް ބޭނުންވާ ޕެނަލް ބޯޑްތަކާއި އެހެން ވެސް ސާމާނާ އެކު ފޮނުވާފައިވާ ދެ އިންޖީނެވެ.
"ވީހާ ވެސް އަވަހަކަށް ކަރަންޓް ދެވޭތޯ މަސައްކަތް ކިި ކުރަނީ. އަޅުގަނޑުމެންނަށް ލަފާ މި ކުރެވެނީ މާދަމާއޭ ކަރަންޓް މި އިންޖީނުތަކުން ދޫކޮށްލެވޭ ވަރު ވާނީ. ޓެކްނީޝަނުން އެ މަސައްކަތްތައް މި އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 10،000 އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ އެ ރަށަށް ކަރަންޓް ދެމުން އައި ހަމައެކަނި އިންޖީނު ގޭގައި ރޯވި އަލިފާނުގައި ހުރިހާ އިންޖީނެއް އެކީ ވަނީ އަނދާހުލިވެފަ އެވެ. އެ ރަށަށް ދޭ ވަގުތީ ކަރަންޓު ވެސް ފުރިހަމަވެފައި ރަނގަޅުވާނެ ކަމަށް ފެނަކަ އިން ޔަގީންކަންދެ އެެވެ. މުޅި ރަށަށް ދާއިމީ ކަރަންޓް ދޭން ދެ މަސްވަރު ނަގާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.
އިއްޔެއާ ހަމަޔަށް މަސައްކަތްކޮށް ފެނަކައިން ވަނީ އެ ރަށުގެ އަސާސީ ހިދުމަތްތައް ދޭ ތަންތަންކަމަށްވާ ފެންޕްލާންޓާއި ހޮސްޕިޓަލާއި ސްކޫލްތަކާއި އެ ރަށުގައި ހުންނަ ޔުނިވަސިޓީ ދަނާލް އަދިވެސް ހިދުމަތްތައް ދޭ އެހެން ތަންތަނަށް ކަރަންޓް ފޯރުކޮށްދީފަ އެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުން އަދިވެސް ތިބެން ޖެހިފައި ވަނީ ކަނު އަނދިރީގަ އެވެ. އެ ރަށަށް އެހީވުމަށް ޓަކައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ޖަނަރޭޓަރުތަކާއި ފެނާއި ތެޔޮ އަދި އުއްބަތި ފަދަ ތަކެތި އެ ރަށަށް ހަދިޔާ ކުރަމުންނެވެ.
އެ ރަށަށް ލިބުނު ގެއްލުން ގާތްގަނޑަކަށް ހަތަރު މިލިއަނާ ގާތްކުރާނެ ކަމަށް ފެނަކައިން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ