ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން ޔޫރަޕްގެ ލީޑަރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ވޮލޮޑިމިރް ޒެލެންސްކީ، ރަސްގެފާނު ޗާލްސް ތިންވަނައާ ސެންޑްރިންހަމްގައި ބައްދަލުކުރައްވައިފި އެވެ.
ޔޫކްރެއިންގެ ރައީސް ރަސްގެފާނުގެ ނޯފޯކް ގެކޮޅަށް ހެލިކޮޕްޓަރުގައި ވަޑައިގަތް އިރު، ޔޫކްރެއިންގެ ދިދަހިފައިގެން ތިބި ބައެއް މީހުން ވަނީ އެ ތަނަށް އެއްވެ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ.
މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ހިނގި އަލިފާނުގެ ޒުވާބަށް ފަހު، ޔޫރަޕްގެ ދިފާއީ ކަންކަމާ ބެހޭ މަޝްވަރާތަކަށް ޒެލެންސްކީ ވަނީ ހަފުތާ ބަންދުގައި ލަންޑަނަށް ވަޑައިގެންފަ އެވެ.
ޔޫކްރެއިންގެ ރައީސަށް ރަސްގެފާނު ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ. އެ ބައްދަލުވުން ދެމިގެން ދިޔައީ ގަޑިއެއްހާ އިރަށެވެ. ސެންޑްރިންހަމްގެ ސެލޫން ރޫމްގައި އެ ދެ ބޭފުޅުން ވަނީ ސައިފޮދު ހިއްޕަވައިފަ އެވެ.
ޒެލެންސްކީ ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ރަނގަޅު ބައްދަލުވުމެކެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މި ބައްދަލުވުމާ ބެހޭ ގޮތުން ފަހުރުވެރިވާ ކަމަށާއި ރަސްގެފާނު ހުންނެވީ ޔޫކްރެއިނަށް އެހީތެރިވެ، އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ކަމަށެވެ.
"އިނގިރޭސިވިލާތުގައި ތަމްރީނު ހޯދަމުން ދިޔަ އަހަރެމެންގެ ހަނގުރާމަވެރިންނާ ރަސްގެފާނު މިތަނުގައި ބައްދަލު ކުރެއްވި، ޝާހީ އާއިލާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ އާއި ޔޫކްރޭނަށް ތާއީދު ކުރައްވާކަން ރަސްގެފާނު މީގެ ކުރިން ވެސް ވަނީ ފާޅުކުރައްވައިފަ އެވެ. އަދި ރަޝިއާއިން އެ މީހުންގެ ބިމަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމަށް "ބަޔާން ނުކުރެވޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް" ދީފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރަސްގެފާނު މިދިޔަ އަހަރު ވިދާޅުވީ މިފަދަ އިންސާނީ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލުމުގައި ޔޫކްރެއިންގެ ރައްޔިތުން ދައްކައިދިނީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ ހިތްވަރާއި ސާބިތުކަން ކަމަށެވެ.
އިނގިރޭސި ރަސްގެފާނު ޒެލެނެސްކީއާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ