ފަހު ވަގުތު ރޭންޖާސްގެ ހިތް މަރާލައި، ޔުނައިޓެޑް ގަދަ 16 އާ ގާތަށް

ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި މެންޗެސްޓާ ޔުނައިޓެޑުން ރޭންޖާސް ބަލިކޮށް، މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފައެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް، 52 ވަނަ މިނެޓުގައި ކާމިޔާބު ކުރި މި ލަނޑަކީ ރޭންޖާސްގެ ޖެކް ބަޓްލަންޑް އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. ރޭންޖާސްއިން ހިތްވަރު އެލުވައިނުލާ މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސީރިއެލް ޑެސާސް ޖެހި ލަނޑާ އެކު ނަތީޖާ ހަމަހަމަކުރުމެވެ. އެ ލަނޑާ އެކު މެޗު އެއްވަރުވެގެން ނިމިދާނެ ކަމަށް ހީވި ނަމަވެސް ދެން ފެނުނީ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑެޒް މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ކާމިޔާބުކޮށްދީ ރޭންޖާސްގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް މަރާލި ތަނެވެ. މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ ހަތް މެޗުން ލިބިފައިވާ 15 ޕޮއިންޓާ އެކު ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގު ފޭސްގެ ފަހު މެޗުގައި އެފްސީއެސްބީއާއި ރަށުން ބޭރުގައި ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްފިނަމަ ފަހު 16 ޓީމުގެ ބުރުން ސީދާ ޖާގަލިބޭ އަށް ޓީމުގެ ތެރޭގައި ޔުނައިޓެޑް ހިމެނޭނެއެވެ. މެޗުން ބަލިވުމުން ރޭންޖާސް އޮތީ 11 ޕޮއިންޓާ އެކު 13 ވަނައިގައެވެ. މުބާރާތުގައި އެފްސީއެސްބީއާއި ގަރަބާގް އެފް ކޭ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3-2 އިން ކާމިޔާބުކޮށްފައިވަނީ އެފްސީއެސްބީއެވެ. މި ކާމިޔާބީއާ އެކު އެފްސީއެސްބީ އޮތީ 14 ޕޮއިންޓާ އެކު އަށްވަނައިގައެވެ. ގަރަބާގް އޮތީ ތިން ޕޮއިންޓާ އެކު 34 ވަނައިގައެވެ. ގަލަތަސަރާއީއާއި ޑީނަމޯ ކިޔޭވް ބައްދަލުކުރި މެޗު 3-3 އިން ވީ އެއްވަރެވެ. މެޗު އެއްވަރުވުމުން ގަލަތަސަރާއީ 13 ޕޮއިންޓާ އެކު ނުވަވަނައިގައި އޮތްއިރު ކިޔޭވް އޮތީ އެންމެ ޕޮއިންޓަކާ އެކު އެންމެ ފުލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ