ހިޔާގެ ހަތަރު ޓަވަރެއްގައި އިތުރު ލިފްޓް ބަހައްޓާ ނިމި ޓެސްޓް ކުރަން ފަށައިފި

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ޓަވަރުތަކުގައި ލިފްޓް ހަރުކޮށް ނިންމައި ޓެސްޓް ކުރަން ފަށައިފި އެވެ. 
ވީ ކިހިނެއް؟ - އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސާ އަހުމަދު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ކުރާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު  ހިއްސާކުރައްވައިފަ އެވެ. އެގޮތުން އޭނާގެ ޕޯސްޓްގައި ވިދާޅުވީ: 
ލިފްޓް ހަރުކޮށް ނިމުނު ޓަވަރުތަކުގައި ބެހެއްޓި ލިފްޓްތަކުގެ ސަލާމަތީ ކަންކަން ބަލަން މިއަދު ވަނީ ޓެސްޓްތައް ފަށާފައި 
ހިޔާގައި މިހާރު ހުރި ލިފްޓްތަކަށް ވުރެ މި ލިފްޓްތައް ބޮޑުވެފައި ޖާގަ ތަނަވަސްވާނެ
"ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމާ ވިދިގެން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މިދަނީ ފުދެމުން. ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާ މި ބޮޑު ލިފްޓް ވެގެންދާނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަކަށް ލިބޭނެ ބޮޑު ލުއިފަސޭހައަކަށް،" ލިފްޓުތައް ޓެސްޓްްކުރާ ތަން ފެންނަ ވީޑިއޯއަކާ އެކު އަހުމަދު އިބްރާހިމް ކުރެއްވި ޕޯސްޓްގައި ލިޔުއްވި އެވެ. 
ތަފްސީލް - މިދިޔަ އެޕްރީލް މަހު ފެށި އެ މަސައްކަތާ ގުޅޭ ގޮތުން އިތުރު ތަފްސީލް ހޯދުމަށް 'ދައުރު'އިން ސުވާލުކުރުމުން އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ:
ހަތަރު ޓަވަރެއްގައި މިހާތަނަށް އިތުރު ލިފްޓް ހަރުކޮށް ވަނީ ނިންމާފައި 
ކުރިއަށް އޮތް މަސްތަކުގައި ބާކީ ހުރި 12 ޓަވަރުގައި ވެސް ޝެޑިއުލާ އެއްގޮތަށް ލިފްޓްތައް ހަރުކޮށް ނިމޭނޭ 
ނޮވެމްބަރުގެ ނިޔަލަށް ލިފްޓްތައް ހުރިހާ ޓަވަރެއްގައި ހަރުކޮށް ނިމޭނެ
"ކުރިއަށް އޮތް މަސްތަކުގައި ކޮންމެ މަހަކު އެއް ޓަވަރު ދެ ޓަވަރުވަރުގައި ލިފްޓްތައް ހަރުކޮށް ނިމެމުން ދާނީ. މިހާރު ނިމިފައި މި ވަނީ އެގްރިމަންޓުގައި ބުނާ ގޮތަށް އެޕްރީލްގެ ކުރިން ނިންމަން ޖެހޭ ހަތަރު ޓަވަރުގެ މަސައްކަތް،" އޮފިޝަލް ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ ލިފްޓްތައް ބަހައްޓާ ނިމޭ ޓަވަރުތަކުގައި ޓެސްޓްތަކަށް ފަހު ލިފްޓްތައް އާންމުންނަށް ބޭނުންކުރަން ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މި ހަފްތާގައި އެކަމާ މެދު ގޮތެއް ނިންމާނޭ ކަމަށް ވެސް ވިދާޅުވި އެވެ. 
އެނގުން މުހިންމު - ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރެ އެވެ. އެއީ ޖުމްލަ 32 ލިފްޓެވެ. އެގޮތުން: 
މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް މަހު ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާ
މަޝްރޫއުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) 
އިތުރު ލިފްޓްތައް ހަރުކުރަނީ ލޮބީ އޭރިއާގައި އިތުރު ދަގަނޑު ސްޓްރަކްޗާއެއް ހަދައިގެން 
ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އިމާރާތް ކުރި ހިޔާ ޓަވަރުތަކުގައި މިހާރު ހުންނަނީ ކޮންމެ ޓަވަރެއްގައި ތިން ލިފްޓެވެ. ނަމަވެސް އެތަނުގައި ދިރިއުޅޭ މީހުން ގިނަވެ ބައެއް ވަގުތުތަކުގައި ލިފްޓްތައް ކައިރީ މީހުން ތޮއްޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ