މިހާތަނަަށް 15،000 ގޭބިސީއަށް މަސްދަޅު ކޭސް ދީފި
މިހާތަނަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް (މާލޭ ސަރަހައްދުގައި) މަސްދަޅު ކޭސް ފޯރުކޮށްދެވިއްޖެ ކަމަށް ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. https://x.com/Adamshareefz/status/1893908022919073938 ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސް ބަހަން ފެށީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައެވެ. އެ މަސްދަޅު ކޭސްތައް ދޫކުރުމަށް 'ރޯދަ ހަދިޔާ' ނަމުގައި ޕޯޓަލެއް ތާރަފްކުރީ ހޮނިހިރު ދުވަހެވެ. އޭގެފަހުން މިނިސްޓްރީން ވަނީ މަސްދަޅު ކޭސްތައް ނަގަން ދޫކުރާ ޓޯކަން ނަންބަރު އިތުރުކުރަން ނިންމާފައެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބަރާހީމް މިއަދު ވިދާޅުވީ 'ރޯދަ ހަދިޔާ' ޕޯޓަލް މެދުވެރިކޮށް މިހާރު 24 ގަޑިއިރު އާންމުން ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ވަގުތު ހުކުރު ދުވަހާ ހަމައަށް ހުރި ތާރީޚުތަކުން ކޮންމެ ވަގުތެއްގައި ވެސް ބުކިން ހެދިދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. "[މަސްދަޅު] ދޫކުރުން އޮންނަނީ ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އާ ހަމައަށް ދެވިފައިވާ ވަގުތުގެ ތެރޭގައި. އެ މީހަކަށް ފަސޭހަ ވަގުތެއްގައި ނަގަން އާދެވޭނެ. އެހެންވީމަ ކިޔޫގައި ތިބެންޖެހޭނެ ސަބަބެއް ނުފެނޭ މިހާރު," ސްޓޭޓް މިނިސްޓަރު މުހައްމަދު ވިދާޅުވިއެވެ. އޭނާ ވަނީ ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް މިހާރު މަސްދަޅު ކޭސްތައް ދޫނުކުރެވޭނެ ކަމަށާއި ވީހާ ވެސް އަވަހަކަށް ބުކް ކުރުމަށް ސަމާލުކަން ދިނުމަށް އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި މަސްދަޅު ކޭސް ދެއްވުމަށް ރައީސް ނިންމެވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެންބަރުމަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ