ސެމީ ފައިނަލުގައި ޓީސީ ކުރިއަށް ވުރެ ރަނގަޅުވާންޖެހޭ ސެމީ ފައިނަލުގައި ޓީސީ ކުރިއަށް ވުރެ ރަނގަޅުވާންޖެހޭ

އެފްއޭއެމް ލީގު ކަޕްގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުމަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނެފި އެވެ.
އިއްޔެގެ މެޗުތަކަށް ފަހު، ފަސް ޓީމު ވާދަކުރާ ލީގު ކަޕްގެ، ލީގު ބުރުގައި ބާކީ ދެ މެޗު އޮއްވައި ސެމީ ފައިނަލުގެ ޖާގަތައް ވަނީ ޔަގީންވެފަ އެވެ.
އިއްޔެ ޓީސީން ވަނީ 2-1 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި ފުރަތަަމަ ޓީސީން ލަނޑު ޖަހައި ލީޑުނެގިއިރު، މަހިބަދޫން މެޗު ނިމެން އަށް މިނިޓަށް ވެފައި އޮއްވައި އެއްވަރުކުރި އެވެ. ޓީސީ މޮޅުވީ، އަބްދުﷲ ރިޒާން މުހައްމަދު ޖެހި ގޯލުންނެވެ.
"މޮޅުވާން ޖެހިފައި އިނީމަ 1-0 ގައި އިން އިރުގައި ތަންކޮޅެއް ބޮޑަށް ޑިފެންސަށް ބެލީހެން ހީވަނީ، ހަަމަ އެ މީހުން (މަހިބަދޫ) ޖެހީމަ އަނެއްކާ ވެސް އެރީ (ގޯލު ޖަހަން) އެ ކަހަލަ ގޮތަކަށް ހީވަނީ، ބިރުން، ބަލިވެދާނެތީ، އެއްވަރެއްވެދާނެތީ، ކޮޅަށް އެއްޗެއް ވަދެދާނެތީ، ބޮޑަށް ބިރުން ތިބި ކަމަށް ފާހަގަކުރެވެނީ، ވަރަށް އުނދަގޫކޮށް މިދިޔައީ،" އިއްޔެގެ މެޗަށް ފަހު ޗޭ ބުންޏެވެ.
"ކުޅުން ވަރަށް ސަަކަރާތްކޮށް މިދިޔައީ ޕްރެޝަރުގައި ކުޅެން ޖެހުނީމަ،"
މި ވަގުތަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އާއި ހަތަރެއްގައި އޮތް ޓީސީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު، އެ ޓީމު ވަނީ ކަޓައިފަ އެެވެ.
ލީގު ކަޕްގައި ދެން މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ކުޅޭނީ އޮޑި އާއި މާޒިޔާ އެެވެ. އަދި، އެރޭ ކުޅޭ މެޗުގައި، ނިއު އިން މަހިބަދޫއާ ބައްދަލުކުރާނެ އެވެ. އެ މެޗުތަކަށް ފަހު, ސެމީ ފައިނަލްގައި ކުޅެން ޖެހޭ މެޗުތައް ޔަގީންވާނެ އެވެ. ލީގު ބުރުގެ އެއް ވަނަ ކުޅެން ޖެހޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ޓީމު ކުޅެން ޖެހޭނީ ތިން ވަނަ ޓީމާ އެވެ.
"ސެމީ އަށް ކޮންމެހެނެއް ވެސް ރަނގަޅުވާން ޖެހޭނެ. ރަނގަޅު ޓީމުތަކާ ޖެހޭނީ ވެސް. މި އަށް ވުރެ ރަނގަޅުނުވެ މި އަށް ވުރެ ކުރިއަކަށް ނުދާނެ. އެކަން އަހަރުންނަށް އެނގޭ،" ޗޭ ބުންޏެވެ.
ލީގު ބުރުގެ ކުޅުން ނިމުމަށް ފަހު، މި މަހު 25 ވަަނަ ދުވަހު ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗުތައް ކުޅޭނެ އެވެ. ފައިނަލް މެޗު އޮންނާނީ މެއި 28 ވަނަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ