މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އެ އޮތީރިޓީގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދީ މިއަދު އައްޔަނުކޮށްފި އެވެ.
އަސްނާ އެ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް އަރުވައިފަ އެވެ. އޭނާ އެ މަގާމަށް އަސްނާ އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 73 މެންބަރުންގެ ވޯޓުންނެވެ. ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރަން އަސްނާގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އޭޕްރިލް 30، ގަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17، ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި އޮއްވަ އެވެ.
އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އިމާދު ނެރުއްވި ބަޔާނުގައި ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.
މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެއިން 22 ހެކްޓަރުގެ ބިން 14 ބިލިއަން ރުފިޔާއަށް ގަނެ، އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސަރުކާރުގެ ހަރަދުތަކަށް ދޫކުރަން އެމްއެމްއޭގެ ބޯޑުން ނިންމި ނިންމުމެވެ. އެ ނިންމުން ނިންމި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ ވޯޓާއެކު ފާސްކުރި އެ ނިންމުން ރިވިއުކުރަން، އިމާދު ހިމެނޭހެން އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރަކު ހުށަހެޅި އެވެ. ނަމަވެސް އެކަން ތާވަލެއް ނުކޮށް، އެއަށް ފަހު، އިމާދުގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާއަށް ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.
އިމާދުގެ ބަޔާނުގައި ވިދާޅުވީ އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރު ވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.
އަސްނާއަކީ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން އެ އޮތޯރިޓީގެ ސީނިއާ މެނޭޖަރެއްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކޮށްފި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ