ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ރޭ ކުރި މުޒަހަރާގެ ތެރެއިން ހައްޔަރު ކުރި އަބްދުالله މަހުޒޫމް މާޖިދު، 28، އާއި އައިޝަތު ޝިމަން އަހުމަދު، 19، އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމީހުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މަހުޒޫމްގެ ގާނޫނީ ވަކީލު، މަރިޔަމް މުނާ އަދަދު އަށް ވިދާޅުވީ މަހުޒޫމް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކޮނޑަށް އަނިޔާވެފައިވާ ކަމަށާއި ކޮނޑުމަތިން ތަނެއް މަށައިގެން ވެސް ގޮސްފައި ހުރި ކަމަށެވެ.
މަހުޒޫމްއަށް ފަރުވާ ދިނުމަށް ރޭ ފަތިހު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އާމް ސްލިންގެއް އަޅަން ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށް މުނާ ވިދާޅުވި އެވެ. ނަމަވެސް މި ވަގުތާ ހަމައަށް ވެސް ފުލުހުން އާމް ސްލިންގެއް ފޯރުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެންމެ މުއްދަތު މަޖިލީހުގައި އިންއިރު ވެސް ވަރަށް ބޮޑަށް ތަދުވާތީ މަހުޒޫމް އުޅުނުތަން ހަމަ ފެނުނު، އެކަމަކު އަދިވެސް އެއިނީ ހޮސްޕިޓަލުން ބެންޑޭޖުން ހަދާފައި ދިން ސްލިންގެއް އަޅުވާފައި، އާމް ސްލިންގު ފޯރުކޮށްނުދިނީ ކީއްވެތޯ އައިއޯ ކައިރީ އެހީމާ ބުނީ ތިމަންނައަކަށް ނޭނގެޔޯ ތިކަމެއް،" މުނާ ވިދާޅުވި އެވެ.
ނަމަވެސް ރޭ ފަތިހު ޑޮކްޓަރު ލިޔެފައި ދިން ބޭސް ސިޓީގައި ވެސް އާމް ސްލިންގު އަޅަން އިރުޝާދުދީ ލިޔެފައި އޮތް ވާހަކަ މަހުޒޫމް ބުނި ކަމަށް މުނާ ވިދާޅުވި އެވެ. އަދި އިތުރަށް ތަދުވާނަމަ، އެކްސްރޭއެއް ވެސް ނަގަން ޑޮކްޓަރު އިރުޝާދު ދިން ކަމަށް މުނާ ވިދާޅުވި އެވެ.
"އާމް ސްލިންގު ފޯރު ނުކޮށްދޭ ވާހަކަ ދެންމެ މުއްދަތު މަޖިލީހުގައި ވެސް ބުނިން، ބުނީމާ ގާޒީ ވެސް އެންގެވި އާމް ސްލިންގެއް ފޯރުކޮށްދޭން، ދެން މިރޭ އަޅުގަނޑު ދާނަން އަދި މަހުޒޫމް އާ ބައްދަލު ކުރަން، ދިޔައީމާ ދެން އެނގޭނީ،" މަހުޒޫމް ވިދާޅުވި އެވެ.
ޝިމަންގެ ގާނޫނީ ވަކީލު އައިޝަތު ޝީނާ މުހައްމަދު، އަދަދު އަށް ވިދާޅުވީ ޝިމަން ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން އޭނާ އެކަމާ ދެކޮޅު ހަދާފައި ނުވާކަން ވީޑިއޯތަކުން ވެސް ފެންނަން ހުރި ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުގެ ސަބަބުން އޭނާގެ އަތަށް އަނިޔާވެފައިވާ ކަމަށް ޝީނާ ވިދާޅުވި އެވެ.
"[ޝިމަންގެ] އަތުގައި ބާރަށް ހިފަހައްޓާފައި ހުރީމާ ދުޅަވެފައި ހުރީ ކޮންމެވެސް ވަރަކަށް، ކޮނޑަށް ވެސް ތަދުވާތީ އެ ވާހަކަ ބުނި،" ޝީނާ ވިދާޅުވި އެވެ.
ރޭ ފަތިހު ޝިމަން ހުޅުމާލެ ހޮސްޕިޓަލަށް ޝިމަން ގެންދިޔަ ކަމަށް ޝީނާ ވިދާޅުވި އެވެ. ނަމަވެސް އޭނާގެ އަތުގެ އެކްސްރޭއެއް ނަގާފައި ނުވާ ކަމަށް ޝީނާ ވިދާޅުވި އެވެ.
"ޝިމަން ހައްޔަރު ކުރިއިރު، އޭނާ ގޮވަމުން ދިޔައީ އަތަށް ތަދުވެޔޭ އަތަށް ތަދުވެޔޭ، އެކަމަކު ކައިރީގައި ހުރި ފުލުސް އޮފިސަރު ބުނާ އަޑު [ވީޑިއޯ] އިވޭ، އަތަކަށް ތަދެއް ނުވާނެޔޭ،" ޝީނާ ވިދާޅުވި އެވެ.
ޝިމަން އާއި މަހުޒޫމް ފުލުހުން ހައްޔަރު ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ތިން ދުވަހަށް އެ ދެމީހުން ބަންދު ކުރަން އަމުރު ކޮށްފަ އެވެ.
އެ ދެމީހުން ބަންދުކުރަން އަމުރު ކުރެއްވީ ގާޒީ އިބްރާހިމް ޒިހުނީ އެވެ. އޭނާ އެގޮތަށް ނިންމެވީ ފުލުހުން ހުށަހެޅި ބަޔާންތަކަށް އެކަނި ބެލުމަށް ފަހު އެވެ.
ޝިމަން އާއި މަހުޒޫމް ރޭ ހައްޔަރު ކުރި މަންޒަރު ލައިވް ޓީވީން ދުރަށް ދައްކަމުންދިޔަ އެވެ. އެ ދެމީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ކަމަށް އެ ސަރަހައްދުގައި އެވަގުތު ތިބި މީހުންގެ އިތުރުން އެ މަންޒަރު ބަލަން ތިބި މީހުން ވެސް ދަނީ ބުނަމުންނެވެ.
ރޭގެ މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ، ޝިމަން އާއި މަހުޒޫމް ހައްޔަރުކުރީ ގާނޫނީ ގޮތުން އިންޒާރެއް ވެސް ދިނުމެއް ނެތި އެވެ.
ޝިމަންގެ އަތަށާއި މަހުޒޫމްގެ ކޮނޑަށް ފުލުހުން އަނިޔާ ކުރި: ވަކީލުން ޝިމަންގެ އަތަށާއި މަހުޒޫމްގެ ކޮނޑަށް ފުލުހުން އަނިޔާ ކުރި: ވަކީލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ