އައިޕީއެލްގެ އެނބުރި އައުން ވިއްސާރައިގައި ޖެހިއްޖެ އައިޕީއެލްގެ އެނބުރި އައުން ވިއްސާރައިގައި ޖެހިއްޖެ

ބެންގަލޫރު، އިންޑިއާ (މެއި 18) - ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި ހިނގި ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން މެދުކަނޑާލި، މަޝްހޫރު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އަލުން ފަށަން ރޭ ކުރި މަސައްކަތް ވިއްސާރައިގެ ސަބަބުން ނާކާމިޔާބުވެއްޖެ އެވެ.
ހަފްތާއެއްގެ މުއްދަތަށް މެދުކަނޑާލާފައި އޮތުމަށް ފަހު، އައިޕީއެލް ރޭ ފަށަން އޮތީ ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ކަލްކަތާ ނައިޓް ރައިޑާސް ކުޅެން އޮތް މެޗުންނެވެ.
މިދިޔަ ހަފްތާގައި ޓެސްޓް ކްރިކެޓުން ރިޓަޔާކުރި، ބެންގަލޫރުގެ ތަރި، ވިރާތު ކޯލީ އަށް ހާއްސަ ޓްރިބިއުޓެއް ދޭން ބެންގަލޫރުގެ ސަޕޯޓަރުން ހުދު ޖޯޒީގައި ދަނޑަށް ވަދެ ތިބިއިރު، މެޗު ކުރިއަށްގެންދަން ކުރި ހުރިހާ މަސައްކަތެއް ވެސް ނާކާމިޔާބުވީ ވިއްސާރައާ ހެދި އެވެ.
ވިއްސާރައިގައި ޖެހި މެޗު ކުޅެވޭނެ އެއްވެސް ގޮތެއް ނުފެނުމުން، އަމްޕަޔަރުން ކަނޑައެޅީ ނަތީޖާއެއް ނެތް "ނޯ ރިޒަލްޓް" މެޗެއްގެ ގޮތުގަ އެވެ. މި ގޮތަށް ނިންމުމާ އެކު، މިދިޔަ އަހަރުގެ ޗެމްޕިއަން، ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އަށް ޕްލޭއޮފްގެ ޖާގަ ގެއްލުނީ އެވެ. ޕްލޭއޮފްގެ ޖާގަ ހޯދަން ކޭކޭއާރުން ފަހު ދެ މެޗުން މޮޅުވާން އޮތީ މަޖުބޫރުވެފަ އެެވެ.
އައިޕީއެލްގެ ބާކީ އޮތް މެޗުތައް ކުރިއަށްދާނީ، ހަ ސަރަހައްދެެއްގަ އެެވެ. އެއީ، ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނައު، އަހުމަަދުއާބާދު އަދި މުމްބާއި ގަ އެވެ. މީގެ ކުރިން، އައިޕީއެލްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް އައި ބަދަލާ އެކު، އައިޕީއެލްގެ ފައިނަލް މެޗު މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ