މަޖިލީހާއި ޝަރުއީ ދާއިރާ އަދި މުއައްސަސާތަކުގެ މުސާރަ ކުޑަ ނުކުރަން މަޖިލީހުން ރައީސަށް ލަފާ ދީފީ

ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މިވަގުތު ނުފެންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އެޅުމަށް ނިންމާފައިވާ ބައެއް ފިޔަވަޅުތަކަށް މަޖިލީހުން ރުހުން ހޯދުމަށް ރައީސް މުއިއްޒު މީގެ ދެ ހަފްތާ ކުރިން މަޖިލީހަށް ފޮނުވާފައިވެ އެވެ. އެގޭ ތެރޭގައި ހިމެނެނީ:
މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ އަސާސީ މުސާރަ އާއި  12،000ރ. އިން މަތިން މުސާރަ ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ %10 އުނިކުރުމަށް
މަޖިލީހަށް ފެންނަ ނަމަ މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާތަކުގެ އިސް ވެރިންގެ މުސާރައިގެ %10 އުނިކުރުމާ މެދު ގޮތެއް ނިންމަވައިދެއްވުމަށް
ރައީސް ފޮނުވާފައިވާ އެ ސިޓީއާ ގުޅޭ ގޮތުން އެ މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމާފައިވަނީ، އެ މުސާރަތައް ކުޑަ ކުރަން މިވަގުތައް ނުފެންނަ ކަމަށެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އެ ނިންމުމުގެ ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހަޅާފައިވެ އެވެ.
ތަފްސީލު - ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، މުސާރަތައް ކުޑަ ނުކުރަން ރައީސްއަށް ލަފާ ދޭން ފާސްވީ، 44 މެންބަރުންގެ ތާއީދާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އަދި މިއަދުގެ ޖަލްސާއަށް ހާޒިރުވެ، މި ވޯޓުގައި 28 މެންބަރުން ބައިވެރިވެފައެއްނުވެ އެވެ. އޭގެ ތެރޭގައި އެމްޑީޕި އާއި ޕީއެންސީގެ މެންބަރުން ހިމެނެ އެވެ.
ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ:
އެ މަގާމުތަކުގެ މުސާރަ ކުޑަކުރެވޭނީ ގުޅުން ހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން. އެ އިސްލާހުތައް ނުގެނެސް މުސާރަތައް ކުޑަކުރުމަކީ، "އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން"
އޭގެ އިތުރުން، އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް
އެހެން ކަމުން މިވަގަށް މުސާރަ ކުޑަ ކުރުމަށް ނުފެނޭ
އެ މަގާމުތަކުގެ މުސާރަތައް ކުޑަ ކުރުމުގެ ބަދަލުގައި ލަފާ ދީފައި ވަނީ، ބްރޯޑްކާސްޓިން ކޮމިޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުން ހިމެނޭހެން، އެގޮތަށް އެއްކުރެވޭ މުއައްސަސާތައް އެއްކޮށްލައިގެން ހަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށެވެ.
"މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިފި ނަމަ، އެފިޝިއެންސީ އިތުރުކުރެވި، ހަރަދުތައް ބޮޑު ތަނުން ކުޑަކުރެވޭނެ،" ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.
އެގޮތަށް އެއްކޮލެވެން ހުރި މުއައްސަސާތައް އެކޮށްލުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ތަންފީޒު ކުރެވިއްޖެ ނަމަ، ހަރަދު ކުޑަ ކުރުމުގެ ސިސާތުގެ ދަށުން އެދެވިގެންވާ ނަތީޖާއަށް ނެރެވޭނެ ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ބްރޯޑްކޮށްމް އާއި އެމްއެމްސީ އެއްކޮށްލުމަށް މިދިޔަ އަހަރު ފަހުކޮޅު ތޫޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނަނާން މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. މިނިވަން ނޫސްވެރިކަމެއް ކުރަން ހުރަސް އެޅޭ ގޮތަށް ފަރުވާކޮށްފައިވާ އެ ބިލު މަޖިލީހުން ބޭރުކޮށްލާފައި ވަނީ، އޭރު ނޫސްވެރިން ކުރި ޕްރެޝަރުތަކާ އެކު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ބިލަކީ، ސަރުކާރާ ގުޅުން ހުރި ބިލެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ