ޕީއެސްޖީގައި މެސީ ހޭދަކުރީ އުފާވެރި ދުވަސްތަކެއް ނޫން

"އެއީ އުފާވެރި ދެ އަހަރެއް ނޫން،" މިއީ ފްރާންސްގެ ޕީއެސްޖީއަށް ކުޅުނު ދުވަސްވަރާ ބެހޭ ގޮތުން އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ބުނި ވާހަކަ އެވެ.
ކުރިން ވެސް އެތައް ބަޔަކު އެ ވާހަކަ ދެއްކި އެވެ. އެކަމަކު މިއީ އެކަމަށް މެސީ އެއްބަސްވި ފުރަތަމަ ފަހަރެވެ.
މާލީ ހާލަތާ ގުޅިގެން ބާސެލޯނާއިން 2021ގައި އޭނާ ދޫކޮށްލަން މަޖުބޫރުވުމުން މެސީއަށް އޮތީ ޔޫރަޕްގެ ކޮންމެެވެސް ބޮޑު ކްލަބަކަށް ދިއުމެވެ. ޕީއެސްޖީއަކީ މެސީ ކަހަލަ ކުޅުންތެރިޔަކު ގެންދެވޭނެ މަދު ކްލަބްތަކުގެ ތެރެއިން އެއް ކްލަބެވެ.
މެސީ ވަނީ ޕީއެސްޖީއަށް ކުޅުނު 76 މެޗުގައި 32 ގޯލު ޖަހައި 35 ގޯލު ޖަހަން އެހީތެރިވެފަ އެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ އެމެރިކާގެ އިންޓަ މިއާމީއަށެވެ. އެ ކްލަބްގެ އެއް ހިއްސާދާރަކީ އިނގިރޭސި ކުރީގެ ތަރި ޑޭވިޑް ބެކަމް އެވެ.
"އަހަރެން ބުނާނީ [ޕީއެސްޖީގައި] ހޭދަކުރީ އުފާވެރި ދުވަސްތަކެއް ނޫނޭ، ތަމްރީންތައް ވެސް، މެޗުތައް ވެސް،" އެޕަލް މިޔުޒިކްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.
"އެ ހުރިހާ ކަމަކަށް ނަފުސު ތައްޔާރުވާން އަހަންނަށް ދުވަސް ނެގި. [އިންޓަ] މިއާމީއަށް އަންނަން އަހަރެންގެ ހިތް ގޮވީ އެއީ ބޮޑުވަމުން، ބޮޑުވަމުން އަންނަ ކްލަބަކަށް ވާތީ."
ޕީއެސްޖީ ދޫކޮށް މެސީ ދިޔަ ގޮތާ މެދު ޕީއެސްޖީގެ ޗެއާމަން ނާސިރުލް ހަލައިފީ ހިތްހަމައެއް ނުޖެހެ އެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި މެސީގެ އިހުތިރާމެއް އޭނާގެ ކްލަބަކަށް ނުލިބުނެވެ.
މެސީއާ މެދު ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވެސް އޭރު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ބައެއް މެޗުތަކުގައި އޭނާއާ ދެކޮޅަށް އަޑު ވެސް އިއްވި އެވެ. އެފަދަ މައްސަލަތަކާ ހެދި މެސީ ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނިގޮތުގައި ސަޕޯޓަރުންގެ އެ އަމަލާ ހެދި ޕީއެސްޖީގެ ގުޅުމުގައި ރެނދުލި އެވެ.
އިންޓަ މިއާމީއަށް މެސީ ބަދަލުވި ފަހުން އެމެރިކާގައި ފުޓްބޯޅައިގެ ފޯރި ވެސް ވަނީ ވަރަށް ގަދަވެފަ އެވެ. އޭނާ ބުނި ގޮތުގައި މަގުސަދަކީ މިއާމީގެ އިތުރުން މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ވެސް ވަރުގަދަކުރުމެވެ.
މިހާތަނަށް އިންޓަ މިއާމީއަށް ކުޅުނު 42 މެޗުގައި 36 ލަނޑު ޖަހައި، 20 ލަނޑު ޖަހަން އެހީތެރިވެދިނެވެ.
މިއާމީގައި މި އަހަރު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕްއާ މެދު މެސީ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެ މުބާރާތުގައި ޕީއެސްޖީ އާއި މެންޗެސްޓަ ސިޓީ އާއި ޗެލްސީ ފަދަ ކްލަބްތައް ވެސް ވާދަކުރާނެ އެވެ.
"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ