ފަސް ސެޓަށް ކުޅެގެން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދައި ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި އުފުލައިފި އެވެ.
މީގެ ހަ މަސް ކުރިން ވެމްކޯ އިން ވަނީ ޕޮލިސްގެ މައްޗަށް މިދިޔަ އަހަރުގެ ގައުމީ ފައިނަލުގައި 3-1 ސެޓުން ކުރިހޯދައިފަ އެވެ. މި އަހަރުގެ ފައިނަލުގައި ވެމްކޯ އިން 3-2 ސެޓުން ޕޮލިސް ބަލިކުރިއިރު، ވެމްކޯ އިން ޗެމްޕިއަންކަން ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކީގަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި، ޕޮލިސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، 25-23 އިން ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ވެމްކޯ އިން ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފަ އެވެ. ނަތީޖާ އަކަށްވީ 22-25 އިން މި ސެޓު، ވެމްކޯ އިން ގެންދިއުމެވެ.
ފުރަތަމަ ސެޓުގައި ނެރުނު ހިތްވަރު ޕޮލިހުން ވަނީ ތިން ވަނަ ސެޓުގައި އަލުން ދައްކައިފަ އެވެ. މުހިންމު ވަގުތުތަކުގައި ޕްރެޝަރުތަކާ ކުރިމަތިލައި، ޕޮލިހުން ވަނީ ތިން ވަނަ ސެޓު، 25-23 އިން ގެންގޮސް، އަނެއްކާ ވެސް ލީޑެއް ހޯދައިފަ އެވެ.
އެކަމަކު، ހަތަރު ވަނަ ސެޓުގައި، ވެމްކޯ އިން ކުރިން ހެދުނު ގޯސްތަކާ މެދު ވިސްނައި، ކުޅުން ވަރަށް ރަނގަޅުކޮށް ނަތީޖާ ނެރެފަ އެވެ. ވެމްކޯ އިން ހަތަރު ވަނަ ސެޓު، 18-25 އިން ގެންދިޔައިރު، ޕޮލިހުގެ ފަރާތުން ވަރުބަލިކަން ފެންނަން ފެށިއެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ވެސް ވެމްކޯގެ ފިޓްނަސްގެ ތަފާތު ފެނުނެވެ. މި ސެޓު، ވެމްކޯ އިން ގެންދިޔައީ 08-15 އިންނެވެ. ފައިނަލުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ އިތުރުން ޕޮލިހުގެ އައިިމިނަތު އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އަައިޝަތު ނަސްމާ އަހުމަދު އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.
ވެމްކޯ އިން މި ފަހަރުގެ އަންހެން ޑިވިޝަނުގެ ވޮލީގައި ވަނީ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ހޯދީ ޕޮލިހެވެ.
ޕޮލިސް ބަލިކޮށް ވެމްކޯ އިން ހަތަރު ވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފި ޕޮލިސް ބަލިކޮށް ވެމްކޯ އިން ހަތަރު ވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ