ކޭލަކުނު ތަޅާލި ވިއްސާރަ: އުތުރުގެ ރަށްރަށަށް ތިން ދުވަސް ވަންދެން ބޮޑެތި ރާޅުތަކެއް އެރި

ރާއްޖޭގެ އެންމެ ތަޖުރިބާކާރު މީޓިއޮރޮލޮޖިސްޓުންގެ ތެރޭގައި ހިމެނޭ ހުސެން ވަހީދު އިއްޔެ، ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ ހޯލްގައި، ހުންނެވީ މިއަދުގެ މޫސުން ލަފާކުރާ ގޮތް ކިޔައިދެއްވާކަށެއް ނޫނެވެ. ސްކްރީނަށް ފަހަރަކު ގަނޑެއް އަރުވަމުން ގެންދެވީ ރާއްޖޭގެ ތާރީހުން ފެންނަން ހުރި މޫސުމީ އެންމެ ބޮޑެތި ކާރިސާތަކުގެ އިލްމީ ދިރާސާއެއްގެ މައުލޫމާތު ދެއްވާށެވެ.
މޫސުމާ ބެހޭ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން ހުރި ފަދައިން ކުރިން މޫސުމީ ގޮތުން ހިނގާފައި ހުރި ތާރީހީ ބޮޑެތި ކާރިސާތަކާއި ހާދިސާތަކަށް ވެސް ހާއްސަ ލޯތްބެއް ހުސެންގެ ހިތުގައި އުތުރިއަރަ އެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި މޫސުމީ ތަފާތު ކާރިސާތަކާ ބެހޭ މައުލޫމާތު ގެންދެވީ ހޯއްދަވަމުންނެވެ. އެންމެ ފަހުން މިހާރު އޭނާގެ އިލްމީ ދިރާސާ އެ ބިނާކުރެއްވީ މިހާތަނަށް އެނގެން އޮތް، ތުންތުންމަތިން ވާރުތަވެފައި ހުރި މޫސުމީ ބޮޑެތި ކާރިސާތަކަށެވެ.
އޭގެ ތެރެއިން ވެސް އެއް ވާހަކަ ތަފާތެވެ. ދިވެއްސެއް ވިއްޔާ އެ ވާހަކައިގެ ސުރުހީ ނޭނގި ނުދާނެ އެވެ: 'ކޭލަކުނު ތަޅާލި ވިއްސާރަ' އެވެ. 'ތަޅާލި' މި ލަފުޒުން ވެސް އެނގެނީ ހަމައެކަނި ވިއްސާރައެއް ލައްވާލީ ނޫން ކަމެވެ. އެ ވިއްސާރައިގައި މުޅި ތަން 'ތަޅާސުންނާފަތިކޮށްލުމު'ގެ މާނަ، އެ ވާހަކައިން ނެގިދާނެ އެވެ.
މޫސުމާ ބެހޭ މައުލޫމާތު އެއްކުރުމުގައި ހުސެންއަށް އެންމެ ބޮޑު އެހީތެރިޔަކީ އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ލިބެން ހުރި ފޮތްތަކާއި ލިއުންތަކާއި ރެކޯޑްތަކެވެ. ނަމަވެސް އިންޑިއާއިން ވެސް 1821ގައި ރާއްޖޭގެ އެންމެ އުތުރަށް އެ ކުރި ވިއްސާރައިގެ މައުލޫމާތު ލިބޭކަށް ނެތެވެ. އެކަމަކު އެ ކާރިސާއާ ގުޅޭ ގޮތުން ތުންތުންމަތިން އިވޭ ވާހަކަތަކާއި ރާއްޖޭގައި ލިއެފައި ހުރި ތާރީހީ ލިއުންތަކުން އެނގެން ހުރި މައުލޫމާތު، މޫސުމާ ބެހޭ ސައިންސްވެރިންނާ ހިއްސާކޮށްގެން، އެ ވިއްސާރައިގެ އަސްލު ލަފާކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިއަ ސެޕްޓެމްބަރުން ޑިސެމްބަރާ ހަަމައަށް ހުސެން ވަނީ ޖަޕާންގައި މޫސުމާ ބެހޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރައްވައިފަ އެވެ. ޖަޕާންގައި މިހާރު ތިއްބެވި މޫސުމާ ބެހޭ އެންމެ ތަޖުރިބާކާރު ބައެއް ސައިންސްވެރިންނާ ބައްދަލުވި އެވެ. އޭގެ ތެރެއިން އެންމެ އިސް އެއް ސައިންސްވެރިޔާއާ އޭނާ ވަނީ ކޭލަކުނު ތަޅާލި ވިއްސާރައިގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
އެ ވިއްސާރައަކީ، ރާއްޖޭގެ ތާރީހާ ބެހޭ މުހިންމު ލިއުންތަކެއް ލިއުއްވި އެޗު.ސީ.ޕީ ބެލް ލަފާކުރައްވާފައި އޮތް ގޮތަށް 'ބޮޑު ނަގޫރޯޅިއެއް' ނޫން ކަމަށް ހުސެން ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެއީ އުތުރަށް ލައްވާލި ބޮޑު ތޫފާނެކެވެ.
ހދ. އަތޮޅުގައި އޮތް ކޭލަކުނު ތަޅާލި ވިއްސާރައާ ގުޅިގެން އުތުރުގެ ރަށްރަށަށް ތިން ދުވަސް ވަންދެން ބޮޑެތި ރާޅުތައް އެރިކަމުގެ ވާހަކަ ތުންތުންމަތިން ދެކެވެ އެވެ. އެ ވާހަކަތައް ޖަޕާންގެ ސައިންސްވެރިންނަށް ކިޔައިދެއްވުމުން އެ ބޭފުޅުން ގަބޫލުކުރައްވަނީ އެއީ ބާރުގަދަ ތޫފާނެއްގެ ހެކިތައް ކަމަށެވެ.
"އެ ރާޅުތައް އެރުމަކީ ސްޓޯމް ސާޖެއް. [އެއީ] ތޫފާން ދަތުރުކުރަމުން ދާއިރު ސްޓޯމް ސާޖް ދަތުރުކުރާނެ ގޮތް،" ހުސެން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ލަފާކުރެވިއްޖެ ކޭލަކުނު ތަޅާލި ވިއްސާރައަކީ ތޫފާނެއްގެ ސަބަބުން ކުރި ވިއްސާރައެއް ކަން. ބެލްގެ ރިޕޯޓްގައި ވެސް ޓޯނަޑޯއެކޭ [ނަގޫރޯޅި] އެބަ ހުރި ލިއުއްވާފައި. މިހާރު އެނގޭ ގޮތުގައި މިއިީ ޓޯނަޑޯއެއް ނޫން."
ރަށްރަށަށް ބޮޑެތި ރާޅުތަކެއް އެރިކަމުގެ އެއް ހެއްކަކީ، ހުސެން ވިދާޅުވި ގޮތުގައި، ހދ.ގެ ބައެއް ރަށްރަށުގެ ގޮނޑުދޮށުގައި ހުރި ވެލި ފުނިތަކެވެ. އެ ވެލި ފުނިތަކުގެ ވާހަކަ ހިއްސާކުރެއްވުމުން ޖަޕާންގެ ތަޖުރިބާކާރުންނަށް އެކަން ވީ ތޫފާނެއްކަމުގެ އިތުރު ހެއްކަކަށެވެ.
"ޖަޕާންގެ ސައިންސްވެރިން ވިދާޅުވީ އެއީ ރާޅު އެރުމުގެ ސަބަބުން، ސްޓޯމް ސާޖްގައި ރަށްރަށުގެ ގޮނޑުދޮށަށް ޖަމާވި ވެލި ފުނިތަކެކޭ. [އެހެންކަމުން] މިއީ ތޫފާންގެ ސަބަބުން އުފެއްދި ރާޅުތަކުން އުފެދުނު ވެލިފުނިތަކެއް،" ހުސެން ވިދާޅުވި އެވެ.
އެ ބޮޑު ވިއްސާރައަކީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ ކައިރީގައި އުފެދުނު ވަރުގަދަ ތޫފާނެއްކަމަށް ނިންމިދާނެ ވަރަށް 'އިލްމީ މައުލޫމާތު އެއްކުރެވިއްޖެ' އެވެ. 
މިހާރު ބަލަން ޖެހޭ އެއް ދާއިރާއަކީ، ހުސެން ވިދާޅުވި ގޮތުގައި، އެ ތޫފާން އުފެދުނު ސަރަހައްދެވެ. ރަށްރަށަށް ވެލިފުނި ޖަމާވެފައި ހުރި ދިމާތަކަށް ބިނާކުރައްވައިގެން ތޫފާންގެ މިސްރާބު ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަން ކުރައްވާނެ މިސާލު ދައްކަވަމުން ވިދާޅުވީ:
ވެލި ފުނިތައް ހުރި ސަރަހައްދު ދިރާސާކޮށްގެން ލަފާކުރެވޭނެ ރާޅުތައް އައި މިސްރާބު
އެ މިސްރާބުން އެނގޭނެ ތޫފާން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށްކަން. ތޫފާން އުފެދިފައި ހުރީ ކޮން ދިމާލެއްގައިކަން
އެއީ ރާއްޖޭގެ އުތުރުންތޯ، އަރަބިއަން ކަނޑުންތޯ ނޫނީ ބޭ އޮފް ބެންގޯލުންތޯ
"އެ މައުލޫމާތު ދެނެގަންނަން އިތުރު ދިރާސާތައް ކުރަން ގަސްދުކުރަން،" ހުސެން ވިދާޅުވި އެވެ.
އިއްޔެގެ 'ހިޔަވިހާ ނަކަތުގެ ސިންތާ'އަކީ އޭނާގެ އެ ދިރާސާ މުޅިން ނިންމަވާފައި އޭގެ ވާހަކަ ދައްކަވަން ބޭއްވި ބައްދަލުވުމެއް ނޫނެވެ. އިއްޔެ އޭނާ ހިއްސާކުރެއްވީ މިހާރު ހައްދަވަމުން އަންނަ ދިރާސާގެ ކުރު ހުލާސާއެކެވެ. 
އެ ހުލާސާއިން ވެސް ބައެއް މުހިންމު މައުލޫމާތު ލިބުނެވެ. މިސާލަކަށް އެ ވިއްސާރައިގައި އުތުރުގެ ގާތްގަނޑަކަށް 32 ރަށް ފަޅުވިކަމެވެ. މާނައަކީ ވިއްސާރައިން ލިބުނު ގެއްލުމާއި ބިރުވެރިކަމާ ހެދި އެންމެ އުތުރުގެ ގިނަ ރަށްރަށަކުން މީހުން ފައިބައި، އެހެން ރަށްރަށުގައި ވަޒަންވެރިވީ އެވެ. އެގޮތަށް ރަށްރަށުން ފޭބުނު މީހުންނަށް ވުރެ ތޫފާންގައި މަރުވި މީހުންގެ އަދަދު ގިނަވުން ވެސް އެކަށީގެންވެ އެވެ.
އަހަރެމެން އެންމެންނަށް ވެސް މި އެނގެނީ އުތުރުގެ އެންމެ އާބާދީ ބޮޑު އަދި ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހުންނާނީ ހދ. ކުޅުދުއްފުށީގައި ކަމެވެ. ނަމަވެސް މީގެ 204 އަހަރު ކުރިން ކޭލަކުނު ސުންނާފަތި ކޮށްލި ވިއްސާރައިގެ ބައެއް ވާހަކަތަކަށް ބަލާއިރު އެ ނޫން ގޮތަކަށް ލަފާކުރެވިދަނެ އެވެ. ހުސެން އޭގެ އެއް މިސާލު ދެއްކެވި އެވެ.
ކީރިތި ރަސޫލާގެ އީދުމީލާދީ ކަމަށްވާ 12 ރަބީއުލްއައްވަލްއަކީ މީގެ 30 އަހަރު ކުރިއަށް ބަލާ ނަމަ ރާއްޖޭގައި ވަރަށް ތަފާތުކޮށް ފާހަގަކުރާ ދުވަހެކެވެ. އެ ދުވަހު ރާއްޖޭގެ ރަށްރަށުގައި މައުލޫދުކިއުން އޮންނާނެ އެވެ. ހާއްސަ ކެއުންތައް ތައްޔާރުކުރާނެ އެވެ. އެއީ ބޮޑު އީދެއް ފަދަ ދުވަހެކެވެ.
ކޭލަކުނު ތަޅާލި ވިއްސާރަ ލައްވާލީ 13 ރަބީއުލްއައްވަލު 1237ގަައި ކަމަށް، ތާރީހީ ލިއުންތަކަށް ބިނާކޮށް، އެއް ބަޔަކު ލަފާކުރެ އެވެ. އޭގެ މާނައަކީ އޭގެ ކުރީ ދުވަހު އެ މައުލޫދުގެ ކަންކަން އެ ރަށުގައި އޮންނާނެ ކަމެވެ. ތާރީހީ ބައެއް ވާހަކަތަކަށް ބިނާކުރައްވައި ހުސެން ވިދާޅުވީ ރަބީއުލްއައްވަލް 12ގެ މައުލޫދަށް ކައްކަން ކުޅުދުއްފުށީ ބައެއް އަންހެނުން ކޭލަނުކަށް ދަތުރުކުރި ކަމަށެވެ. އެކަމަކު އެ މީހުން އެދުވަހުގެ ހަވީރު އެނބުރި ކުޅުދުއްފުއްޓަށް ދިޔަ އެވެ.
"އެ ވާހަކަތަކުން އެބަ ހުރި [އެމީހުންނަށް] ސަލާމަތުން ކުޅުދުއްފުއްޓަށް އާދެވުނު ކަމަށް. [މާނައަކީ] 12 ވަނަދުވަހު ހަވީރު ވިއްސާރަ ޖެހުމުގެ ކުރިން ކުޅުދުއްފުއްޓަށް [ދެވުނޭ]،" ހުސެން ވިދާޅުވި އެވެ.
އެ ވިއްސާރަ ކުޅުދުއްފުއްޓަށް ވެސް ލައްވާލި އެވެ. އެ ރަށުން ސަލާމަތްވީ ގާތްގަނޑަކަށް 80 ވަރަކަށް މީހުން ކަމަށް، ބައެއް ވާހަކަތަކަށް ބިނާކުރައްވާ، ހުސެން ވިދާޅުވި އެވެ.
މައުލޫދަށް ކައްކަންވެގެން ކުޅުދުއްފުށީ އަންހެނުންގެ ބަޔަކު ކޭލަކުނަށް ދިއުމުން ބެލެވެނީ އޭރު ކުޅުދުއްފުއްޓަށް ވުރެ އުމުރާނީ ގޮތުން ނުވަތަ ތަނަވަސްކަމުގެ ގޮތުން ކޭލަކުނު ކުރީގައި އުޅުނު ކަމެވެ.
ނަމަވެސް އެ ހުރިހާ 'ތަރައްގީއެއް' ތޫފާނުގައި ނެތި ދިޔައީ އެވެ. ކޭލަކުނު ތަޅާލި ވިއްސާރައިގެ ނަމުން އެ ކާރިސާ ތާރީހަށް ވަދެފައި އެވަނީ ވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެރަށަށް ކަމަށް ވާތީ އެވެ.
ކޭލަކުނު ތަޅާލި ވިއްސާރައިގެ ފުރިހަމަ އިލްމީ ދިރާސާ ނިމޭ އިރު އެ ރަށުގައި އޭރު އޮތް އާބާދީ އާއި ތޫފާންގައި ޖެހުނު ވައިގެ ބާރުމިން ފަދަ އެތައް މައުލޫމާތެއް ހިމެނޭނެ ކަމަށް ހުސެން ވިދާޅުވި އެވެ.
"ހަގީގަތުގައި މި ވިއްސާރަ ގެެނެސްދޭން ބޭނުންވަނީ ހަމައެކަނި އެކަން ހިނގާ ދިޔަ ގޮތް ދެނެގަންނާކަށް ނޫން. އޭރު ދިވެހިރާއްޖެ އޮތް ހާލަތު ގެނެސްދޭން ބޭނުން،" ހުސެން ވިދާޅުވި އެވެ.
"މި ހާދިސާ ކުރިމަތިވި އިރު ދިވެހިން ތިބީ ކޮން ހާލެއްގައިކަން ގެނެސްދޭން ބޭނުން."
ކޭލަކުނަކީ އާދައިގެ ރަށެއް ނޫނެވެ. މިއީ މިހާރު ރާއްޖޭގައި އޮތް ޖަންގައްޔެއްގެ ގޮތުގައި ބެލެވޭ ހަމައެކަނި ރަށެވެ. ރަށް އޮތީ ހިމާޔަތްކޮށްފަ އެވެ. އެހެން އެއްވެސް ރަށަކުން ނުފެންނަ އެތައް ގަސްގަހާގެއްސެއް އެެރަށުގައި އެބަ ހުއްޓެވެ. މިދިއަ ދެ ގަރުނުގެ ތެރޭގައި އިންސާނުންގެ މާ ބޮޑު ގުޅުމެއް، ބެހުމެއް، ހަލާކުކުރުމެއް ނެތުމާ އެކު ރަށުގެ ގުދުރަތީ ރީތިކަން އޮތީ ވަރަށް ބޮޑަށް ފުރިހަމަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ