ވީޑިއޯ މައްސަލައިގައި ޔުއެފާ އިން ރެފްރީ ކޫޓް އަށް އަދަބު ދީފި ވީޑިއޯ މައްސަލައިގައި ޔުއެފާ އިން ރެފްރީ ކޫޓް އަށް އަދަބު ދީފި

ޒިއުރިކް، ސްވިޒަލެންޑް (މާޗް 1) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އިނގިރޭސި ރެފްރީ ޑޭވިޑް ކޫޓް މަސްތުވާތަކެތި ބޭނުންކުރާ ވީޑިއޯއެއް ދާދި ފަހުން އާންމުވި މައްސަލައިގައި އޭނާ ސަސްޕެންޑް ކުރަން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކޫޓް، 42، މަސްތުވާތަކެތި ބޭނުންކުރާ މަންޒަރު ފެންނަ މި ވީޑިއޯ ނަގާފައިވަނީ، އޭނާ މި ފަހަރުގެ ޔޫރޯގައި މަސައްކަތްކުރި މެޗު ނިމުނުތާ އެއް ދުވަސް ފަހުންނެވެ. ކޫޓް، އެންމެ ފަހުން ބޭއްވި ޔޫރޯގައި މަސައްކަތްކުރީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގަ އެވެ. އޭނާގެ ފަހު މެޗަކީ، ކުއާޓާ ފައިނަލުގައި ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗުގަ އެވެ.
މި މައްސަލައިގައި، ނޮވެމްބަރު 11 ގައި ޔުއެފާގެ މެޗުތަކުން ކޫޓް އެކަހެރިކޮށް މިހާރު ނިންމާފައިވަނީ، އޭނާ އެއްކޮށް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
މީގެ އިތުރުން، ކޫޓްގެ ފަރާތުން ފެނުނު ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއްގެ މައްސަލައިގައި ވަނީ އިނގިރޭސި އެފްއޭ އިން ވެސް ފިޔަވަޅު އަޅައިފަ އެވެ. ކޫޓް، 42 ގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.
މި މައްސަލަ ބަލާފައި، ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ ބަލަންޖެހޭ މިންގަނޑުގެ ތެރެއިން ހުރިހާ ކަމެއް ކަށަވަރުކުރުމަށް ފަހު އެވެ. ކޫޓް ވަޒީފާ އިން ވަކިކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރެފްރީންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފަ އެވެ.
ކޫޓް ވަނީ ފަހުން، އޭނާ އަށް އަލުން ވަޒީފާ ހޯދަން ލިބިފައި އޮތް އެޕީލްކުރުމުގެ ފުރުސަތު ދޫކޮށްލަން ނިންމައިފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ