ދުނިޔޭގައި އެންމެ ބޮޑު ފިނިކުރުމުގެ ނިޒާމު މަސްޖިދުލް ޙަރަމްގައި ތަޢާރަފްކޮށްފި

ދުނިޔޭގައި މިހާތަނަށް ގާއިމުކޮށްފައިވާ އެންމެ ބޮޑު ފިނިކުރުމުގެ ނިޒާމު މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްގައި ގާއިމްކޮށް ހިންގަން ފަށައިފިއެވެ.
މަސްޖިދުލް ޙަރަމްއާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާބެހޭ ޖެނެރަލް ޕްރެޒިޑެންސީން ހާމަކޮށްފައިވާގޮތުގައި، 1446 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ގާއިމް ކޮށްފައިވާ މި ނިޒާމުގެ ޖުމްލަ ކެޕޭސިޓީއަކީ 155,000 ޓަނުގެ ފިނިކަމެވެ.
މަސްޖިދުލް ޙަރަމްގެ އެއަރކޮންޑިޝަންގެ އިންފްރާސްޓްރަކްޗަރ ބިނާވެފައިވަނީ ދެ މައި ސްޓޭޝަނެއްގެ މައްޗަށެވެ. އެއީ 120,000 ޓަނުގެ ކެޕޭސިޓީއެއް ލިބިގެންވާ އަލް-ޝާމިޔާ ސްޓޭޝަނާއި، 35,000 ޓަނުގެ ކެޕޭސިޓީއެއް ލިބިގެންވާ އަޖްޔާދު ސްޓޭޝަނެވެ.
މި ސްޓޭޝަންތަކުން މިސްކިތުގެ ހުރިހާ ސަރަޙައްދެއް، އެކްސްޕެންޝަން ސަރަޙައްދުތައް ހިމެނޭ ގޮތަށް، ފިނިކޮށްދޭނެއެވެ. މިއީ ޙައްޖުވެރިންނަށް 22 ޑިގްރީ ސެލްސިއަސް އާއި 24 ޑިގްރީ ސެލްސިއަސް ދެމެދުގެ ހިތްގައިމު އަދި އަރާމު ފިނިހޫނުމިނެއް ޔަގީންކޮށްދިނުމުގެ މަޤްޞަދު ގާއިމްކުރި ނިޒާމެއްކަމަށް މަސްޖިދުލް ޙަރަމްއާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާބެހޭ އޮފީހުން ހާމަކުރެއެވެ. 
ވައިގެ ކޮލިޓީ އެންމެ ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށްޓަކައި، މި ނިޒާމުގައި ވަނީ ވައިގެ ތެރޭގައި ހުންނަ ނުސާފުތަކެތީގެ 95 އިންސައްތަ ނައްތާލުމުގެ ގާބިލްކަން ލިބިގެންވާ ޒަމާނީ ސާފުކުރުމުގެ ޓެކްނޮލޮޖީތައް ހިމަނާފައެވެ. މިއީ ޚާއްޞަކޮށް ހޫނު މޫސުމުގެ ގަދަ ހޫނުގައި، ޙައްޖުވެރިންނަށް ސާފު އަދި ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެކެވެ.
ޙަރަމްގެ އިދާރާއިން ދަނީ ޕްރޯއެކްޓިވްކޮށް އަދި މެދުނުކެނޑި މި ނިޒާމު މަރާމާތުކޮށް ބަލަހައްޓަމުންނެވެ. މިގޮތުން، މުހިންމު ބައިތައް ބަދަލުކުރުމާއި، މަސައްކަތްކުރާ ސަރަޙައްދުތައް ރައްކާތެރިކުރުމާއި، ޙައްޖުގެ ދުވަސްވަރު އިތުރުވާނެ ޑިމާންޑަށް އެކަށީގެންވާ ގޮތަށް ރިސޯސްތައް މެނޭޖްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް ދަތުރުކުރެއެވެ. މައްކާއަކީ ހޫނުގަދަ އަދި ހަނަފަސް މާޙައުލެއް އޮންނަ ސަރަޙައްދެއްކަމުން، ޙައްޖުގެ އަޅުކަމުގެ ތެރޭގައި، ޚާއްޞަކޮށް ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭއިރު، ހޫނުގެ ސަބަބުން ޙައްޖުވެރިންނަށް ތަފާތު އުނދަގޫތަކާ ކުރިމަތިވެއެވެ. އެހެންކަމުން، ޙައްޖުވެރިންނަށް ހިތްހަމަޖެހުމާއި އަރާމާއެކު އަޅުކަން އަދާކުރުމުގެ މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަޢޫދީ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމެކެވެ. މިފަދަ ބިޔަ ފިނިކުރުމުގެ ނިޒާމެއް ޤާއިމުކުރުމަކީ، ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އަޅުކަމަށް ފަސޭހަ މާޙައުލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ