ޖިރޯނާ ބަލިކޮށް ރެއާލުން ބާސާއާ އެއްވަރުކޮށްފި
ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޖިރޯނާ ބަލިކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. މެޗުގައި ރެއާލް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ކެޕްޓަން ލޫކާ މޮޑްރިޗެވެ. ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ވިނީޝިއަސް ޖޫނިއާއެވެ. މެޗުގައި ރެއާލްގެ މެދުތެރެއަށް ކުޅެމުންދާ ޖޫޑް ބެލިންހަމް ސަސްޕެންޝަންގެ ސަބަބުން ނުކުޅެއެވެ. މި ކާމިޔާބީއާ އެކު ރެއާލް މިހާރުވަނީ ކުޅުނު 25 މެޗުން ލިިބިފައިވާ 54 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އަރާހަމަކޮށްފައެވެ. ނަމަވެސް، ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ ބާސާއަށެވެ. މެޗުން ބަލިވުމުން ޖިރޯނާ އޮތީ 31 ޕޮއިންޓާ އެކު 12 ވަނައިގައެވެ. މި މުބާރާތުގައި އެތުލެޓިކް ބިލްބާއޯއާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗު 7-1ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ބިލްބާއޯއިންނެވެ. ބިލްބާއޯއިން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ނީކޯ ވިލިއަމްސްއެވެ. އަނެއް ފަސް ލަނޑު ޖަހައިދީފައިވަނީ މިކޭލް ހުއަރެގީޒާ، މަރޮއާން ސަނާޑީ، އޮއިހާން ސަންޗެޓް، ގޯކާ ގުރުޒޭޓާ އަދި އިނާކީ ވިލިއަމްސެވެ. މެޗުގައި ވަޔަޑޮލިޑުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މަމަޑޫ ސިލިއާއެވެ. މި ކާމިޔާބީއާ އެކު ބިލްބާއޯ އޮތީ 48 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. ވަޔަޑޮލިޑް އޮތީ 15 ޕޮއިންޓާ އެކު އެންމެ ފުލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ