ރާއްޖޭން އޭޝިއަން ކަޕްގެ ކޮލިފައިން ފުރަތަމަ މެޗު ފިލިޕީންސްގައި ކުޅޭ ގޮތަށް ބަދަލެއް ރާއްޖޭން އޭޝިއަން ކަޕްގެ ކޮލިފައިން ފުރަތަމަ މެޗު ފިލިޕީންސްގައި ކުޅޭ ގޮތަށް ބަދަލެއް

ސަައުދީ އަރަބިއްޔާގައި 2027 ވަަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގައި، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ފިލިޕީންސާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ ގޮތަށް ބަދަލު ގެނެސްފި އެވެ.
ކޮލިފައިން ގްރޫޕް އޭގައި، ރާއްޖެއާ އެކު ހިމެނެނީ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެވެ. އެންމެ ފުރަތަމަ އޭއެފްސީން ޝެޑިއުލް އާންމުކުރިއިރު، ރާއްޖޭން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 25 ވަނަ ދުވަހު، ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން ޖެހެ އެވެ.
އެކަމަކު، އެ މެޗު ރޯދަ މަހުގެ ފަހު 10 ގެ ތެރެއަށް ދިމާވާއިރު، 27 ވިލޭރޭއާ ވެސް ދިމާވުމުގެ ފުރުސަތު އޮތުމުން، އެފްއޭއެމް އިން ފިލިޕީންސްގެ ފުޓްބޯޅަ އެސޯސިއޭޝަނާ މަޝްވަރާކޮށް، ދެ ޓީމުގެ ހޯމް މެޗު މި ވަނީ ބަދަލުކޮށްފަ އެވެ.
އެހެންކަމުން، އަންނަ މަހުގެ 25 ވަނަ ދުވަހު ކުޅޭނީ ފިލިޕީންސްގެ ހޯމް މެޗު އެ ގައުމުގަ އެވެ. އަދި، ފިލިޕީންސާ ދެކޮޅަށް ރާއްޖޭގެ ހޯމް މެޗު ކުޅޭނީ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ.ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ، 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި އޭއެފްސީ ޗެލެންްޖް ކަޕްގެ ސެމީ ފައިނަލް ހިމެނެ އެވެ. އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ފުރަތަމަ މެޗުގައި، ފިލިޕީންސާ ކުޅުމުގެ ކުރިން، އަންނަ މަހުގެ 19 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ދެ މެޗުގައި، ރާއްޖޭން ކުޅޭނީ ލޯކަލް ފުޓްބޯޅަ ސީޒަން ނުފަށަ އެވެ. ގައުމީ ޓީމުން އެންމެ ފަހުން ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ދެ މެޗު ކުޅުނީ ވެސް، ލޯކަލް ފުޓްބޯޅަ ސީޒަން ނުކުޅެ، 11 މަސް ހިނގިތަނާ އެވެ. އަދި، އެއީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކުޅުނު ގައުމީ ޓީމުގެ ފުރަތަމަ މެޗުތަކެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ހަތަރު ވަނަ ފަހަރަށް ކަލަންޑަރަށް ބަދަލު ގެނެސް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ އޭޕްރީލް 8 އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭގައި ކުޅޭ ފުރަތަމަ މެޗު ވެގެންދާނީ، އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ. މި ތާރީހުގެ ކުރިން، ރާއްޖޭން މާލޭގައި މެޗެއް ނުކުޅެފިނަަމަ، އެ ވެގެންދާނީ ދެ އަހަރަށް ފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުޅޭނެ ފުރަތަމަ މެޗަށެވެ. އެންމެ ފަހުން، ގައުމީ ޓީމުން ގަލޮޮޅު ދަނޑުގައި މެޗެއް ކުޅުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 12 ގަ އެވެ.
މެޗު 1: ފިލިޕީންސް - ރާއްޖެ (މާޗް 25 - ފިލިޕީންސް)
މެޗު 2: އީސްޓް ޓިމޯ - ރާއްޖެ (ޖޫން 10 - )
މެޗު 3: ތަޖިިކިސްތާން - ރާއްޖެ (އޮކްޓޫބަރު 09 - ތަޖިކިސްތާން)
މެޗު 4: ރާއްޖެ - ތަޖިކިސްތާން (އޮކްޓޫބަރު 14 - މާލެ)
މެޗު 5: ރާއްޖެ - ފިލިޕީންސް (ނޮވެމްބަރު 18 - މާލެ)
މެޗު 6: ރާއްޖެ - އީސްޓް ޓިމޯ (މާޗް 31 - މާލެ)
ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އެންމެ ރޭންކިން ރަނގަޅު ޓީމަކީ ތަޖިކިސްތާން އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އެވެ. ގެލާ، ތަޖިކިސްތާނާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ޕީޓަ ސެގާޓް ވަކިވުމުންނެވެ. ގެލާ ވަނީ އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނުގައި ވެސް ސެގާޓްގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ.
ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ކޯޗިން ޓީމުގައި ހިމެނެނީ، ސެގާޓާއި ގެލާގެ އިތުރުން އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އެ ފަހަރު ޓީމުގެ ގިނަ ކަންކަމުގައި އިސްކޮށް މަސައްކަތްކުރި އެއް ފަރާތަކީ ގެލާ އެެވެ.
ރާއްޖޭން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ