އެކި ދާއިރާތަކުން ތައުލީމު ހާސިލްކޮށްގެން ތިބި ގިނަ ދަރިވަރުންތަކެއް އުފައްދަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް ސްޓެމް އެޑިއުކޭޝަންގެ ދާއިރާ އިން ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދަދު ރާއްޖޭގައި މިހާރު މަދުވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސްގެ 'ރައްޔިތުންނާ އެކު' ޕޮޑުކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސައިންސާއި ހިސާބު، ހާއްސަކޮށް ސްޓެމް ދާއިރާ އިން ކިޔަވާކުދިންގެ އަދަދު ކޮންމެވެސް ސަބަބަކާ ހުރެ މަދުވެފައިވާ ކަމަށެވެ.
ތަފްސީލް - މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް އަދި ރާއްޖެން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި އެކަން ފާހަގަވި ކަމަށް ރައީސް ވިދާޅުވި އެވެ.
"މުޅިން ވެސް ބިޒްނަސް ދާއިރާތަކުން.. އެއީ ވެސް މުހިއްމު ދާއިރާތައް. އެކައުންޓިން، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ މި ދިމާވަނީ،" ރައީސް ވިދާޅުވި އެވެ.
"ރާއްޖެއަށް ވަރަށް މުހިއްމު އެބަވޭ، ގައުމު ބިނާކުރުމުގައި މި ދާއިރާތައް ފަދައިން އިންޖިނިއަރިން، ސައިންސް ބޭސްޑް ދާއިރާތަކުން ކިޔަވައިގެން ތިބި ކުދިން. އެހެން ނޫނީ ބޭރުން މީހުން ގެންނަން މި ޖެހެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި ގިނަ މަޝްރޫއުތައް ހިންގާއިރު އެކަށީގެންވާ އަދަދަށް ދިވެހި އިންޖިނިއަރުންނާއި ކުއަންޓިޓީ ސާވޭޔަރުން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ކިޔެވި ޒަމާނުގައި އެއީ އެންމެ އިސްކަމެއް، ކުދިން ޝައުގުވެރިކަން ދިން ދާއިރާ. އިންޖިނިއަރިން ދާއިރާތައް. އޭރުގައި ކިޔެވި ބަޔެއް މިހާރު މިތިބީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ލޯނު ސްކީމުން ފުރުސަތު ދޭއިރު ވެސް މި ދާއިރާތަކަށް ހާއްސަ އިސްކަން ދޭން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ރަނގަޅު މުސާރާގައި ސަރުކާރުން ވަޒީފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސްޓެމް ދާއިރާތަކުން ކިޔަވާ ކުދިން މަދުވާތީ ރައީސްގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ