މެޓާނަލް ހެލްތް މޮޑިއުލް މުރާޖާ ކުރުމުގެ މަސައްކަތްތައް ހެލްތު މިނިސްޓްރީން ފަށައިފި

މާބަނޑުދުވަސްވަރު ދޭ ޚިދުމަތްތަކަށް ޚާއްސަކޮށް ފަރުމާ ކޮށްފައިވާ "މެޓާނަލް ހެލްތް މޮޑިއުލް" މުރާޖާ ކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ ''ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗާ''އެވެ. މި ޝިއާރުން ބާރު އަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ، ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެކުއްޖާ ހެދި ބޮޑުވުމުގެ މުހިއްމު ކަމަށެވެ. މިއަދު ދެއްވި ހިތޯބުގައި މިނިސްޓަރު ވަނީ، މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓާ އެ މަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި، ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ފަށާފައިވާކަން ފާގަހަކުރާއްވާފައެވެ. އެގޮތުން ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް މޮނިޓާ ކުރާ ފަރާތްތަކުން ވެސް އެއް ނެޓްވޯކެއްގެ ތެރެއިން ފަސޭހައިން މަޢުލޫމާތު އަދާ ހަމަކުރުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ ތެރެއަށް "ނެޝެނަލް އިމިއުނައިޒޭޝަން މޮޑިއުލް" އާއި "ޗައިލްޑް ނިއުޓްރިޝަން، ގްރޯތު އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" ތައާރަފުކޮށްފައި ވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ''އަދި މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ހާއްސަ ކުރެވިގެން ފަރުމާ ކުރެވިފައިވާ "މެޓާނަލް ހެލްތް މޮޑިއުލް" މުރާޖައާ ކުރުމުގެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން'' މިނިސްޓަރު ވިދާޅުވިއެވެ. އަމާޒަކީ، މުސްތަގްބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ސިއްހީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ސިއްހީ މައުލޫމާތު މި ޚިދުމަތް ހޯދާ ޢާންމު ފަރާތްތަކަށްވެސް "މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ދުޅަހެޔޮ ރައްކާތެރި މައިވަންތަކަށް ކުރިއެރުވުމަށް މަގުފަހިކުރުމާއި ދަރިމައިވުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމާއި ދެމައިންގެ ސިއްޙަތަށް ނުރައްކާވެދާނެ ހާލަތްތަކާއި އާދަތަކުން ދުރުވުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ