ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން ޕީއެންސީއަށް އަންގައިފި

ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ސަރުކާރު ހިންގާ ޕީއެންސީއަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު 11ގައި ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލޭގެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ބޭހެއްޓި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށީގައި މާރާމާރީ ހިންގައި، އެ ސްކޫލްގެ ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އެގޮތުން:
މި ހަމަނުޖެހުމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ ޖަހާފައި
ސްކޫލަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޕީއެންސީން އެއްބަސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި
ތަފްސީލު - އެ ހަމަނުޖެހުމާ ގުޅިގެން އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާއާ މިއަދު 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވީ، ޕީއެންސީން އެއްބަސްވި ބަދަލު މިހާރު އެ ސްކޫލަށް ދީފައިވާ ކަމަށެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އީސީން ކަށަވަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީއެންސީން ބަދަލު ދީފައިވާތީވެ އީސީން އިތުރު ފިޔަވަޅެއް ނާޅާ. ނަމަވެސް އީސީން ވާނީ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަށް އަންގާފައި ދެން ބާއްވާ މިފަދަ އިންތިހާބުތަކުގައި ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް، ރައްކާތެރިކަން އިސްކޮށްގެން ކަންކަން އިންތިޒާމް ކުރުމަށް،" ހަސަން ވިދާޅުވި އެވެ.
އެންގުން މުހިންމު - މި ހަމަނުޖެހުމާ ގުޅިގެން ބައެއް މީހުންނަށް ވެސް އަނިޔާވި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ހަމަނުޖެހުމުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޔަކު ވަދެ، އެ ތަނުގައި ތިބި މީހުންނަށް ހަމަލާދީ، އެ ތަނުގައި ހުރި ގޮނޑި ފަދަ ތަކެތި އުކާ ހަދާފައިވެ އެވެ.
މި ހަމަނުޖެހުން ހިންގީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ފޮނުވި ގްރޫޕަކުން ކަމަށް ތުހުމަތު ކުރެ އެވެ. އަދި މިކަމުގައި އޭނާގެ ދަރިކަލެއް ވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރި އެވެ.
މެންބަރު ހުސައިން ޝަރީފް ވަނީ އޭނާއަށް އެ ކުރި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ