އަޅުގަނޑު ގުޅިއިރު ޒުވާން ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ސާއިލް އަލީ އާއި އާލިމް އަބްދުއްލަތީފް ތިބީ އަރަފާތުގެ ފޭލިގެއެއްގަ އެވެ. އެއީ ސައުދީ އަަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި މިފަހަރު ހައްޖުގެ އަޅުކަން ފުރިހަމަކުރަން ފުރުސަތު ލިބުނު ދިވެހިންގެ ތެރެއިން އެންމެ ޒުވާން ދެ މެމްބަރެވެ.
ސާއިލް އާއި އާލިމްއަކީ ވެސް ދިވެހި ނޫސްވެރިކަމުގެ ކުރިމަގުގެ އުއްމީދެވެ. ވަރަށް ތަފާތު ހުށައެޅުންތަކާ އެކު ޒަމާނީ ނޫސްވެރިކަމުގައި ކުރިއަށް ދާން ހިތްވަރުކުރެ އެވެ. އެކި ކަންކަމާ ގުޅޭ ގޮތުން މީހުން ވިސްނާ ގޮތާއި އިހުސާސްތައް ތިލަކޮށްލައި، ކިއުންތެރިންނާ ހަމައަށް ގެނެސްދެ އެވެ. ނަމަވެސް ހައްޖުގެ އަޅުކަމުގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކާއި އިހުސާސްތައް ސިފަކޮށްދޭން ދެ ޒުވާނުންނަށް ވެސް އުނދަގުލެވެ.
"އަސްލު އަޅުގަނޑަށް ވަރަށް އުނދަގޫ ހައްޖުގެ މި އިހުސާސްތައް ބުނެދޭން،" ސާއިލް ބުންޏެވެ.
ފުރަތަމަ ފަހަރަށް މާތްވެގެންވާ ހަރަމްފުޅަށް ވަދެވި ގެފުޅު ފެނުނު ވަގުތެވެ. ދަތުރުގައި ދިމާވި ކުޑަ ހުރަހަކާ އެކު ހޭދަކުރަން ޖެހުނު ވަގުތު ގިނަވި އެވެ. މައްކާއަށް ގޮސް ހަރަމްފުޅަށް ވަދެވުނު އިރު ފަތިސް ވެއްޖެ އެވެ. އެހެން ތަނެއް ނަމަ ބަލާނީ ވަރުބަލިފިލުވާލަން އޮށޯންނާށެވެ. އެކަމަކު އިސްލާމް ދީން ބާވާލެއްވި ބިމުގައި އެ ހުރި އިސްލާމް ދީނުގެ އެންމެ މާތްވެގެންވާ މިސްކިތަށް ވަދެވުމުން، ސާއިލް ބުނީ، ވަރުބަލިކަން ފިލާ ހިނގައްޖެ ކަމަށެވެ. އަޅުކަމުގެ އިހުސާސްތައް ހަށިގަނޑުގެ އެހެން ކަންކަމުގެ މައްޗަށް ގަދަވެގަތީ އެވެ.
ސާއިލް ބުނި ގޮތުގައި ހަރަމްފުޅުގެ ތެރެއިން ފެނުނު ކޮންމެ މަންޒަރަކުން ވެސް އޭނާގެ އީމާންތެރިކަން ވީ ވަރުގަދަ އެވެ. އިސްލާމް ދީނަށް އޮތް ލޯބި ވީ ބޮޑެވެ. އޭނާގެ ހިޔާލުތައް އުދުހިގަތީ، އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ އާއިލާ އޭރު އެ ހުސް ބިމުގައި އުޅުއްވާނެ ދަތި، އުނދަގޫ ގޮތްތައް ސިފަކުރުމުގެ ތެރެއަށެވެ. އޭގެ ފަހުން މައްކާއަށް އަޅުކަމުގައި ގޮސް އުޅުނު މީހުން އުފުލާނެ ބުރަ އެވެ.
"ސޮފާ އާއި މަރުވާގައި ހިނގި އިރު ހަމަ ވަރަށް ބޮޑަށް ހިތަށްއެރި އިބްރާހިމްގެފާނާއި އަނބިކަނބަލުންނާއި ދަރިކަލުން އުޅުއްވާނެ ގޮތް. ހާދަހާ އުނދަގޫތަކެއް އުފުއްލަވާނެއޭ. އެގޮތަށް ހިތަށްއަރާފައި އަޅުގަނޑަށް ވިސްނުނީ މި ޒަމާނުގައި އަޅުގަނޑުމެން ދެން ކޮން ކަމަކާހޭ ޝަކުވާކުރަންވީ. ކިހާ ފަސޭހަހޭ ހުރިހާ ކަމެއް ވެސް މިހާރު،" އުމުރުން 32 އަހަރުގެ ސާއިލް ބުންޏެވެ.
އާލިމްގެ އުމުރުން އަދި 23 އަހަރެވެ. އޭނާއަކީ މިފަހަރު ހައްޖަށް ދިޔަ އެންމެ ޒުވާން ދިވެހި ހައްޖުވެރިޔާ ވެސް މެ އެވެ. ދީނީ ކަންކަމަށް ލޯބިކުރެ އެވެ. ގޯސްކޮށް ކަމެއް ކުރެވުނަސް އެކަން ދެން ތަކުރާރުނުކުރުމުގެ އަޒުމް އޮވެ އެވެ. ހައްޖުގެ އަޅުކަމުގެ މި ފުރުސަތަކީ، އާލިމް ގަބޫލުކުރި ގޮތުގައި، އޭނާގެ ވަރަށް ބޮޑު ނަސީބެކެވެ. ދީނީ އަގީދާ އިތުރަށް ވަރުގަދަކުރަން މާތްﷲ ތަނަވަސްކޮށްދެއްވި މަގެކެވެ.
"ފްލައިޓަށް އަރިގެން ދަތުރުކުރި އިރު ހިތް ނުތަނަވަސްކަމެއް އޮތް. ވަރަށް ބާރަށް ހިތް ތެޅެމުން ދިޔަ. އަނެއްކާ އެތަނަށް ދެވޭނެ ބާވައޭ، އެހެން ހިތަށްއަރާފައި ބިރުގެންފައި އުނދެވުނީ،" އާލިމް ބުންޏެވެ.
"ގެފުޅު ފެނުނީމާ ގައިން ހީބި ނެގީ. އަސްލު ހަމަ ފެންކަޅިވި."
ހައްޖު ދަތުރަކީ އެތައް ބަޔަކާ ބައްދަލުވެ، އެކި މީހުންގެ ހާލުއަހުވާލު ވެސް އޮޅުންފިލުމެވެ. ނޫސްވެރިންނަށް ވާތީ އެކަހަލަ ކަންކަން ހޯދުމުގެ ނިޔަތް ދެ ޒުވާނުންގެ ބޮޑެވެ. އެހެންކަމުން ދިމާވާ މީހުންގެ ތަޖުރިބާތައް އެނގެން ބޭނުންވެ އެވެ. ސުވާލުކުރެވެ އެވެ.
ސާއިލް އާއި އާލިމް ވެސް ބުނީ އެމީހުންނެކޭ އެއްފަދަ ދައުވަތެއްގައި ހައްޖަށް ގޮސް ތިބި ފަލަސްތީނުގެ ހައްޖުވެރިންގެ ވާހަކަތަކުން ލިބުނީ ހަޔާތުގެ ތަފާތު ފިލާވަޅުތަކެއް ކަމަށެވެ.
އާލިމްއާ ބައްދަލުވި ފަލަސްތީނުގެ އެކަކީ ގާޒާ ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު މިސްރަށް ވަދެވުނު މީހެކެވެ. ނަމަވެސް އެ ސަލާމަތްތެރިކަން ހޯދަން އޭނާ 30،000 ޑޮލަރު (462،600 ރުފިިޔާ) ހޭދަކުރި ކަަމަށްވެ އެވެ. އިޒުރޭލްގެ ހަމަލާތަކުގައި ދެ ދަރިން ވަނީ ޝަހީދުވެފަ އެވެ. ގެދޮރު ފުނޑުފުނޑުވެފަ އެވެ.
ސާއިލްއާ ބައްދަލުވި ފަލަސްތީނުގެ ހައްޖުވެރިޔަކު އިންނަނީ ވީލްޗެއާގަ އެވެ. އޭނާގެ އެއް ފައި ވަނީ، އިޒުރޭލްގެ ހަމަލާއެއްގައި ޒަހަމްވެފަ އެވެ. އެއަށް ވުރެ ބޮޑު ހިތާމައަކީ އަންހެނުންނާއި ހަ ކުދިން ޝަހީދުވުމެވެ.
ނަމަވެސް އެ ހިތްދަތި ތަޖުރިބާތަކާ އެކު ވެސް ފަލަސްތީނު ރައްޔިތުންގެ ކިބައިން ފެންނަ ހިތްވަރުން ދެ ނޫސްވެރިން ހައިރާންކޮށްލި އެވެ. ފާހަގަކުރީ ދުނިޔެވީ ޝަކުވާތައް ނެތް ކަމެވެ. މާތްﷲއަށް ހަމްދާއި ޝުކުރުކުރާކަމެވެ.
"އަޅުގަނޑުމެންގެ މި އޮންނަނީ މާނައެއް ނެތް ކަންކަމުގައި ވެސް ޝަކުވާ. އެކަމަކު ފަލަސްތީނުގެ އެ ރައްޔިތުންގެ ހިތްވަރު ގަދަކަމާއި ކެތްތެރިކަން މާ ބޮޑު ޝަކުވާއަށް ވުރެ. އެއީ އަޅުގަނޑަށް ފާހަގަކުރެވުނު ވަރަށް ބޮޑު ތަފާތެއް،" އާލިމް ބުންޏެވެ.
ޒަމާނާ އެކު ދިވެހި ޒުވާނުންގެ އުޅުން ވެސް މި އޮތީ ބަދަލުވެފަ އެވެ. އިޖުތިމާއީ ގިނަ މައްސަަލަތަކެއް ވެސް ކަވަރުކުރާ ނޫސްވެރިންނަށް ވާތީ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގެ އެވެ. ދުނިޔެވީ ކަންކަމަށް އިސްކަން ދިނުން ބޮޑެވެ. މަސްތުވާތަކެތީގެ މައްސަލަ އެހާ ސީރިއަސް އެވެ. ގޮތް ނޭނގޭ މަރުތައް، ޒުވާނުންގެ މެދުގައި ގިނަވަމުގެ ހިތާމަ އިހުސާސްކުރެވެ އެވެ.
ސާއިލް އާއި އާލިމް ވެސް ބުނީ ކަން ފަސޭހަކޮށްލާފައި، މިވެނި ކަމެއް ފަހުން ކުރާނީއޭ ހިތާ، ދުނިޔެވީ އުފާތަކުގެ ތެރެއަށް ގެނބިގެން ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. ފަހުން ކުރަން ހަދައިގެން ބައެއް ފަހަރަށް 'އެ ފަސް'އާ ބައްދަލުނުވެ، ދުނިޔެ ދޫކުރަން ޖެހިދާނެ އެވެ. އެހެންކަމުން މިހާރު ލިބިފައި އޮތް ފުރުސަތުގެ ބޭނުން ނުކޮށް ތިބެން ހެޔޮނުވާނެކަން ދެ ނޫސްވެރިން ފާހަގަކުރި އެވެ.
އާލިމް ބުނީ ޒުވާނުން ޗުއްޓީތަކުގައި އެހެން ގައުމުތަކަށް ދަތުރުކުރާ އިރު އުމުރާއަށް ދިއުމަކީ ވެސް މިހާރު ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
"ދުނިޔެވީ އުފާ ވެސް ހޯދަންވާނެ. އަޅުގަނޑު ބުނާނީ ޗުއްޓީއަށް އެ ހޭދަކުރާ އެއްޗެއް ދެ އަހަރުން އެއް އަހަރު އުމުރާއަކަށް ހޭދަކޮށްލިޔަސް ހާދަ ބޮޑު ކަމެކޭ އެ ކުރެވުނީ،" އާލިމް ބުންޏެވެ.
"ހައްޖަށް ފުރުސަތު ހޯދަން އުނދަގޫ. އެކަމަކު އުމުރާކުރެވެން އެބަ އޮތް ވަރަށް ފަސޭހަކޮށް. ލާރިކޮޅެއް އެއްކޮށްލައިގެން ދެ އަހަރުން އެއް އަހަރު ވެސް އުމުރާއަކަށް ދެވޭނެ. އެއީ އަސްލު ހާދަ ބޮޑު ކަމެކޭ ދީނީ ގޮތުން."
"މިއީ އެންމެ ވޯތު ޑެސްޓިނޭޝަން ސޭވިންއެއް އެއްކޮށްލައިގެން އަންނަން. ކޮންމެ ދެ އުމުރާއެއްގެ ދެމެދު ފާފަ ފުއްސަވާ. ޒުވާނުންގެ މަރުތައް އިންތިހާއަަށް ގިނަ. ފަހުން މިކަން ކުރާނިއްޔޭ ހިތާ ހުންނާކަށް ނުވާނެ."
އާލިމްގެ އެހެން މެސެޖެއް ވެސް ވަރަށް ސާފެވެ. އޭނާ ބުނީ ކުށެއް ކުރެވުނީތީ ހެޔޮ ކަމެއް ނުކުރަން ހުރެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ހަޔާތުގައި ޅަ އެއްޗެހި އެޅިފައި ހުންނާނެ. އެކަމަކު ރަނގަޅު މީހާއަކީ އެ ކަންކަމުން އިބުރަތް ހާސިލްކޮށްގެން ކުރިއަށް ދާ މީހާ،" އާލިމް ބުންޏެވެ.
ސާއިލް ބުނި ގޮތުގައި ދިވެހި ގިނަ ޒުވާނުންނަށް ވެސް އުޅެވެނީ "ބޮޑަށް ދުނިޔެ ހޯދުމު"ގަ އެވެ. ދުނިޔެވީ ކޮންމެވެސް ކަމެއް ހާސިލްކުރަން ބޭނުންވެ، އެކަމުގައި ބައެއް ޒުވާނުން އަވަދިވަނީ އެވެ. އެހެންވެ އުމުރާ އާއި ހައްޖުގެ އަޅުކަން ދަނީ ގިނަ ޒުވާނުންގެ ލިސްޓުގެ ފަހަތަށެވެ. އެއީ އުމުރުން އަދި ތަންކޮޅެއް ދުވަސް ވުމުން ކޮށްލާނެ ކަމަކަށް ބަދަލުވަނީ އެވެ.
ނަމަވެސް ސާއިލް ބުނީ ގައިގައި ބާރު ހުއްޓާ ނުވަތަ ޒުވާން އިރު ހައްޖުގެ އަޅުކަން ފުރިހަމަކުރުން ވަރަށް މުހިންމު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަކީ މި އަޅުކަން ވެސް އެންމެ ރަނގަޅަށް އަދާކުރެވޭނީ ޒުވާން އުމުރުގައި ކަން. އެހެންވެ ޒުވާން އުމުރުގައި ހައްޖުގެ އަޅުކަމަށް އާދެވޭތޯ މަސައްކަތްކުރަން ޒުވާނުންނަށް ގޮވާލަން،" ސާއިލް ބުންޏެވެ.
އަރަފާތު ބިމަށް މިއީ ވަރަށް ހޫނު ގަދަ ދުވަހެކެވެ. އެހެންކަމުން ފިނިކޮށްފައި ހުރި ފޭލިގެއިން ބޭރަށް ނުކުތުން ރައްކާތެރިއެއް ނޫނެވެ.
'ދައުރު'އަށް އިންޓަވިއު ދިން އިރު ދެ ޒުވާނުން ތައްޔާރުވެގެން ތިބީ މެންދުރު ނަމާދުގެ ވަގުތަށެވެ. މެންދުރު ނަމާދަށް ފަހު މުޅި ދުވަސް ދެން އޮންނާނީ ދުއާކުރުމާއި ގުރުއާން ކިޔެވުމުގަ އެވެ.
"މި ބިމުގައި މިގޮތަށް މި ދުވަހު ވަގުތު ހޭދަކޮށްލަން ލިބުމަކީ ހާދަ ބޮޑު ނަސީބެކޭ ހިތަށްއަރަނީ،" އާލިމް ބުންޏެވެ.
އެހެން ބިމެއްގައި ހުރެ އަޅުކަންކުރުމާއި މައްކާ އާއި އަރަފާތު ކަހަލަ ބިމެއްގައި ނަމާދުކުރާއިރު ވެސް އަދި ދުއާކުރާ އިރު ވެސް، ރޫހާނީ ބައި މާ ބޮޑުވާކަން ސާއިލް އެ އަންނަނީ ތަޖުރިބާކުރަމުންނެވެ. އަޅުކަމުގެ ތެރެއަށް ވީހާވެސް ބޮޑަކަށް ވަދެވިގެން އެ ލިބޭ ރޫހާނީ އުފާވެރިކަން އެހާމެ ތަފާތު ވެސް މެ އެވެ.
"އެކީގައި ނަމާދުގައި ތިބޭ ގިނަ މީހުން ވެސް ރޮމުން ދުއާކޮށް ހަދަނީ. އެހާ ބޮޑަށް ކުށްތައްވެެގެން އެ ކުރަނީ،" ސާއިލް ބުންޏެވެ.
"މިއަދަކީ އޭގެ ދުވަހެއް."
ސާއިލް އާއި އާލިމް ހައްޖުގައި: ޒުވާނުންނަށް ދެނީ ރަނގަޅު، މުހިންމު މެސެޖްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ