ދަރިވަރުންގެ ލޯނު ފައިސާ ލަސްނުވެ ހަމަޖައްސަން މިނިސްޓްރީގެ ބޭރުން ވެސް އެހީ ހޯދާނެ
ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށް ޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް ބުނެފިއެވެ. ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. https://sun.mv/203906 ސްޓޫޑެންޓު ލޯނު ސްކީމާ ގުޅޭ ގޮތުން އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހްމަދު ޝަފީއު ވިދާޅުވީ ލޯނު ހަމަޖައްސައިދިނުމުގައި ވަރަށް ގިނަ ދަތިތަކެއް ހުރި ކަމަށެވެ. އެ ގޮތުން ދަރިވަރުންނަށް އެ ޚިދުމަތް ދިނުމަށް ގާއިމުކުރެވިފައިވާ ނިޒާމު ބޯދާވުމަކީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. އަދި ދަރިވަރުންނާ މުއާމަލާތް ކުރުމުގައި ވެސް ދަތިތަކެއް ހުރިކަން ފާހަގަ ކުރެއްވިއެވެ. ދަރިވަރުން ފޮނުވާ އީމެއިލްތަކަށް ޖަވާބު ނުލިބޭ ކަމުގެ ކަންބޮޑުވުމަކީ ވެސް ބޮޑުވެފައި އޮތް ކަމެކެވެ. ޝަފީއު ވިދާޅުވީ މައްސަލަތައް ދެނެގަނެ، ހައްލު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ދޭ ގޮތަށް ހެދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ލޯނު ފައިސާ ދެއްކުމަށް ޕްރޮސެސްއެއް އޮންނާތީ، ވަގުތު އޮއްވައި ލިޔެކިޔުންތައް ހުށަހެޅުމަށް ދަރިވަރުން ހަނދާންކޮށްދިނުމާއި، މިނިސްޓްރީން ބޭރުން ހޯދަންޖެހޭ އެހީތެރިކަމެއް ވެސް ހޯދައިގެން، ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްވާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީން އެންމެ އިސްކަމެއް ދޭނީ ފައިސާގެ ކަންކަން ހައްލު ކުރަމަށާއި ދަރިވަރުންނާ ފަސޭހައިން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. "އަޅުގަނޑުމެން އެބަ މަސައްކަތްކުރަން މިހާރު މި އޮތް ނިޒާމަށް އެ ގަންނަޖެހޭ ބަދަލުތައް ގެނެސްގެން ވެސް، އަވަހަށް އެ ޚިދުމަތްތައް ދިނުން. ކުދިންނަށް ފައިސާ ދައްކަން ހަމަޖެހިގެންދާއިރު، ވީހާ ވެސް ވަގުތު އޮއްވައި އެ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުން" ޝަފީއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ. އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިޔަށްވުރެން އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ