ރިޔާސީ ބަޔާނުގައި ގައުމުގެ އަދުގެ ހާލަތު ކިޔައިނުދީ ރައްޔިތުންނާއި މަޖިލީހަށް އޮޅުވައިލި: އެމްޑީޕީ ރިޔާސީ ބަޔާނުގައި ގައުމުގެ އަދުގެ ހާލަތު ކިޔައިނުދީ ރައްޔިތުންނާއި މަޖިލީހަށް އޮޅުވައިލި: އެމްޑީޕީ

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ގައުމުގެ އަދުގެ ހާލަތު ބަޔާންކޮށްދިނުމުގެ ބަދަލުގައި އެ ހާލަތު ރައްޔިތުންނާއި މަޖިލީހަށް އޮޅުވާލާފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާފަ އެވެ. އެ ޖަވާބުގައި އޭނާ ފާހަގަކުރި ގޮތުގައި އެ ބަޔާނަކީ މިހާތަނަށް ވެރިޔަކު އިއްވި އެންމެ އޮޅުވައިލުން ގިނަ ބަޔާނެވެ.
"ގައުމުގެ އަދުގެ ހާލަތާއި މި ރިޔާސީ ބަޔާނަކާ އެއްވެސް ގުޅުމެއް ނެތް. މި ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގުތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވައިލުން ގިނަ ރިޔާސީ ބަޔާން. ފެނިގެންދިޔައީ ބޮޑެތި މުހިންމު ކަންކަން އުނިކޮށް ހިޔާލީ ވާހަކައެއް އުފައްދަން އުޅުނު މަންޒަރު،" ނާޒިލް ވިދާޅުވި އެވެ.
މިއަދާ ހަމައަށް އައިއިރު ވެސް މާލީ އިސްލާހީ ފިޔަވަަޅުތައް އަޅަމުންދާ މަންޒަރު ނުފެންނަ ކަމަށާއި މަޖިލީހުން ފާސްކުރި ބަޖެޓާއި ރައީސްގެ އަމަލުތަކާ ދިމާނުވާ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. ސަރުކާރަށް 15 މަސް ދުވަސްވެގެންދިޔައިރު ވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައިވާ ކަމަށާއި އެ އަދަދު 3000 އަށް އަރާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"ފެހި ސިގްނަލް ފެންނަ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިޔަ ނަމަވެސް އާހިރުގައި އެ ފެހި ސިގްނަލްތައް ވެގެންދިޔައީ ސައިބޯނި ބޮކިތަކަކަށް. ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ވަނީ ދަށްކޮށްފައި. ގައުމުގެ މާލީ ހާލަތާ ގުޅޭ މުހިންމު ވާހަކަ ރިޔާސީ ބަޔާނުގައި ވިދާޅު ނުވޭ،" ނާޒިލްގެ ޖަވާބުގައި ފާހަގަކުރެއްވި އެވެ.
ސަރުކާރުން ބަޖެޓު ފައިނޭންސް ކުރުމަށް މިދިޔަ އަހަރު ވެސް ފައިސާ ނުހޯދޭ ކަމަށާއި އެއާއެކު ޑެފިސިޓް ރެކޯޑެއް މި ސަރުކާރުން ހަދާފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ދަރަނި ނުނަގާނެ ކަމަށް ކެމްޕޭނުގައި ވިދާޅުވުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް އަމަލުކުރައްވަމުން ގެންދަވަނީ އެ ވާހަކަތަކާ ދިމާ އިދިކޮޅަށް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"ދިވެހިރާއްޖެ މި ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް. ގާނޫނުގެ ވެރިކަމެއް ނުހިނގާ. ދިވެހިން އެތައް ޒަމާނެއް ވަންދެން ކުރި ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ މި ދަނީ ނުރަނގަޅު މިސްރާބަކަށް. ހައްގުތައް ހަނިކުރަން ފަށައިފި. ވެރި މީހާގެ ބާރު އިތުރުކުރަން ފަށައިފި،" ނާޒިލް ވިދާޅުވި އެވެ.
ސަރުކާރުގެ ފުރަތަމަ އަހަރު ދައުލަތުގެ މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އެންމެ މަތިން ފެށިގެން ތިރިއަށް އާންމުވެފައިވާ ކަމަށާއި މިއީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވަމުންދާ ސަރުކާރެއް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ