އަޅުގަނޑަކީވެސް ރާއްޖެތެރޭ މަސްވެރިއެއްގެ އަންހެންދަރިއެކެވެ. ބައްޕައަކީ މަސވެރިއެއް ނަމަވެސް ރަށުގެ ސްކޫލް ނިންމުމުން މާލެ ގެނެސް ގެއަކަށް ބޭލީ މަސް ބޭނިއްޖިއްޔާ ރިހާކުރުފުޅިއެއް ދޭ ގޮތަކަށް ނޫނެވެ. މަހަކު ދޮޅުހާސް ރުފިޔާ ދޭގޮތަށެވެ. އެއިރު އެއީ ވަރަށް ގިނަ ފައިސާއެވެ. ކުރިއަށް ރުފިޔާވެސް ދީފައެވެ.
މަހަކު ދޮޅުހާސް ރުފިޔާއަކީ މީގެ 10 ވަރަކަށް އަހަރުކުރިއަށް ބަލައިފިނަމަ ގެތަކުގައި ކިޔަވަން ބައިތިއްބާ ކުދިންގެ އަތުން ނަގާ އެންމެ ބޮޑު ޢަދަދެވެ. އެހައިގިނަ ރުފިޔާ ދިނީ ގޭގެ މަސައްކަތް ނުޖައްސުވައި ކިޔަވަން ބަހައްޓާ ގޮތަށެވެ.
އަދި ކީއްހެއްޔެވެ؟ އެގޭގެ ވެރިމީހާއަކީ އަޅުގަނޑުމެންގެ ރަށަށް އަރުވާލެވުނު މީހެކެވެ. ހުރީ އަޅުގަނޑުމެންގެ ގޭގައެވެ. ބައްޕަ އެމިހާގެ އަތުން އެންމެ ރުފިޔާއެއްވެސް ނުނަގައެވެ. 3 އަހަރުވަންދެން ކޮޓަރިއެއް ދީފައި، ކާންދީފައި ބެހެއްޓީ ހިލޭ ސާބަހަށެވެ. އެއީ އެމީހާ އާއި ކުރިން އެއްވެސް ވަރެއްގެ ރައްޓެހިކަމެއް އޮވެގެނެއްވެސް ނޫނެވެ. އެމީހާ ރަށަށް ފޮނުވާލި ބައްތެލިން ބައްޕަވެސް ދަތުރުކުރީތީ އުފެދުނު ރައްޓެހިކަމުގައެވެ.
ކޮންމެއަކަސް ފުރަތަމަ މަހެއްހައި ދުވަހު މާބޮޑު ބުރައެއް ނުޖައްސައެވެ. ނަމަވެސް މަޑުމަޑުން ބުރަކުރުވަމުންގޮސް 3 މަސްވީއިރު ގޭގެ ނޯކަރަކަށް ހަދައިފިއެވެ. ފިލާވަޅުތައް ހަދަންޖެހެނީވެސް ރޭގަނޑު ހޭލައި އިނދެގެންނެވެ. ދުވާލު މަސައްކަތްކޮށްފައި ކިޔަވަންގޮސްފައި ރޭގަނޑު ހޭލައި އިނދެގެން ފިލާވަޅު ހަދަންޖެހުމުން ވަރަށް ބުރަވިއެވެ.
އެކަމަކުވެސް ހިތްވަރުކުރީމެވެ. ހަދަން އައި ކޯސް ކޮންމެ ޙާލެއްގައި އުޅެމުންވެސް ނިންމަން މަސައްކަތްކުރީމެވެ. ރަނގަޅު ނަތީޖާއެއް ހޯދަންވެސް މަސައްކަތްކުރީމެވެ. އެންމެ ދެރަވީ މަސައްކަތްކުރުވާތީއެއްވެސް ނޫނެވެ. ބީރައްޓެއްސަކަށްވީތީ މަލާމާތްކުރާތީއެވެ. ނިކަމެތިކުރާތީއެވެ.
އެމީހުންގެ ތަނަވަސް ފިރިހެން ކުއްޖަކު ހުރެއެވެ. ގޭގައި ހިނގާ އެކަންކަން އޭނާއަށް އެނގެއެވެ. އޭނާ އަޅުގަނޑަށް ހިތްވަރުދެއެވެ. ބުނެއެވެ. "ހުރިހާ ކަމެއްވެސް އެނގެއެވެ. އެކަމަކު މިގެއިން ނުދާށެވެ. މިގޭގައި ހުންނާށެވެ. އެމީހުން ކިޔާ އެއްޗަކަށް، ކުރާ ކަމަކަށް އަޅައިވެސް ނުލާށެވެ."
އަޅުގަނޑު ހެދީ 2 އަހަރު ދުވަހުގެ ކޯހެކެވެ. ކޯހުގެ އެންމެ ފަހަތުން 2 ވަނަ ސެމިސްޓާ ފެށުނުތަނާ ކަންތައްގަނޑު ވަރަށް ބޮޑުކޮށްލައިފިއެވެ. އެއްޗެތިކިޔުން ގިނަކޮށްފިއެވެ. އެއީ ކޮލެޖުގައި ގިނަ ވަޤުތު ހޭދަކުރަންޖެހޭތީ އައި ރުޅީގައެވެ.
އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އެހެންގެއަކަށް ބަދަލުނުވެ ހުރެވޭރު ނުވާތީއެވެ. އެހެންވެ އޭނާ އެކަނި ސައިބޯން އިންދައި ޙާލަތު ކިޔައިދީފައި ގެއިން ދިއުން ނޫން ގޮތެއް ނެތްކަމަށް ބުނީމެވެ. ކޮންމެ ގޮތަކުންވެސް ކޯހުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުން ކަމަށާއި އެގޭގައި ހުރެގެން ނުކިޔެވޭނެ ކަމަށް ބުނީމެވެ. އޭނާ އެކަން ޤަބޫލުކުރިއެވެ. އަދި އިތުރަށް 3 ދުވަހު މަޑުކުރުމަށް ބުންޏެވެ.
3 ވަނަ ދުވަހު ހަވީރު ކޮލެޖް ނިންމާފައި ނުކުތްއިރު އޭނާ ބޭރުގައި ހުއްޓެވެ. ބުނީ ސައިކަލް ފަހަތަށް އެރުމަށެވެ. އެއީ ޙަޔާތުގައިވެސް ސައިކަލެއްގެ ފަހަތަށް އަރަންޖެހުނު ފުރަތަމަ ދުވަހެވެ. ވަރަށް ބިރުން ހުރެވެސް އެރީމެވެ. އެއީ އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނަކަށްވުމުން އަޅުގަނޑަށް ދެރަގޮތެއް ނުހަދާނެކަން ޔަޤީންކުރެވޭތީއެވެ.
އޭނާ އަޅުގަނޑު ގެންދިއައީ އެހެން ގެއަކަށެވެ. ގެއަށް ގޮސް ފްލެޓެއް ހުޅުވާފައި ބުނީ އެތަނުގައި މަޑުކުރުމަށެވެ. އެހެން ބުނެފައި އޭނާ ނުކުމެގެންދިއައީ ތަޅުލާފައި ތަޅުދަނޑިވެސް ހިފައިގެންނެވެ.
ވަރަށް ބިރުން އިންދައި އައީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ ގޮވައިގެންނެވެ. ދެންވެސް މިވާނުވާއެއް ނުއެނގި އިންދައި ބައްޕަ ބުނީ ފެންވަރައި ރީތިވެލުމަށެވެ. އެހެންބުނެފައި ބައްޕަމެންވެސް ކޮޓަރިއަށް ވަދެއްޖެއެވެ. ފަހުން އެނގުނު ގޮތުގައި ލޯންޗެއް ފޮނުވައިގެން މަންމ އާއި ބައްޕަ ގެނުވީއެވެ.
އޭނާ އަޅުގަނޑު އަތަށް ކޮތަޅެއް ދީފައި ބުނީ ފެންވަރައިގެން ކޮތަޅުގައި އޮތް ހެދުންލުމަށެވެ. އަޅުގަނޑު ހީކުރީ ކިޔަވައި ނިމެންދެން އޭނާ އަޅުގަނޑު އެތަނުގައި ބައިންދައިދެނީކަމަށެވެ. އެހެންވެ އިތުރު ސުވާލެއް ނުކުރަމެވެ.
އިރުއޮއްސެން ކައިރިވެފައި ހުއްޓައި ދެމީހަކު ގެއަށް އައި އިރު ބައްޕަމެންވެސް ތިއްބެވެ. އެމީހުން އައުމުން ބައްޕަ ބުނީ "އޭނާ" އާއި ކައިވެނިކުރަން ރަންކިޔުމަށެވެ. ވިއްދައިގެން މަންމަވެސް އެހެން ބުންޏެވެ. ދެމީހުން އެހެން ބުނުމުން ދިއައީ ސިއްސައިގެންނެވެ. ކުޑަކޮށް ފަސްޖެހެވުނެވެ. ފަސްޖެހިލާފައިވެސް ކުރަންބުނި ކަންތައް ކުރީމެވެ. އެންމެ ބޮޑު ބޭނުމަކީ ކޮންމެ ގޮތަކުން ނަމަވެސް އެގެއިން ނުކުތުމެވެ. ކޯހުން ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
ރަންކިޔައި ނިމުނުތަނާ އޭނާ ބުނީ އޭނާ އާއިއެކު ގެއަށް ދިއުމަށެވެ. އަޅުގަނޑު އެކަމަށް ފަސްޖެހުމުން ބުނީ ގެއަށް ގެންދަނީ ގޭގައި ބަހައްޓަން ނޫންކަމަށާއި އަޅުގަނޑުގެ އެއްޗެތި ބަލައި ކަމަށެވެ. އެހެންބުނުމުން ހިތްހަަމަޖެހުން ލިބުނެވެ.
އެކުގައި ގޮސް ގެއަށް ވަންނަމުން ބުނީ އެއްވެސް މީހަކާއި ދިމާއަށް އެއްވެސް އެއްޗެއް ނުބުނުމަށާއި ސުވާލެއް ކުރިނަމަވެސް ޖަވާބުނުދީ އެއްޗެތި ހިފައިގެން ނުކުތުމަށެވެ.
ދެމީހުން އެކުގައި ގެއަށް ވަނުމުން އެކަކުވެސް އަނގައަކުން ނުބުނެއެވެ. ބަލަހައްޓައިގެން ކަޅިއަޅަން ތިބީއެވެ. އެއްޗެތި ހިފައިގެން ނުކުތީމާ އޭނާ "ބީރައްޓެހި ކުއްޖާ އުނދަގޫކުރަން ދެން މިގެއަށް ނާންނާނެ" ކަމަށް ބުނެފައި ހިނގައިގަތީއެވެ.
އަޅުގަނޑު ގެންގޮސް ގެއަށް ލާފައި އޭނާ ނުކުމެގެންދިއައީއެވެ. ދެން އޭނާ އައީ އަނެއް ދުވަހު ހަވީރުއެވެ. ބުނީ އެރޭ ޢިޝާ ނަމާދުގެ ފަހުން ކައިވެނިކޮށްދޭން އަންނާނެ ކަމަށާއި ތައްޔާރުވެގެން ތިބުމަށެވެ. އެބުނި ގޮތަށް ކައިވެނިކުރެވުނެވެ.
ކައިވެނީގައި މިހާރު 10 އަހަރުވީއެވެ. 3 ދަރިން ލިބިއްޖެއެވެ. މިހާރު ދިރިއުޅެނީ ފިރިމީހާ ހުޅުމާލެއިން ގަތް ފްލެޓެއްގައެވެ. ބުނަންޖެހެނީ އަޅުގަނޑުގެ ފިރިމީހާ ފަދަ ހުރިހާ ގޮތަކުން ރަނގަޅު ފިރިއަކު މަދުވާނެ ކަމަށެވެ. އިތުރަށް ބުނާކަށް ނެތީމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެ މީހެއްގެ ކޮންމެ ދަރިއަކީވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިނަމަ މާތް ﷲ ލޯބިވެވޮޑިގެންވާ އަޅެކެވެ. ހިތުގައި ޖައްސަން ހެޔޮނުވާނެއެވެ. ﷲ މީހަކަށް ލައްވަވާނެ ރަޙްމަތް ނުވެސް އެނގޭނެއެވެ.
ފިރިމީހާ ފަހުން ބުނިގޮތުގައި އޭނާ އަޅުގަނޑާއިމެދު އެގޮތަށް ކަންތައްކުރީ ﷲ އަށްޓަކައެވެ. އޭނާގެ ގޭތެރެއިން އަޅުގަނޑަށް ލިބެމުން ދިއަ އަނިޔާތައް ދެކެން ކެތް ނުކުރެވިގެންނެވެ. ކައިވެނިކުރީ އަޅުގަނޑުގެ ކެތްތެރިކަމަށާއި އަޚްލާޤަށް ބަލައިގެންނެވެ. އަދި އޭނާ ބުނީތީ އެގެއިން ނުގޮސް އެހިތްދަތި ޙާލުގައިވެސް ކެތްކުރީތީ އެކަމުގެ ބަދަލަކަށެވެ.
ކޮންމެ ސަބަބުތަކަކަށްޓަކައި ނަމަވެސް މައްސަލައެއް ނެތްތާއެވެ! ލިބިފައި މިވަނީ ޖަވާހިރެއް ފަދަ ފިރިއެކެވެ. އެހެންވެ އަޅުގަނޑު އޭނާގެ ޢާއިލާއަށް މާފުކޮށްފީމެވެ. އެކަމަކު ގެއަށް އެމީހުން އަންނަ ދުވަސްދުވަހު އުޅޭގޮތުން ހިތަށް އަރައެވެ. "އަޅެ މިއީ ހަމަ އެބީރައްޓެހި ތަނެއް ދޮރެއް ނުއެނގޭ އަންހެނާ ނޫންހެއްޔެވެ؟ އެއޮޅުލަނީ ހަމަ އެބީރައްޓެހި ތަނެއް ދޮރެއް ނުއެނގޭ އަންހެނާގެ ބަނޑުން ވިހާފައި ތިބި ދަރިންގެ ގައިގައި ނޫންހެއްޔެވެ؟"
އަޅުގަނޑު ބުނެލަން ބޭނުންވަނީ ރާއްޖޭގައި ނަސްލީ އިމްތިޔާޒް ނެތްކަމަށް ބުނިނަމަވެސް އެކަން އެގޮތަށް ޤަބޫލުކުރަން އޅުގަނޑަށް ހަމަ އުނދަގުލެވެ. އަޅުގަނޑަކީ އެކަމުގެ ޝިކާރައަކަށްވެ އެތައް ދުވަހެއްވަންދެން ކަރުނައަޅަން ޖެހުނު އަންހެނަކަށްވާތީއެވެ.
ދެން ބުނެލަން ބޭނުމީ ތިމާމެންނަކީ މާމަތީ ބައަކު ކަމަށް ހީނުކުރާށެވެ! އެކަން އެގޮތަށް އެޤަބޫލުކުރެވެނީ އިސްލާމް ދީނަށް އިޙްތިރާމް ނުކުރެވޭތީއެވެ. ކިތަންމެ މަތީ ޢިއްޒަތެއް ލިބިފައިވީނަމަވެސް އެންމެ ނިކަމެތިމީހާގެ ފައިބުޑަށްވެސް ވެއްޓެންޖެހިދާނެއެވެ.
- ޝާކިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: އަނެކާ ދެރަކުރުވަން ހިތްދަތި ނުކުރުވާށެވެ! ﷲ ދެއްވަވާ ބަދަލު މާފުރިހަމަވާނެއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ