ހަރުކަށި ފިޔަވަޅު އަޅަންވީ ނިކަމެތި ބިދޭސީއަކަށް ނޫން، އޭނާ ގެންނަ ދިވެހިމީހާއަށް: މާނިއު
ނިކަމެތި ބިދޭސީން ޑީޕޯޓުކޮށްގެން މައްސަލަ ހައްލެއް ނުވާނެ ކަމަށާއި ފިޔަވަޅު އަޅަންވީ އެ މީހުން ގެންނަ ބިދޭސީންނަށް ކަމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މިއަދު ވިދާޅުވެއްޖެއެވެ. މާނިއު އެހެން ވިދާޅުވީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުކޮށް, އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު ރޭ އެ މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. https://sun.mv/203961 އިޖްތިމާއީ، އަދި އިގްތިޞާދީ ގިނަ މައްސަލަތަކެއްގައި މާނިއު އަކީ އެކްސްގައި އޭނާގެ ޚިޔާލު ލިޔުއްވާ ބޭފުޅެކެވެ. އެއާއެކު މި ދަނޑިވަޅުގައި މާނިއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނިކަމެތި ބިދޭސީން ޑީޕޯޓުކުރުމަކީ ބިދޭސީ މަސައްކަތްތެރިން ޓްރެފިކް ކުރުން ހުއްޓުވުމަށް އޮތް ހައްލެއް ނޫން ކަަމަށް ވިދާޅުވެފައެވެ. އެކަން ކުރުމަކީ އިތުރު ބިދޭސީ މަސައްކަތްތެރިން ޓެރެފިކް ކުރުމަށް އެ ކަން ކުރާ މީހުންނަށް ލިބޭ ހިތްވަރެއްކަމަށް މާނިއު ވަނީ ވިދާޅުވެފައެވެ. ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުން -- ފޮޓޯ/ އިމިގްރޭޝަން އެ މައްސަލައަށް ވަރަށް ތަފްސީލުކޮށް މާނިއުގެ ޕޯސްޓުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، އޭނާ ވިދާޅުވީ ގިނަ މީހުން ރާއްޖޭގައި ފޭކު ކުންފުނިތައް ހަދައި، އެ ތަންތަނުގައި ބިދޭސީން މަސައްކަތް ކުރުވުމުގެ ނަމުގައި ގެންނަން، ބޮޑެތި އަދަދުތަކުން ކޯޓާ ހޯދާ ކަމަށެވެ. އެ މީހުން ރާއްޖެ ގެންނަނީ 1،500 އާއި 2،000 ދެމެދުގެ އަދަދަކަށް ޑޮލަރު އެ މީހުން އަތުން ފީއެއްގެ ގޮތުގައި ނަގައިގެން ކަމަށް މާނިއު ވިދާޅުވިއެވެ. އެއާއެކު ޓޫރިސްޓު ވިސާގައި އެ މީހުން ރާއްޖެ ގެންނަނީ ވޯކް ވިސާއަށް ބަދަލުކޮށްދޭނެ ކަމަށް އެ މީހުންނަށް ހުވަފެން ދައްކައިގެން ކަމަށް ވެސް މާނިއު ފާހަގަކުރެއްވިއެވެ. https://x.com/yoosufmaaniu/status/1903006078461444314 އެގޮތަށް ގެންނަ މީހުންގެ ނިކަމެތިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މީހުންނަކީ ގިނަފަހަރު ލިޔަން ކިޔަން ވެސް ނުދަންނަ މީހުން ކަމަށެވެ. އަދި ބިދޭސީން ގިނަ ފަހަރަށް ރާއްޖެ އަންނަނީ އެ މީހުންގެ ގެ ރަހުނުކޮށް ފައިސާ ހޯދައި، އެ ފައިސާ އަނބުރާ ދައްކައި، އާމްދަނީއެއް ހޯދަންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޓްރެފިކް ކުރެވިފައިވާ ނިކަމެތި ބިދޭސީން ހައްޔަރުކުރެވެނީ ކުށްވެރިންގެ ގޮތުގައެވެ. އަދި، އަނބުރާ ފޮނުވާލެވެއެވެ. ޓްރެފިކަރުންގެ ގޮތުގައި ތިބޭ ދިވެހީންނާއި ދައުލަތުގެ އޮފިޝަލުން ދުވަހަކު ވެސް ހައްޔަރެއް ނުކުރެވެއެވެ. މިއީ މީހަކު ރޭޕް ކުރެވުމުން އަނިޔާ ލިބުނު މީހާއަށް އަދަބު ދިނުން ފަދަ ކަމެކެވެ.ކުރީގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު މި މައްސަލަ ހައްލުކުރުމަށް ޓަކައި މިއަދު ވެސް ނުކުރެވި، އަދި ކުރަންވީ ކަމަކީ ނުގަވައިދުން ބިދޭސީން ގެންނަ ދިވެހީންނަށް ފިޔަވަޅު އެޅުން ކަމަށް މާނިއު ފާހަގަކުރެއްވިއެވެ. އޭގެއިތުރުން، އެ ބިދޭސީންގެ ހާލަތު އަމިއްލައަށް ތަހައްމަލު ނުކުރާހާ ހިނދަކު އެ މީހުންގެ ހާލަތެއް ނުވިސްނޭނެ ކަމަށް ވެސް މާނިއު ވިިދާޅުވިއެވެ. އެއާއެކު އޭނާ ވިދާޅުވީ ރަނގަޅު މުސްލިމަކަށްވުމަށް ފުރަތަމަ ވާން ޖެހޭނީ ރަނގަޅު މީހަކަށް ކަމަށެވެ. މާނިއުއަކީ މި ސަރުކާރުގައި ކަސްޓަމްސްގެ އިސްވެރިޔާކަމަށް ފުރަތަމަ އައްޔަންކުރެއްވި ބޭފުޅާއެވެ. ސަރުކާރަށް އަހަރެއް ވާން ގާތްވެފައިވަނިކޮށް މާނިއު މަގާމުން ވަކިކުރީއެވެ. އެއަށްފަހު އޭނާ އައްޔަންކުރެއްވީ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އެ މަގާމުގައި މާ ގިނަ ދުވަހެއް ނުވަނީސް މާނިއު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭއެވެ. އޭގެ ފަހުން ސިޔާސީ މަސައްކަތްތަކުން ނުފެނުނު ނަމަވެސް އޭނާ މިހާރު ވެސް އެކްސްގައި ގެންދަވަނީ އޭނާ މަގާމުގައި ހުންނަވައިގެން ކަސްޓަމްސަަށް ގެންނަން ވިސްނުމުގައި ގެންގުޅުއްވި ބަދަލުތައް ހިއްސާކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ