ކުރިއަރައިގެން ދެވެނީ ތިމާގެ މޮޅުކަމުން ކަމަށް ހީކުރެވޭނަމަ ނިމުން ވަރަށް ހިތިވާނެ!

ދުނިޔޭގައި ތިމާ ކުރިއަށްދާން ބޭނުންވާ މަގުން ކުރިއަރައިދެވޭތީ އެއީ ތިމާގެ މޮޅުކަމުން ކަމަށް ޤަބޫލުކުރެވޭ މީހުންނަށް އެވަނީ އޭނާއަށް ކުރިއަރައިގެން ދެވޭ ސަބަބު ވަރަށް ބޮޑަށް އޮޅިފައެވެ. އެފަދަ މީހުންގެ ނިމުން ވަރަށް ހިތިވާނެއެވެ.
އަސްލު މަޢުޟޫއަށް ޖެހިލުމުގެ ކުރިން މުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ދެމަފިރިން އެކުގައި ކުރާ މަސައްކަތުގެ ސަބަބުން ތަނަވަސްކަން ލިބި އަދި ރަނގަލު ފެންވަރުގައި ގެދޮރު އެޅުމުން އަދި އުފަލުގައި ދިރިއުޅެވޭތީ އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކާމިޔާބީއެއް ކަމަށް ބަލައި އަނެކާ ދެރަކޮށް ނިކަމެތިކުރާތަން ފެންނަނީ މަދަކުން ނޫނެވެ. އެފަދައިން ވިސްނޭނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެކެވެ.
މިޘާލަކަށް ބުނާނަމަ ދެމަފިރިންގެ ދިރިއުޅުން ކުރިއެރީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. ނޫންނަމަ ކިތަންމެ ބޮޑަށް މަސައްކަތްކުރިނަމަވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އެހެންވެ ދެންވާގޮތަކީ އެމީހާ އެކަމުގައި ފޭލްވުމުން ﷲ ތަޢާލާ އެމީހަކަށް ދެއްވެވި ރަޙްމަތް އަނބުރައި ގެންދަވަނީއެވެ. ގިނަ ބައެއްގެ ކައިވެނި ރޫޅެނީވެސް އަދި ބަނގުރޫޓުވަނީވެސް ހަމަ މިފަދަ ސަބަބުތަކަށްޓަކައެވެ.
އަދިވެސް އަޑުއަހާށެވެ!
މަތީ ދރަޖަތައް ލިބި އަދި އަމިއްލަ ދިރިއުޅުމުގައި ނުވަތަ ތިމާކުރާ މަސައްކަތުގައި ތިމާއަށް ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ނުލިބި ކުރިއަރަމުން ދެވެނީ ތިމާގެ އަމަލުތައް ފުރިހަމަކަމުން ކަމަށް ހީކުރަނީ އެންމެ ބޮޑެތި ޖާހިލުންނެވެ. އެހެނީ އަމަލުތައް ކިތަންމެ ނުބައި މީހުންނަށްވެސް ﷲ ތަޢާލާ ކުރިއެރުން ދެއްވަވައެވެ.
އެކަމުގެ ސަބަބުވެސް ޤުރްއާނުން އެނގެން އެބަ އޮތެވެ. "ހަމަކަށަވަރުން އެއީ އޭނާ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ."
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ވަޙީބަސްފުޅުތަކަށް ވިސްނާށެވެ! ފިރުއަޢުނާއި ޤާރޫނާއި ނަމްރޫދުމެންފަދަ ބޮޑެތި ޖާހިލު ޖައްބާރުންނަށް އެމީހަކު އެދުނުހައި ކަންކަން މިންވަރުކުރެއްވެވިއެވެ. ހިއްޕެވީ އެންމެ ފަހުވަގުތުގައި ނޫންހެއްޔެވެ؟ އަދިވެސް ކީއްހެއްޔެވެ؟ ޖާހިލު ކިތައް ޖައްބާރުން މިދުނިޔޭގައި ނުހއްޕަވައި ދޫކޮށްލެއްވެވިހެއްޔެވެ؟
ވީމާ ތިމާ ކުރަންބޭނުންކަންކަން ޙާޞިލުކުރެވި ކުރިއަރަމުން ދެވުމަކީ އެއްވެސް ޙާލެއްގައި ތިމާކުރާ އަމަލުތައް ރަނގަޅުވުމުން ކަމަށް ޤަބޫލުކޮށްގެންނުވާނެއެވެ. އަދި ތިމާކުރާ ނުބައި އަމަލުތައް ﷲ ތަޢާލާއަށް އެނގޮވޮޑިނުގަންނަވަނީކަމަށާއި އެކަންކަމަށް ރުހިވޮޑިގެންވަނީ ކަމަށް ޤަބޫލުކޮށްގެންވެސް ނުވާނެއެވެ! ހެޔޮލަފާ މީހުންގެ ގޮތަކަށްވާންޖެހޭނީ ކުރިއެރުން ލިބެމުން އަންނަވަރަކަށް ތިމާއަށް ކުރެވޭ އަމަލުތަކަށް ވިސްނުން އިތުރުކޮށް އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.    
﴿وَاعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي أَنْفُسِكُمْ فَاحْذَرُوهُ وَاعْلَمُوا أَنَّ اللَّهَ غَفُورٌ حَلِيمٌ﴾ [البقرة: 235] 
މާނައީ: "ތިއަބައިމީހުންގެ ނަފްސުތަކުގައިވާ ކަންތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަން ތިއަބައިމީހުން ދަންނާށެވެ! ވީމާ، ތިއަބައިމީހުން އެއިލާހަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ، އިލާހުކަން ތިއަބައިމީހުން ދަންނާށެވެ!"   
﴿يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا﴾ [آل عمران: 30] 
މާނައީ: "ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރުކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެއެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ