މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި އިލްމީ ބަޤީޗާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ 98ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިއެވެ."މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.މަޖީދިއްޔާއަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސް ސިފަކުރެއްވި އެވެ. އަދި އެ ސްކޫލަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވި ގޮތުގައި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާއެކު އެވެ.ރައީސް ވަނީ މަޖީދިއްޔާއަށް 98 އަހަރު ފުރޭ މި ތާރީހީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރީންގެ އިތުރުން މުދައްރިސުންނާއި ހިންގުންތެރީންނަށް އަރިސްކުރައްވާފަ އެވެ. މަޖީދިއްޔާ ސްކޫލަށް 100 އަހަރު 2027 ވަނަ އަހަރު ފުރޭއިރު، އެސްކޫލުގެ 100 އަހަރު ފުރުމާއި ދިމާކޮށް 1000 ދުވަހުގެ ކައުންޓްޑައުންއެއް މިދިޔަ އަހަރު ވަނީ ފަށާފައެވެ. ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ވުން ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ