މެޑްރިޑް (އޭޕްރީލް 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު، އާސެނަލުން 16 އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެވެ. ރެއާލް ދަނޑުގައި މިރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުން އާސެނަލް ވަނީ 2-1 އިން މޮޅުވެފަ އެވެ. އެގްރިގޭޓުން އާސެނަލަށް ކުރިލިބުނީ 5-1 އިންނެވެ.
މިއީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލުން ވާދަކުރާ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން، އެ ޓީމުން ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ. އާސެނަލުން 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް ކަޓުވާލައި، އެ ފަހަރު ފައިނަލުގައި ކުޅުނެވެ. އެކަމަކު، ފައިނަލުން ބާސެލޯނާ އަތުން ބަލިވީ އެވެ.
ރެއާލް ދަނޑު ސަންޓިއާގޯ ބާނަބައުގައި ކުޅުނު ދެ ވަނަ ލެގުގައި އާސެނަލަށް ވަނީ ލީޑުނަގަން ފުރަތަމަ ހާފުގައި ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ގޮތުން، އާސެނަލަށް ލިބުނު ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ރެއާލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އާސެނަލުން ވަނީ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 65 ވަނަ މިނިޓްގައި އާސެނަލްގެ މި ގޯލު ޖަހައިދިނީ ސަކާ އެެވެ. އާސެނަލްގެ މިކޭލް މެރީނޯ ދިން ބޯޅައަަކަށް އަރައި ސަކާ ވަނީ ކީޕަރު ކޯޓުއާ ގައި މަތިން ގޯލަށް ފޮނުވާލައިފަ އެވެ.
އާސެނަލަށް މާ ގިނައިރު ލީޑުގައި އޮވެވޭގޮތެއްނުވި އެވެ. އެ ޓީމުގެ ފަހަތުން ހެދުނު ގޯހަކުން ރެއާލުން އެއްވަރުކުރި އެވެ. މެޗުގެ 67 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ހެދި ގޯހެއްގެ ފައިދާނަގައި، ރެއާލުގެ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ.
އޭގެ ފަހުން، ރެއާލްގެ ތަރި ކީލިއަން އެމްބާޕޭގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އިތުރު ގޯލެއް ޖަހަން ރެއާލުން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
އާސެނަލް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ގަބްރިއެލް މާޓިނެލީ އެވެ. މި ގޯލުން މޮޅުވެ، އާސެނަލުން ވަނީ ރެއާލާ ދެކޮޅަށް އެ ޓީމުގެ ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.
އާސެނަލުން މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕީއެސްޖީއާ އެވެ. އާސެނަލުން ވަނީ މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ޕީއެސްޖީއާ ކުޅެގެން މޮޅުވެފަ އެވެ. ޕީއެސްޖީން ވަނީ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ގައި ލިވަޕޫލް އަދި ކުއާޓާ ފައިނަލުގައި އެސްޓަން ވިލާ ކަޓުވާލައިފަ އެެވެ.
ރެއާލް ކަޓުވާލައި 16 އަަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީ އަށް ރެއާލް ކަޓުވާލައި 16 އަަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ