ޔަހޫދީންނާއި ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާ ދެމެދު ވެފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުގައި ކަނޑައަޅާފައިވާ ގޮތަށް ދެކުނު ލުބުނާނުގައި ތިބި ޔަހޫދީ ފައުޖު ނުފައިބާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދާރާއިން ބުނެފިއެވެ.
ޔަހޫދީ ދައުލަތާއި ޙިޒްބުاللهއާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ހަނގުރާމަ ކުރަމުން ދަނިކޮށް އެމެރިކާއާއި ފަރަންސޭސިވިލާތުން އިސްވެ އޮވެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ލީޠާނީ ކޯރުގެ ދެކުނުގެ ސަރަޙައްދުތަކުން ޙިޒްބުاللهގެ ހަނގުރާމަވެރިން ފައިބައި ހަތިޔާރުތައް އެހެން ސަރަޙައްދަކަށް ގެންދަން ޖެހެއެވެ. އޭގެ އިތުރުން ޔަހޫދީ ފައުޖު ވެސް ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ފައިބަން ޖެހެއެވެ. އެ ސަރަޙައްދުގައި ދެން ޙަރަކާތްތެރި ވާނީ ލުބުނާނުގެ އަސްކަރިއްޔާއިން ކަމަށް އެެއްބަސްވުމުގައި ބުނެފައި ވެއެވެ. އެ ކަންކަން ހާޞިލް ކުރަން ދީފައި ވަނީ އެއްބަސްވުން ޤާއިމު ކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ. ޖަނަވަރީ މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 7 ޖަހާއިރު އެ މުއްދަތު ހަމަވާނެެއެވެ.
ސިފައިން ބޭލުމުގެ ސުންގަޑި ކުޑަތަން ވެފައި ވަނިކޮށް ނަތަންޔާހޫ ވަނީ އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރާނެ ކަމަށް ބުނެފައެވެ. ނަތަންޔާހޫގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމުގައިވާ ކަންތަައްތައް ފުރިހަމައަށް ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ.
ޙިޒްބުاللهން މީގެ ކުރިން ބުނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖު އަނބުރާ ނުގެންދާ ނަމަ އެއީ އެއްބަސްވުމާ ޚިލާފުވުމުގެ ޢަމަލެއް ކަމަށެެވެ. ޔަހޫދީން އެގޮތަށް ޢަމަލު ކޮށްފި ނަމަ ލުބުނާނުގެ ސަރުކާރުން ޔަހޫދީންނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުއާހަދާތަކުން ބާރުދޭ ގޮތުގެ މަތީން އެޅެން ހުރި ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
އެއްބަސްވުމާ އެއްގޮތަށް ލުބުނާނުން ޔަހޫދީ ފައުޖުތައް ނުފައިބާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ