ވާހަކަ: މިތުރާ މަގޭ - ބާވީސްވަނަ ބައި

7 މެއިގެ ބަޔާ ގުޅޭ
އޭނަ ފެންބޮއިފައި ހުސް ތަށި މޭޒުމަތީ ބަހައްޓާފައި
ދިއުމުން ހޫރައިން އެ ތަށި ނަގައިގެން ގޮސް ސިންކަށް ލާފައި ދޮންނަން އުޅެނިކޮށް
ޖީބުން ފޯނު ވައިބްރޭޓްވި އެވެ.
ނަގައި ބަލައިލާފައި އެއަށް އައިސްފައި އޮތް މެސެޖު
ފެނިގެން ބުމަ ކައިރިކޮށްލެވުނެވެ. އެއީ ހަމްރާއުގެ މެސެޖެއް ނޫނެވެ. އީމާގެ
މެސެޖެކެވެ.
"އަހަންނަށް ހީވަނީ އަހަންނަށް ދެންމެ ހަމްރާއު
ފެނިއްޖެހެން. އެކަމަކު ހަނީމޫންނަށް ގޮސް އުޅޭ މީހަކު ކިހިނެއް މާލެއިން
ފެންނާނީ؟ އޭނަގެ ޓްވިންއެއް ހުރޭތަ؟"
އީމާގެ މެސެޖު ކިޔާފައި ހޫރައިންގެ ލޮލުން ކުއްލިއަކަށް
ކަރުނަ އަތުވެއްޖެ އެވެ. "ހަނީމޫން"ގެ ދުވަސްތައް ވެސް އޭނައަށް
ހޭދަކުރަން ޖެހިފައިވަނީ އެކަނިމާއެކަންޏެވެ. ނުވިތާކަށް ރައްޓެހިންގެ
މަލާމާތާ ވެސް މިފަހަރު ކުރިމަތިލާން ޖެހޭނެ އެވެ. އެހާވަރަކުން ހަމްރާއުގެ
އަތްނބަކަށް އޭނަ ވީ މި ދުވަސް ދެކެން ހެއްޔެވެ؟
ފުން ނޭވައެއް ދޫކޮށްލުމަށް ފަހު ޖަވާބު ލިޔަން ފެށި އެވެ.
އެކަމަކު ހަމަ ލިޔެލިޔެފައި ވެސް މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރާލުމަށް ފަހު ފޯނު
ތިރިކޮށްލާފައި ގޮސް އެތަނުން ނިކުތެވެ.
ސާއިމްއަށް ފެނިގެން ދަނީހޭ އަހައިލީމަ ވެސް އޭނައަށް
ކަމަކުނުދިޔަ އެވެ. އެނބުރި ގޮސް ވަންނަން އޮތީ ހުސް ގެއަކަށެވެ. އެއަށްވުރެ
ބައްޕަގެ ގޭގައި އެ ކޮޓަރީގައި ރޯން އޮންނަން ވެސް ހިތަށް ފަސޭހަ ވާނެ އެވެ.
ހޫރައިން ސާއިމްއާ އަނގައިން ވެސް ނުބުނެ ގޮސް ކޮޓަރިއަށް
ވަދެ ދޮރު ތަޅުލި އެވެ. ހިތުގެ އުދާސްތައް ބާލީސްމައްޗަށް ބަންޑުންކޮށްލަން
އޮވެގެން ނިދިޖެހުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
ނިދާ ހޭލިއިރު އޮވެވުނީ ކޮންތާކުކަމެއް ފުރަތަމަ
ނުވިސްނުނެވެ. ސީލިންގަށް ބަލަން އޮއްވާ ހިތަށް އެރީ ހަމްރާއުއާ ކުރެވުނު
ކައިވެންޏަކީ ފެނުނު ރީތި ހުވަފެނެއްކަމުގަ އެވެ. ވަގުތުން ފުންމައިގެން
ތެދުވެވުނެވެ. ފޯނު ޗެކްކޮށްލީ ހަމްރާއުގެ މެސެޖެއް އޮތްތޯ އެވެ. އަނެއްކާވެސް
ކުރިމަތިލާން ޖެހުނީ މާޔޫސްކަމާ އެވެ. ހަމްރާއު އެއްވެސް ވަރަކަށް އޭނަ މަތިން
ހަނދާންކޮށްފައެއް ނެތެވެ. ކައިވެނީގެ މިހާ ކުރިން ހަމްރާއު އޭނަ މަތިން
ހަނދާން ވެސް ނެތުނީ ހެއްޔެވެ؟ އެ ހިތް ޝަކުވާއިން ފުރިއްޖެ އެވެ. އޭނަ ނިންމީ
ހަމްރާއު ހޯދަން ނާންނަނީސް އެނބުރި ގެއަށް ނުދިއުމަށެވެ. އެކަމަކު ބައްޕަމެނަށް
ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟
ފިކުރުބޮޑުވެފައި އިންދާ ނަބީލާ އައިސް ދޮރުގައި ޓަކި
ދިނެވެ. ހޫރައިން ތެދުވެ ބުރުގާ ރަނގަޅުކޮށްލައިގެން ގޮސް ހުޅުވާލި އެވެ.
"ނިދުނީތަ؟ ފެންނަން ނެތީމަ އަހަރެން ހީކުރީ ގެއަށް
ދިޔައީ ކަމަށް؟" ނަބީލާ އެތެރެއަށް ކަޅިއެއް އެއްލާފައި ހޫރައިންގެ މޫނަށް
ރަނގަޅަށް ބަލައިލި އެވެ.
އެ މޫނުމަތިން ނިދާ ހޭލިކަމުގެ ކުލަވަރު ހުރީ ފެންނާށެވެ.
"އާނ ރޭގަ ރަނާ ބަލަންވެގެން ނުއެއް ނިދުނު
ރަނގަޅަކަށް،" ހޫރައިންއަށް އަމިއްލަ ނަފްސް ނުހުއްޓެވެނީސް ބުނެވިއްޖެ އެވެ.
"ރަނާއަށް ކިހިނެއްވީ؟" ނަބީލާ ބުމަ
ކައިރިކޮށްލި އެވެ.
"އޭނަ މަންމަ ބަލިވެގެން ހަމްރާއުއަށް ހޮސްޕިޓަލަށް
ދާން ޖެހުނީ. އެހެންވެ އަހަރެން ކައިރީ ރަނާ މަޑުކުރީ،" ހޫރައިން
ކިޔައިދިނެވެ. އޭނަ ނިންމީ ނަބީލާއަށް އެ ވާހަކަ އެގޮތަށް ކިޔައިދިނުމަކީ އެންމެ
ރަނގަޅު ގޮތް ކަމުގަ އެވެ. އެއިރުން އިތުރު ދޮގެއް ނުހަދާ އެ ގޭގައި މަޑު ވެސް
ކުރެވޭނެ އެވެ.
"ހަމްރާއު އަންނަންދެން އަހަރެން މިކޮޅުގަ
މަޑުކުރާނީ. ރަނާ މަންމަ އަދި ރަނގަޅެއް ނުވޭ،" ހޫރައިން ނަބީލާގެ މޫނަށް
ބަލައިލީ ދެން ރައްދު އަންނާނެ ގޮތަކަށް ތައްޔާރުވެ ހުރެ އެވެ.
ނަބީލާ އެއްޗެއް ބުނަން އުޅުނުހެން ހީވި އެވެ. ދެން
އެކަމަކު ބޯ ޖަހާލައިފައި ދާންވެގެން އެނބުރުނެވެ. ފަހަތުން ހޫރައިން ވެސް
ނިކުތެވެ.
ދުވަހުގެ ބާކީ ބައި އޭނަ ހޭދަކުރީ ފޫހިކަމާއެކުގަ އެވެ.
ހަނާން އައިސް އެކީ ކުޅެން ކިޔައިގެން ވެސް އޭނަގެ މޫޑެއް ނަ އެވެ. އެންމެ ފަހުން
ހަނާން މާޔޫސްކޮށްނުލާންވެގެން ހަނާންއަށް އޭނަ މޭކަޕްކުރަން ހުއްދަ ދީފައި
ތިރީގައި ކާޕެޓްމަތީ އިނީ އެވެ. އިރުއިރުކޮޅާ ފޯނު ޗެކް ކޮށްލެވެ އެވެ. ޗާޖަރު
ނުގެނެވޭކަން ހަނދާންވީ ފޯނު ކިރިޔާ ނުނިވި ވަނިކޮށެވެ.
"ކީއްވެ ތިރޮނީ؟ މޭކަޕް ހަޑިވާނެއެއްނު..."
ހޫރައިން ހިޔާލަކަށް ގެއްލިފައި އިންދާ ހަނާން އޭނަގެ ކޯތާފަތުން ކަރުނަ
ފުހެދިނެވެ.
ރޮވުނުކަން އެނގުނީ ވެސް އެ ހިސާބުންނެވެ. ހޫރައިންއަށް
އިނދެވުނީ އަމިއްލަ ހިޔާލުތަކެއްގެ ތެރެއަށް ގެއްލިފަ އެވެ.
"އެއީ ދައްތަ ލޮލަށް އެއްޗެއް ވެއްޓުނީ..."
ހޫރައިން ލޯ ފުހެލާފައި ގަދަކަމުން ހީލި އެވެ.
ހަނާން ވަގުތުން މަސައްކަތަށް އެނބުރުނެވެ. އޭނަ މޭކަޕް
ކުރުވާފައި ހަނާން އެއިރު އަތުގައި އޮތް ބުދު ފަރިކޮށް ނަލަ ކުރަނީ އެވެ. ނިވިފައި
އޮތް ފޯނަށް ނަޒަރެއް ދީފައި ހޫރައިން ތެދުވެގެން ގޮސް އެނދުގައި އޮށޯވެލި އެވެ.
ބަދިގޭގައި ނަބީލާ އާއި އަމްރު ތިބީ ހަވީރު ސަޔަށް
އިންސާފުކުރުމުގަ އެވެ. ދެ މީހުންގެ މައުލޫއުއަކަށް އޮތީ ހޫރައިން އެވެ. ނަބީލާ
ފާހަގަ ކުރީ ހޫރައިން ކުޑަކޮށް ދެރަވެފައި ހުރި ވާހަކަ އެވެ. އަމްރުގެ ހިޔާލަކީ
ހޫރައިންގެ ކިބައިގައި އެފަދަ ކޮންމެ ހާލަތަކަށް ވެސް ކުރިމަތިލާން ހިތްވަރު
ހުންނަން ޖެހޭނެކަމުގަ އެވެ.
"ހޫރައިން އަދިވެސް ނުދަނީތަ؟" ސާއިމް އައިސް
ބަދިގެއަށް ވަތް ވަގުތު އެ މީހުން ދެއްކި ވާހަކައިން ތަންކޮޅެއް އަޑު އިވިގެން
އެހި އެވެ.
އޭނަ ހުރީ އޮފީހުން އައިސް އަތްދިގު މުށި ޓީޝާޓަކާއި ނޫ
ޖިންސެއްގަ އެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ހުރުމުން ސިފަ ކުރިއާ
ނިކަން ތަފާތުކަމަށް ދައްކަ އެވެ. ތަންކޮޅެއް ސީރިއަސް ފާޑު ޖަހަން ފަށައިފި އެވެ.
ސާއިމް އައިސް މަންމަ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑި ދަމާލައިގެން އިށީނެވެ.
ނަބީލާމެން އިތުރު ތަފްސީލަކަށް ނުގޮސް ބުނީ ހޫރައިން ނުދާ ވާހަކަ އެކަންޏެވެ.
ނަބީލާ ދެން ތެދުވީ ސާއިމްއަށް ސައި ތަށްޓެއް ހަދަންވެގެންނެވެ.
އަމްރު ނިމިފައި ހުރުމުން ތެދުވެގެން ބޭރަށް ނިކުންނަން
މިސްރާބުޖެހި އެވެ.
"އަމްރު އެ ދެބެއިންނަށް ގޮވާބަލަ ސައިބޯން
އަންނަން،" ނަބީލާ މަސައްކަތުގައި އުޅެމުން ދޮރާ ދިމާއަށް ބަލާލައިފައި
އެދުނެވެ.
އަމްރު ހުއްޓިފައި ބޯޖަހާލުމަށް ފަހު އެތަނުން ނިކުތެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ހަނާން އާއި ހޫރައިން އައިސް
ވަތްއިރު ހަނާން ހުރީ ހޫރައިންގެ އަތުގައި ހިފައިގެންނެވެ. ހަނާން ކުރީގައި
ހުރި ގޮތުން ހީވަނީ ހޫރައިން އެތަނަށް އައީވެސް ހަނާންގެ ބާރުގައި ހެންނެވެ.
ސާއިމްއަށް ހޫރައިންގެ މޫނު ފެނުމާ އެކު ހީގަތެވެ. އެކަމަކު
ދާދި އަވަހަށް އަނގަމަތީ އަތް އަޅަން ޖެހުނީ މަންމަ ހިތްހަމަނުޖެހިފައި ބަލާލި
ގޮތުންނެވެ. ހޫރައިން ވެސް އައިސް އިށީނީ ސީރިއަސްވެފަ އެވެ.
"ސޮރީ. ބަޓް ޔޫ ލުކް ލައިކް އެ ކްލައުން،"
ސާއިމް އަތް ތިރިކޮށްލާފައި ހިނިއައިސްފައި އިނދެ ވާހަކަދެއްކި އެވެ.
ކުރީގެ ހޫރައިންއަކީ އެގޮތަށް އޭނަ ޖަހާ ޖޯކަކަށް
ސީރިއަސްވާނެ ކުއްޖެއް ނޫނެވެ. އެއީ މާ ބޮޑު ކަމެއް ކަމަކަށް ނުދެކޭނެ އެވެ.
"އައި ތިންކް ޔޫ އާ ޖެލަސް..." ހޫރައިންގެ
ޖަވާބު އަ އެވެ. އޭނަ ހުރީ ހިތް ގޯސްވެފަ އެވެ. ރުޅިއައިސްފަ އެވެ. ސާއިމް ވެސް
ގަސްތުގައި މިއަދު އޭނަ ރުޅިއަރުވަން އެބަ މަސައްކަތްކުރެ އެވެ.
"އަހަރެން؟ ޖެލަސް؟ ކީއްވެއޯ؟" ސާއިމް މޭޒުގައި
ދެ އަތް އަޅާލައިފައި ތަންކޮޅެއް މޭޒާ ކައިރިވެލި އެވެ.
އޭނަގެ ނަޒަރު ސީދާ ހޫރައިންގެ މޫނަށެވެ.
ހަނާން އިނީ މަންމަގެ ފޯނު އަތުލައިގެން އެއަށް ބަލަމުން
ކެއުމަށް މަޝްއޫލުވެފަ އެވެ. ނަބީލާ އެ ދެ މީހުންނަށް ސައި ތަށި ތައްޔާރުކޮށްފައި
ގެނެސް ބެހެއްޓި އެވެ. ހޫރައިން އޭގައި އަތެއްނުލި އެވެ. ހިތްހަމަނުޖެހިފައި
ބަލަން އިނީ ސާއިމްއަށެވެ. ސާއިމް ވެސް ހޫރައިންގެ ޖަވާބަކަށް އެދިގެން ނަޒަރު
ވަކިކޮށްނުލާ އިނެވެ.
"އަހަރެން ސާއިމްއާ ނީނދެ ހަމްރާއުއާ އިނީމަ،"
ހޫރައިން ހިތްހަމަނުޖެހިފައި އިންވަރުން އެންމެފަހުން ނުބުނަން ހުރި ވާހަކަ ވެސް
ބުނެވުނީ އެވެ.
ސާއިމް އޭނައާ ދޭތެރޭ ދެކެނީ ހަމައެކަނި އެކުވެރިއެއްގެ
ގޮތުގައި ނޫންކަން އޭނަގެ ރައްޓެހިން އަބަދުވެސް ކިޔަ އެވެ. އެކަމަކު ހޫރައިން
ދުވަހަކުވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އޭނައަށް ވެސް އެފަދަ ޝައްކެއް ފުރަތަމަ
ވީ އޭނައާ ހަމްރާއުގެ ގުޅުމާ ސާއިމް ގަޔާނުވާވަރު އެނގިފަ އެވެ. ކޮންމެވެސް
ސަބަބަކާ ހުރެ އަމިއްލަ އިހްސާސްތައް ފައުޅުކޮށްފައި ނުވި ނަމަވެސް
ކައިވެންޏަށް ފަހު އަދި މިހާރު ހީވަނީ ސާއިމް އޭނަގެ އެ ނިންމުމުގެ ގޯސްކަން ވިސްނައިދޭން
އުޅޭހެންނެވެ.
ސާއިމް ސީރިއަސްވެފައި އިނދެފައި ބާރަށް ހޭން ފެށި އެވެ.
ނަބީލާ ހިތްހަމަނުޖެހުމާ އެކު އެ ދެ މީހުންގެ މޫނަށް ބަލައިލާފައި
ސާއިމް ކައިރީ ނިކުންނާށޭ ބުނެލީ އިތުރަށް އެ ވާހަކަ ކުރިއަށް
ގެންދިޔަނުދިނުމަށެވެ.
އޭނަ މަންމައަށް ކިޔަމަންވުމުގެ ގޮތުން ސައި މެދުކަނޑާލައިފައި
ނިކުތެވެ. ނަބީލާ ވެސް ފާޑަކަށް ހުރެފައި ސާއިމްގެ ފަހަތުން އެތަނުން ނިކުމެއްޖެ އެވެ.
އެކަނިވުމާއެކު ކުރެވުނު ކުށުގެ އިހްސާސް ހޫރައިންއަށް
ވި އެވެ. ހިތްހަމަނުޖެހުމާއި ހިތާމައިން އޭނަގެ ލޮލަށް ކަރުނަ ގިނަވެއްޖެ އެވެ.
އޭނަގެ އަމިއްލަ ހިތަށް ވެފައި ހުރި އަނިޔާއެއްގެ ބަދަލުހިފަންވެގެން އެންމެފަހުން
ސާއިމް އާއި އޭނަގެ މެދުގައި އޮތް ދުވަސްވީ އެކުވެރިކަމަށް ވެސް ކިލަނބު އަރުވައިފި
އެވެ.
ހަމްރާއު ހޫރައިން ބަލާ އައީ އެ ރޭ ހަތެއް ޖަހަން
ކައިރިވެފައި ވަނިކޮށެވެ. ހޫރައިން ހުރީ ދެރަވެފަ އެވެ. އެހެންވެ ހަމައެކަނި ބައްޕަ
ކައިރީ ދަނީއޭ ބުނެފައި އެ ގެއިން ނިކުމެއްޖެ އެވެ. ނަބީލާއާ ފަހުން
ބައްދަލުވެގެން ވެސް ނަބީލާ އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އޭނަ ދެކެ
ހިތްހަމަނުޖެހިފައިކަން ޔަގީންވި އެވެ.
ހަމްރާއުގެ މޫނުމަތިން ވެސް ފެނުނީ ވަރުބަލިކަމެވެ.
އެހެންވެ ދެ މީހުން ވެސް ތިބީ އަމިއްލަ ހިޔާލަށް ގެއްލިފަ އެވެ. އެހެންވެ އެކަކު ވެސް
ގެއާ ހަމައަށް ދެވެންދެން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ގެއަށް ވަތްއިރު ގެ އޮތީ އަނދިރީގެ ތެރޭގަ އެވެ. ހަމްރާއު
ބޮކި ދިއްލުމާއެކު ހޫރައިން ބޫޓު ބަހައްޓާފައި ގޮސް ސޯފާގައި އިށީނެވެ. އޭސީ
އޮންކޮށްލި އަޑާއެކު ހަމްރާއު އެދިމާއަށް ހިނގާފައި އަންނަ އަޑު އިވުނެވެ.
ހޫރައިން އިނީ އުނގުތެރޭ އޮތް ދެއަތްދެއަތާ ކުޅެލަ ކުޅެލަ އެވެ. ހަމްރާއު
ފެނުމުން ކުރަން ހުރި ހުރިހާ ޝަކުވާއެއް ވެސް ހަނދާންނެތިފައި ވާކަހަލަ އެވެ.
ހަމްރާއު އައިސް ހޫރައިގެން އުނގުގައި ބޯ އަޅައިގެން
ސޯފާގައި އޮށޯވެލި އެވެ. ކުޑަކޮށް ސިހިފައި ހޫރައިން އެ މޫނަށް ބަލައިލި އެވެ. އޭނަގެ
އެއް އަތުގައި ހިފާ ދަމާލައިފައި އަތްތިލަ މަހާލި އެވެ.
"ވަރަށް ގުޅިން ދޯ؟ ފޯނު ނިވުނީމަ ހަބަރެއް ނުވެވުނީ.
ވަރަށް ބޮޑަށް ސޮރީ،" ހަމްރާއުގެ އަޑުގައި ހުރީ ނިންޖާއި ވަރުބަލިކަމުގެ
އަސަރެވެ.
ރައިނާގެ ގޭގައި ހަމްރާއު އުޅެފައި އައި ހާލާ މެދު ހޫރައިންއަށް
ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. ދަރިފުޅާއި އަންހެނުންގެ ހިދުމަތުގައި
އަރާމެއް ނެތި އުޅުނުއިރު އަނެއްކޮޅުން އޭނަ އެހުރީ އެކަމާ ވެސް ހިތް ނުބައިކޮށްގެންނެވެ.
އަނެއްކޮޅުން ރައިނާ ހުންނާނީ ވެސް ހަމްރާއު ދެކެ ހިތްހަމަނުޖެހިފަ އެވެ. މުހާތަބު
ކުރާނީ ރަނގަޅަކަށް ނޫންކަން ޔަގީނެވެ. އެނބުރި އައުމުން އޭނަ ވެސް ކަންތައް
ކުރަންވީ އެގޮތަށް ހެއްޔެވެ؟
ހޫރައިންގެ ހިތުގައިޖެހުނެވެ.
ކައިވެނި ކުރަން އުޅޭއިރު ކޮންމެ މީހަކު ވެސް ވިސްނާ ގޮތް
ތަފާތެވެ. ކައިވެންޏާ ހަމައަށް ދަނީ އެއީ ފަސޭހަ ވާނެ ދިރިއުޅުމެއް ނޫންކަން
އެނގި ހުރެ އެވެ. ފިރިމީހާގެ ފުރަތަމަ އަނބިމީހާ އާއި ދަރިންގެ ހައްގުތައް
އަދާކުރުމާ މެދު ކުޑަ ވެސް ޝަކުވާއެއްނެތި އެކަން ގަބޫލުކުރާ ހާލުގަ އެވެ. އެކަމަކު
ކައިވެންޏާ ހިސާބުން އަމިއްލަ ނަފްސްގެ އެދުންތައް އުތުރިއަރަން ފަށަ އެވެ.
އަމިއްލަ ހިތްހަމަޖައްސަން ބޭނުންވެ އެވެ. ހަމަހަމަކުރުމުގެ އުސޫލަށް ވުރެ ބޮޑަށް
އިސްކުރެވެނީ އަނެކާއަށް ވުރެ ތިމާ ކުރިއެރުމުގެ މަސައްކަތެވެ. ފިރިމީހާގެ ގިނަ
ވަގުތާއި ފިރިމީހާގެ ފުށުން ލިބޭ ކޮންމެ އެއްޗެއްގައި ވެސް އަމިއްލަ ބައި އަޅައި
އެ ގިނަކުރުމުގެ ނިޔަތެވެ.
ހޫރައިން ހަނދާންވި އެވެ. ކައިވެނީގެ ވަގުތު ބައްޕަ ވެސް
ދިނީ އެފަދަ ރަނގަޅު ނަސޭހަތެވެ. އެކަމަކު މިހާ އަވަހަށް އޭނައަށް އަމިއްލަ އެދުން
އިސްކުރެވުނީ އެވެ.
"ކާއެއްޗެއް ވެސް ނުހުންނާނެ. ބަނޑުހައިވެފަ ދޯ؟
ކޯއްޗެއް ކައްކަންވީ؟" ހޫރައިން ކުއްލިއަކަށް ހަނދާންވެގެން އެހި އެވެ.
"ހިނގާ އެއްޗަކަށް އޯޑަރުޖަހަން،" ހަމްރާއުގެ ހިޔާލު ހުށައެޅި އެވެ.
"ހިނގާ،" ހޫރައިން ޅަކުއްޖެއްހެން ފޮނިވެލާފައި
އެއްބަސްވި އެވެ.
ލޯބިވާ ފިރިމީހާގެ އެންމެ ބީހުމަކުން ވެސް އޭނަގެ
ޝަކުވާތައް ފިލައިފި އެވެ.
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ