ގެއަކަށް ވަދެ ބިރުދައްކައި ގެއްލުންދިން މައްސަލަ: ހައްޔަރުކުރި މީހުން ދޫކޮށްލައިފި
މާލޭގެ ގަލޮޅުގައި ހުރި ގެއަކަށް ގޮސް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް އިންޒާރުދީ ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން މިއަދު ދޫކޮށްލައިފިއެވެ. އެ މައްސަލައިގައި، ގަސްތުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރު ކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ: އއ. މާޅޮސް، ރީތިހިޔާ, 23، މުހައްމަދު އަފްލާޙް ނ. ވެލިދޫ، އެލަސް, 21، އިބްރާހިމް އަހްނަފް ނ. މަނަދޫ، ހަވޭލި, 23، މުޙައްމަދު އަޒާން ތ. ގުރައިދޫ، ފަޒާ, 21، އަލީ ނަވާފު އެ މީހުންގެ ބަންދަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެއަށްފަހު އެ މުއްދަތު ހަމަވުމާއެކު މިދިޔަ މަހުގެ 23ގައި ކްރިމިނަލް ކޯޓުން ވަނީ އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވާން އޮތީ މިއަދަށެވެ. މިއަދު އެ ހަތަރު މީހުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް ހާޒިރުކޮށްފައެވެ. ކޯޓު އަމުރުތަކުގައިވާ ގޮތުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ބަލައިގަނެ، ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އެދިފައެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ، އެ މައްސަލައިގެ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅައިފައިވާ ކަންކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައިފައިނުވާ ކަމަށެވެ. އެހެންވެ، ހަތަރު މީހުން ވެސް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރިއެވެ. އެ މީހުންނަށް ކޮށްފައިވާ ޝަރުތުތަކުގެ ތަފުސީލެއް ހާމަކޮށްފައިނުވެއެވެ. އެ ހަތަރު މީހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ފުރަތަމަ ދުވަހު އެންމެން ވެސް ބުނީ، ގަލޮޅުގައި ހުރި އެޕާޓްމަންޓަކީ އަތޫފް ކިޔާ ރައްޓެއްސަކު ކުއްޔަށް ނަގައިފައިވާ ތަނެއް ކަމަށެވެ. އަދި އެ އެކުވެރިޔާއާއި ގޭގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ވެސް އޮތް ކަމަށާއި އެ ހަތަރު މީހުން އެ ތަނަށް ދިޔައީ އެކުވެރިޔާގެ ފަރާތުން އެ ތަން ސާފުކޮށްދޭން އެދުމުން ފައިސާ ލިބޭގޮތަށް އެ މަސައްކަތް ކުރުމަށް ކަމަށް ވަނީ ބުނެފައެވެ. އެ ގެއަށް ގެއްލުންދިން ކަމަށް ކުރާ ތުހުމަތުތަކަށް ހަތަރު މީހުން ވެސް ވަނީ އިންކާރުކޮށްފައެވެ. އަދި އެ ތަނަށް ދިޔައީ ތަޅާފޮޅަށް ނޫންކަމަށް އެމީހުން ބުނި ކަމަށް ކޯޓު އަމުރުގައި ވެއެވެ. އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ އޭރު ކޯޓު އަމުރުގައި ވަނީ އެ ތަނަކީ އަތޫފު ކިޔާ މީހަކު ކުއްޔަށް ނަގާފައިވާ ތަނެއްކަން އެނގޭ އެއްވެސް ލިޔުމެއް އެއްވެސް މީހަކު މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ. އެ މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނަށް ބަލާއިރު، އެ ތަން އޭނަ ކުއްޔަށް ދީފައި ވަނީ އަލީ ޝިމާން ރަޝީދު ނަމަކަށް ކިޔާ މީހަކަށް ކަމަށާއި ނަމަވެސް އޭނާއަށް އެ ތަން ކުއްޔަށް ދީފައި ވަނީ އޭނާ ލައްވައި އެއްބަސްވުމުގައި ގަދަކަމުން ސޮއި ކުރުވައިގެން ކަމަށް އައިއޯއާ ހަވާލާދީ ކޯޓު އަމުރުގައި ވެއެވެ. ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ހަތަރު މީހުން ބުނީ އެ މީހުން އެ ގެއަށް ދިޔައީ އެ ތަން ކުއްޔަށް ހިފާފައިވާ ފަރާތާއެކު އެއްބަސްވުން ވެސް ހިފައިގެން ކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި މީހަކަށް ބިރު ދައްކައި ތަނަށް ގެއްލުން ދީފައިނުވާނެ ކަމަށް ކޯޓުގައި އެ މީހުން ވަނީ ތަކުރާރުކޮށްފައެވެ. އަދި އެ މީހުން އެތަނަށް ދިޔައިރު އެތަން ހުރީ ހުސްކޮށް ކަމަށް ވެސް ޝަރީއަތުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ މީހުންނާއެކު އެއްބަސްވުން ހިފައިގެން އެ ގެއަށް ދިޔަ މީހާގެ އަތުގައި އޮތީ ސައްހަ އެއްބަސްވުމެއް ނޫންކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ އެއްބަސްވުމަކީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ އެ މީހުންނަށް ނޭނގޭކަމަށް އެ މީހުންގެ ފަރާތުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެ ހަތަރު މީހުންނަކީ ވެސް ބަންދުގެ ލޮގް އޮތް ބައެއްކަން ކޯޓު އަމުރުތަކުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ